ކޮލަމް

ކޮލަމް އޭޑީ: ވޯޓްގައި ފިކުރު އިސްކޮށްފިނަމަ ނަތީޖާ ހިތިވާނެ!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހަ ދުވަހަށްވީ އެވެ. މި ހަ ދުވަހުގެ ތެރޭގައި ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ރައްޔިތުންގެ ބަސް އިއްވާނެ މަންދޫބުން ކަނޑައަޅައި ވޯޓް ދޭނީ ކާކާށްކަން ނިންމަން ޖެހެއެވެ. ވޯޓް ދޭއިރު ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެއީ އަމިއްލަ ނަފުސު ތަމްސީލު ކުރާ މީހެކެވެ. ގާނޫނުތައް އަދި ހުރި ގޮތުން އެމީހަކު އެ މަގާމުން ވަކި ކުރުމުގެ ބާރު ފަސް އަހަރު ވަންދެން ނޯވެ އެވެ. އެމީހަކީ ޖުމްލަކޮށް މުޅި ގައުމުގެ ފައިދާއާއި މަސްލަހަތަށް މަސައްކަތް ކުރާނެ މީހަކަށް ވާން ޖެހޭނެ އެވެ.

މި ވޯޓަކީ މިއީ ވަކި ސިޔާސީ ފިކުރެއް ވަކި ލީޑަރެއް އަދި ޕާޓީއަކާއި މީހަކު ސަލާމަތް ކުރަން ދޭން ޖެހޭ ވޯޓެއް ނޫނެވެ. މިވޯޓަކީ މިއީ ރައްޔިތުން އެ މީހުނަށްޓަކައިލާނެ ވޯޓެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ސިޔާސީ ފިކުރުތަކާއި ޕާޓީތަކުގެ ފޯރި ހިފާފައި އޮންނަ ވަރަކީ ޕާޓީއަކުން މޮޅު ވާހަކައަކައަކަށް "ބުޅަލެއް ލިޔަސް ވޯޓް ދޭނަ"މޭ ބުނަނީ އެވެ.

ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ހޯދައިދޭން ނުކުންނަ ގާބިލް މީހާއަށްވުރެ ސިޔާސީ ޕާޓީއެއް ނުވަތަ ވަކި ކުލައަކަށް ނިސްބަތްވާ ވާޖިބު އަދާ ކުރުމުގެ ގާބިލްކަން ނެތް މީހާއަށް އިސްކަންދޭން ރައްޔިތުންގެ ތެރެއިން ބަޔަކު ތިބެނީ ތައްޔާރަށެވެ.

މީގެ ނަތީޖާއަކީ ގާބިލް މީހާއަށް ފުރުސަތު ނުލިބި މަޖިލީހުގެ ތެރެއަށް "ސިޔާސީ ޕަޕެޓުން" ވަނުމުގެ ފުރުސަތު ލިބުމެވެ. މާޒީއަށް ބަލާއިރު، ސިޔާސީ ޕާޓީތަކާއި ލީޑަރުންނާއި ވިޔަފާރިވެރިން މަޖިލީހުގެ މެމްބަރުން ކޮންޓްރޯލް ކުރުމުގެ ސަބަބުން ވެފައިވާ ގެއްލުން ބޮޑެވެ.

މި ފަދަ ހާލަތްތަކުގައި ބުއްދިއާއި ދެކޮޅަށް އެ ލީޑަރެއް ނުވަތަ ޕާޓީއަކާއި އެއްކޮޅަށް މަޖިލީހުގައި ވޯޓްދޭން މަޖުބޫރު ވެއެވެ. މިއީ ފެނިފައި ހުރި މަންޒަރެވެ. މިކަން މަޖިލިހުގެ ތެރެއިން ތަޖުރިބާ ކޮށްފައިވާ މެމްބަރުން މިފަހަރުވެސް މަޖިލީހަށް ކުރިމަތިލައިގެން އެބަތިއްބެވެ. މި އިންތިހާބުގެ ކެމްޕެއިންގައި އެ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެ އަޅުވެތިކަމުގައި މަޖިލީހުގައި ނިންމަވާފައިވާ ނިންމެވުންތަކެވެ.

މިކަން ތަކުރާރުވިޔަ ދީގެނެއް ނުވާނެ އެވެ. ރައްޔިތުންގެ މަޖިލީހަަށް މެމްބަރުން އިންތިހާބު ކުރަނީ ދާއިރާތަކަކަށް ކަމުގައިވީ ނަމަވެސް މެމްބަރުން އަމަލު ކުރަން ޖެހޭނީ މުޅި ގައުމުގެ މަސްލަހަތާއި ފައިދާއަށެވެ. ގާބިލް ނޫން ބަޔަކު ހަމަ އެކަނި ފިކުރަށް ބަލާފައި މަޖިލީހަށް ހޮވުމުގެ އަނެއް ނަތީޖާއަކަށް ވާނީ ގާބިލް މީހުން ސިޔާސީ ދާއިރާއާ ދުރަށް ދިއުމެވެ. މިއީ ބަދަލަކަށް ބޭނުންވެފައިވާ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ލިބޭނެ ގެއްލުމެކެވެ.

ގާބިލް މީހާއަށް ފުރުސަތު ނުދީ ޕާޓީތަކުގެ ވެރިންގެ ވަށައިގެން "ތޮވާފު" ކުރާ ބަޔަކަށް އެ ފުރުސަތު ދިނުމުގެ ސަބަބުން ގައުމަށް ވާނެ ގެއްލުން ބޮޑެވެ. މަޖިލީހުގައި ރައްޔިތުންގެ އަޑު ނޫފުލައި ހަމަ އެކަނި މުސާރަ ނަގައިގެން ހުންނާކަށް މީހަކު އިންތިހާބު ކުރުމުގެ ބޭނުމެއް ނެތެވެ. އެއީ ބޭކާރު ވޯޓެކެވެ.

މަޖިލީހަށް ކުރިމަތިލެވޭ ޝަރުތުތަކަކީ ވަރަށް އާދައިގެ ޝަރުތުތަކެކެވެ. ތައުލީމާއި ތަޖުރިބާއަށް ވެސް ބެލުމެއް ނޯވެ އެވެ. އެހެން ކަމުން އެ މަޖިލީހަށް ގެންދަން ގާބިލް ނޫން މީހުނަށް ވޯޓްދީ ހަމަ އެކަނި ޕާޓީގެ ވިސްނުމުގައި، ނުވަތަ ފިކުރަށް ވޯޓްދީގެން އިންތިހާބު ކުރުމަށްފަހު އެމީހަކު މަޖިލީހުގައި އަމަލު ކުރާ ގޮތަކުން އެމީހާއަށް ފާޑު ކިއުމުގެ އަސްލު ހައްގެއް އޮންނާނެ ކަމަކަަށް ގަބޫލެއް ނުކުރެވެއެެވެ. އެއީ އެއަށް ވުރެ އެކަމަށް ގާބިލް މީހަކު ހުރެ، ފިކުރަށް، ޕާޓީއަށް ގޮނޑި ގިނަ ކުރަން ދިން ވޯޓެއްގެ ނަތީޖާއަށްވާތީ އެވެ. އެ ނަތީޖާއާއެކު އެމީހަކަށް ފަސް އަހަރު ހުރުން ނޫން އެހެން ގޮތެއް ނޯންނާނެ އެވެ.

މަޖިލީހަށް އިންތިހާބުވާ މީހަކީ 5000 ރައްޔިތުންގެ ޒިންމާ އަދާ ކުރަން ދާ މީހެކެވެ. އެހެން ކަމުން އެމީހަކީ އެވަރުގެ ގާބިލިިއްޔަތުކަން ހުރި މީހެއްކަން ކަށަވަރު ކުރަން އެބަޖެހެއެވެ.

މަޖިލީހަށް އިންތިހާބު ކުރަނީ ޕާޓީއެއްގެ ނުވަތަ ފިކުރެއްގެ "މައުތު ޕީސް" އަކަށް ވެއްޖެ ނަމަ އެ ހެދުނީ ގޯހެކެވެ. އެ މީހަކީ ކޮންމެ ފިކުރެއްގެ އަދި ކޮންމެ ޕާޓީއެއްގެ މީހެއް ކަމުގައިވީ ނަމަވެސް، ރައްޔިތުންނަށް ގެއްްލުންވާ ގޮތަށް އަމަލު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ އެވެ.

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ސިޔާސީ ޕާޓީތަކުން ހަމަ އެކަނި މަސައްކަތް ކޮށްފައި ހުރީ ގައުމަށް ހެޔޮ އެދިގެނޭ ބުނުމުގެ ފުރުސަތު އޮތީ ވަރަށް ހަނިކޮށެވެ. ސިޔާސީ ޕާޓީތަކުން އެ ބައެއްގެ އަމިއްލަ މަސްލަހަތާއި އެދުމަށް ގިނަ ކަންކަން ކޮށްފައިވާތީ އެވެ. އެހެން ކަމުން "ޕާޓީން ނިންމާނީ ރަނގަޅަ"ށޭ ށޭ ބުނެވޭނެ ފުުރުސަތެއް ނެތެވެ. މިހުރިހާ ކަމަކަށް ބަލާއިރު، ޕާޓީއާއި، ސިޔާސީ ފިކުރަށް ބެލުމެއްނެތި ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވާނީ އެކަމަށް އެންމެ ގާބިލް އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ މީހެއްކަން ކަށަވަރު ކުރަން ރައްޔިތުން ޖެހެއެވެ.