ރިޕޯޓް

މަޖިލިސް 19، ކަސޯޓީއަށް ވިޔަދީގެން ނުވާނެ!

ކުރިޔަށް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ؛ ރިޔާސީ އިންތިހާބަށްފަހު ސިޔާސީ ދާއިރާއަށް އެންމެ މުހިންމު އެންމެ ބޮޑު އަދި އެންމެ "ނުރައްކާތެރި" އިންތިހާބެވެ. މި އިންތިހާބުގައި މިފަހަފު 87 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަ ކުރައްވައި 87 މެންބަރުން ހޮވާނެ އެވެ. އެވަރު ނުފުދޭޔީ އިތުރު ދާއިރާތަކެއް ބޭނުން ވެގެން ކޯޓަށްވެސް ބަޔަކު ވަދެއްޖެ އެވެ. މަޖިލީހަށް ވަނުމަށް އެކި އެކި ދިމަ ދިމައިން ޝައުގުވެރިކަން ފާޅުކޮށް، އެކި ދާއިރާތަކުން މީހުން ކުރިމަތިލައިފި އެވެ. އެކަމަށްޓަކައި ދުރާލާ ތައްޔާރުވީ މީހުންގެ އަދަދުވެސް ވަކީން މަދެއް ނޫނެވެ.

ޑޮކްޓަރުންނާއި މަސްވެރިންނާއި ދަނޑުވެރިންނާއި ނޫސްވެރިންނެވެ. ކަމުވޮށިގެންވާ މީހުނާއި، ނުވާ މީހުންނާއި ރަށްރަށުގައި ނުފޫޒުގަދަ ފަރާތްތަކާއި، ދުވަހަކު ކޮޅުންވެސް މީހަކަށް އެހީއެއް ވެދީފަ ހުރިނަމަ އެމީހަކާއި، މިހެންގޮސް މި ލިސްޓު ވަރަށް ދިގެވެ. ބައެއް ޕާޓީތަކުން ޕްރައިމަރީއަށް ހުޅުވާލުމާއެކު، އެއް ބަޔަކަށް އެ ގޮނޑި ލިބުން ފަދައެވެ. އަނެއް ބަޔަކު "ނަފުސާނީ" ވާ ހިސާބަށް ތިބީ ގޮސްފަ އެވެ.

އެއްބަޔަކަށް ގޮނޑިން ފެންނަނީ އަދަދު ނުކުރެވޭހާ ފައިސާއެވެ. މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި އެލިބޭ އެތަކެއް ހާސް ރުފިޔާގެ އިތުރަށް އެހެނިހެން "ޑޮނޭޝަންސް" އާއި ފިތަކަށް ފިއްތާލަން ލިބޭ "ހާޑް އާންޑް މަނީ" އާއި، ޕާޓީގައި މަޑުކުރުމަށާއި، ޕާޓީ ބަދަލު ކުރުމަށް އެލިބޭ ފައިސާ އަކީ ކޮންމެ މީހެއްގެޗވެސް ނިޔަތް ގޯސްވާވަރުގެ އަދަދުތަކެކެވެ. އާދައިގެ މީހަކު އުމުރު ދުވަހު މަސައްކަތްކޮށްގެން ނުލިބޭހާ ފައިސާ އަހަރެއްހާ ދުވަހުގެ ތެރޭ "ހަދާ" ލެވެއެވެ. އެހެންވީމާ މަޖިލީހަށް ވަދެވޭތޯ ނޫޅެންވީ ސަބަބެއްވެސް ނެތެވެ.

މަޖިލީހަށް މެމްބަރަކު އިންތިހާބު މި ކުރަނީ ރައްޔިތު އެންމެނަށް އެތަނަށް ނުވަދެވޭނެތީ އެވެ. އެހެން އެކަން އޮތުމުން ރާއްޖޭގެ ކޮންމެ 5000 މީހަކު ތަމްސީލު ކުރުމަށް ރައްޔިތުން މަންދޫބަކު ކަނޑައަޅަނީ އެވެ. އެކަނޑައަޅާ މީހަކީ އެ 5000 މީހުންގެ އަޑު ސަރުކާރާއި ހިސާބަށް ގެންގޮސް އިއްވައިދޭ ޒަރީއްޔާ އެވެ. އެމީހަކު ވަކި ސިޔާސީ ޕާޓީއެއްގެ އަޅަކަށް ވާކަށް ނުޖެހެއެވެ. އެމީހަކު ވާންޖެހޭނީ ރައްޔިތުމީހާގެ ހާދިމަކަށެވެ.

ރާއްޖޭގައި މި އޮންނަ ސިސްޓަމުގައި "އެރާ" އެއް އެބަ އުޅެއެވެ. އިންތިހާބު ކުރަނީ ރައްޔިތުންގެ ހާދިމެކެވެ. އެ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ވަކާލާތު ކޮށްދޭނެ މީހެކެވެ. ނަމަވެސް އެމީހާ ވެފައި އޮންނަނީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ އަޅަކަށެވެ. ރައްޔިތުން ކުރެން އަހައި ވެސް ނުލައި ޕާޓީއެއްގެ ދަށުގައި ފިތިބާރުވެ މަޖުބޫރީ ހާލަތަކަށް ވެއްޓިފައިހުންނަ އަޅަކަށް ބަދަލުވެއެވެ. މި ސިސްޓަމް ބަދަލުވާން ޖެހެއެވެ.

ދެން އޮތް ކަމަކީ މިހާރު މިކުރިޔަށްދާ ކެމްޕެއިންތަކެވެ. ރަށްރަށް ހިއްކައި ދިނުމާއި، ފަޅު ތެރޭ ރިސޯޓާއި، ގެސްޓްހައުސްއާއި، ބަނދަރާއި، އެއާޕޯޓާއި، މަގު ހެދުމާއި، ނަރުދަމާ އާއި ހުރިހާ ކަމެއްވެސް "ކޮށްދޭނެ" ކަމަށް ބުނާ ބުނުމެވެ.

މިއީ ވަރަށް ބޮޑު މައްސަލަ އެކެވެ. މަޖިލީހަށް އިންތިހާބު ކުރާ މީހަކަށް އެމީހެއްގެ އަމިއްލަ ފައިސާގައި މެނުވީ މިފަދަ ކަމެއް "ކޮށްދޭނަމޭ" ބުނެވޭކަށް ނޯންނާނެ އެވެ. އެހެނެއް ނޫނެވެ. "ކޮށްދޭން މަސައްކަތް" ކުރާނަމޭ ބުނެވިދާނެ އެވެ.

އެމީހަކު ޖެހޭނީ މަޖިލީހުގެ ތެރެއިން ލޮބީ ކޮށްގެން ސަރުކާރުގެ ބަޖެޓުން އެކަން ކުރުވާށެވެ. ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެވަޑައި ނުގަންނަވާވަރުގެ ބޮޑެތި ވައުދުތައް މިހާރު މިދާ އާންމު އިންތިހާބުގެ ކެމްޕެެއިންތަކުގައި އެބަވެއެވެ. މިއީ ކިހިނެތް ހިނގާ ކަމެއްކަމެއް ވިސްނާ ވިސްނާ ވެސް ނޭނގެ އެވެ.

މިވަމުންދާ ވައުދުތަކުގެ "ޓޯން" ބަދަލު ކުރަން ޖެހެ އެވެ. އެހެން ނޫންނަމަ މި ވައުދުތަކެކޭ އިންޑިއާ ފަދަ ގައުމުތަކުން ޕްރޮޑަކްޓްތައް ވިއްކަން ރައްޔިތުން ގުނބޯހައްދަން ހަދާ ފާޑު ފާޑުގެ އިސްތިހާރުތަކެކޭ ތަފާތެއް ނުހުންނާނެ އެވެ. މިވާނީ އޮޅުވާލުން ނޫން ކޮން އެއްޗަކަށް ހެއްޔެވެ؟ "ކޮށްދޭނަމޭ" ބުނާ ބުނުން "ކުރަން މަސައްކަތް ކުރާނަމޭ" އަށް ބަދަލު ކުރަން ޖެހެއެވެ. އެއީ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނަކުން ވެސް އަދި ގާނޫނު އަސާސީއަކުން ވެސް އެކަހަލަ ކަންކަން ކޮށްދިނުމުގެ ބާރެއް މަޖިލީހުގެ މެމްބަރުންނަށް ދީފައި ނެތުމުންނެވެ. -- އެހެންނަމަވެސް އެކަންކަން ކުރުމަށް ސަރުކާރަށް ލޮބީ ކުރެވިދާނެ އެވެ.

މިހިސާބަށް މިކަން ގޮސްފައިވާ އިރު ވެސް ރައްޔިތުން ތިބެނީ ހެވިފަ އެވެ. ރަށު ފަޅުތެރޭގައި ރިސޯޓެއް އަޅާތަން އެބަ ފެނެއެވެ. ބަނދަރު ހަދާ ނަރުދަމާ އާއި ފެނުގެ ނިޒާމު އިސާހިތަކު އަންނަނީ އެވެ. މިފަދަ ވައުދުތައް ގިނައިންވާ މީހަކީ އެންމެ ގަދަ މީހާއެވެ. އެމީހެއްގެ ފަހަތަށް އަވަހަށް އަރަންވީ އެވެ. މިއީ ހަމަ ހުރެފައި ދައްކާ ވާހަކައެއް ނޫނެވެ. ސޯޝަލް މީޑިއާއާއި، އެކި ރަށްރަށުގައި އެކި ނަންނަމުގައި ހަދާފައިވާ ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް ގުރޫޕުތަކަށް ބަލައިލުމުން މިއީ ތެދުކަން ހާމަވާނެ އެވެ.

"މަގޭ ވޯޓް އެންމެ ގިނައިންދޭ މީހަކަށް" މިއީވެސް ލައްކަ ގިނައިން ފެންނަ ވާހަކައެކެވެ. ގާނޫނު އަސާސީން ތިމާއަށް ދީފައިވާ ވަރުގަދަ ހައްގަކާއި ބާރެއް ފައިސާ ކޮޅަކަށް ވިއްކާލަނީ އެވެ. ވިއްކާލުމަށްފަހު އެ މެމްބަރު ކޮންމެ ގޮތަކަށް ކަން ކުރިޔަސް އެ ވޯޓް ވިއްކި މީހާއަށް އިތުރަށް އެކަމުގައި ބަސް ބުނުމުގެ ހައްގު އޮވެގެން ނުވާނެ އެވެ. ތިމާގެ ވިސްނުމާއި ބުއްދީގެ ބޭނުން ނުހިފީމަ އެވެ.

ކޮންމެއަކަސް މަޖިލިސް އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު، ރައްޔިތުންނަށް އިހުލާސްތެރި ބަޔަކު އަދި ގައުމަށް ވަފާތެރިބަޔަކު މަޖިލީހަށް އިންތިހާބު ކުރަން އެބަޖެހެ އެވެ. އެ މަޖިލީހަކީ "ކަސައުޓީ" ކުޅޭ ތަނަކަށް މިފަހަރު ވެދީގެން ނުވާނެ އެވެ. އެކަން ކުރުމުގެ ބާރު މިއޮތީ ރައްޔިތުންގެ އަތުގަ އެވެ. މީހަކު ނިސްބަތްވާ ކުލައާއި، ޕާޓީއަށް ބެލުމުގެ ބަދަލުގައި އެމީހެއްގެ ގައިގައި ހުރި ރަނގަޅު ސިފަތަކަށް ބެލުން މުހިންމެވެ. މިއަދު ވޯޓު ގަންނަން ފައިސާ ދޭމީހާ އެކުރަނީ އިންވެސްޓްމަންޓެކެވެ. އޭނާ އެ އިންވެސްޓްކުރި ފައިސާ ފަސް އަހަރުތެރޭ އެތައް ގުނައެެއް ބޮޑުކޮށް ހޯދާނެކަން ދަންނަން ވާނެ އެވެ. އެހެން ކަމުން އިހުލާސްތެރި ހިތަކާއެކީ އަންނަ މީހުންނަށް ވޯޓު ދިނުން މުހިންމެވެ.