ކޮލަމް

މާލެ-ރާއްޖެތެރެ: ސަމާލުކަން އަނބުރާލާ އުކުޅު!

މިވާހަކަ އެތައް ފަހަރަކު އެތައް ގޮތަކަށް ރައްޔިތުންނަށް ދެއްކިއްޖެ އެވެ. ރޮއެ، އާދޭސް ކުރެވިއްޖެ އެވެ. ރުޅިއައިސްގެން ހަޅޭއް ވެސް ލަވައިފި އެވެ. މަލާމާތްކޮށް ހަޖޫ ވެސް ޖަހައިފި އެވެ. އެކަމަކު އެއްވެސް ކަމެއް ބަދަލެއް ނުވެ އެވެ. ހަށި ފުއްޕާފައި ކަނޑަނީ ހުސް ފޮންޏެވެ. މުޅީން އަޅުވަނީ އަނދުނެވެ. މާ ހެޔޮ އެދޭ ބަޔަކަށްވެގެން ދައްކަނީ ހުސް ހޮޅި ވާހަކަ އެވެ. ދެން އަދި މިކަން ނުވީމާ، ނޫނީ ނުކުރާންވެގެން އުފަންކުރާ މާ މޮޅު ޒަމާންވީ އުކުޅެއް އެވެރިން ގެންގުޅެ އެވެ.

މާޔޫސްވެ، ގޮތް ހުސްވެފައި ތިބި ރައްޔިތުން "މާލެ / ރާއްޖެތެރެ" އޭ ކިޔައިގެން ޖައްސަނީ އެވެ. މިފަހަރު ވެސް "އާސާރީ" އެ ބަހުސް އަނެއްކާވެސް ކެކިގަނެގެ ބަންޑުންވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެކަމަކު މިފަހަރު "މާލެ / ރާއްޖެތެރެ" އަނދުން ހުސެއިން ސިފަ ކުރެއްވީ އޭނާއަށް ވަރަށް މޮޅު ގޮތަކަށެވެ. މާލެއަށް ނިސްބަތްވާ މަޖިލީސް މެންބަރެއް ކަމުން، މާލޭގެ ރައްޔިތުންގެ ނިކަމެތި ހާލު ސިފަ ކޮށްދެއްވަން އޭނާ ޖެއްސެވީ އާދަޔާހިލާފު މިސާލެކެވެ. އަދި އެކަން ވެގެން ދިޔައީ ކަފަދަ ދަނޑެއްގައި ރޯކޮށްލުން ކަހަލަ ކަމަކަށެވެ.

އަނދުން ހުސައިން ވިދާޅުވާ ގޮތުގައި މާލެ އެއްކޮށް ހިއްކައި ބިން ކޮޅު ހިތުހުރި ގޮތަކަށް ކޮންމެ ސަރުކާރަކުން ވެސް ބަހާލަނީ އެވެ. މާލޭގެ އުރަފަށާ ޖެހެންދެން ހިއްކުމަށްފަހު ވެސް އެހެން ތަންތަނުން މީހުން ގެނެސް ވަޒަންވެރި ކުރުވީ އެވެ. މާލެ މީހުން ތިބީ ތިބި ގޮތަށެވެ.

"ހަމަ ގާތްގަނޑަކަށް މިތަނަށް [މާލެ] ދިމާވެފައި ވަނީ ފަލަސްތީނަށް ދިމާވެފައިވާ [ފަދަ] ކަމެއް،" ޓީވީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހުސެން ވިދާޅުވި އެވެ.

އޭނާގެ އެ ސިފަކުރުމާއެކު ސޯޝަލް މީޑިޔާއަށް ބިންހެލުމެއް އައި ފަދަ އެވެ. ވަރަށް ބަދަހިކޮށް ފެންނަ ވެރިކަންކުރާ އެމްޑީޕީގެ އެހެން މެންބަރުންނަށް ވެސް އެ ވާހަކަ އެއްގޮތަކަށް ވެސް ހަޖަމެއް ނުވި އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވި ގޮތުގައި ޔަހޫދީ އިޒްރޭލްގެ ނުބައި ނުލަފާ މީހުނާ އެއް ހަމައަކުން އަތޮޅުތަކުގެ މީހުން ސިފަކޮށް މިނެ ކިރުމަކީ ލަދުވެތިވާ ކަމެކެވެ.

ޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ލަތީފް ވިދާޅުވި ގޮތުގައި މާލެއަށް މީހުން ހިޖުރަކުރަން މަޖުބޫރު ކުރުވީ ރަސްކަން ޖުމްހޫރިއްޔާއަކަށް ބަދަލުވެގެން ދެން ވަޑައިގެންނެވި ވެރިން ސީދާ އެ މަގުސަދުގައި ސިޔާސާތުތަކަށް ގެެނައި ބަަދަލުތަކުގެ ސަބަބުންނެވެ. ހުރިހާ ދިމާއަކުން ހުރިހާ ކަމެއް މަރުކަޒީ ކުރެވި ދިވެހިންނަން އެގޮތް މަޖުބޫޫރު ކުރުވުމުންނެވެ.

މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫނެވެ. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވި ގޮތުގައި މާލެ ތަރައްގީ ކުރަން ނެގި ލޯންތަކާއި ކުރަމުންދާ ހަރަދުތަކަކީ ދިވެހި ރައްޔިތުންގެ އެސެޓެވެ. އޭނާ ދެއްވަނީ ވަރުގަދަ އިންޒާރެކެވެ. ނަސްލީ ތަފާތު ކުރުން ބޮޑު ކުރާނަމަ "ރާއްޖެތެރޭ މީހުން" އަރައި މާލެ ހިފަން ޖެހިދާނެ އެވެ.

ހިފާފާއިވާ އަލިފާނަށް ފެން ޖައްސަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ މަޖިލީހުގައި މަސައްކަތް ކުރެއްވި އެވެ. މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ބަހުސަށް ހުޅުވާލުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރަށްރަށުގެ ބަހުސް އިތުރުވެ ޒުވާބު އުފެދޭ ގޮތަށް ވާހަކަތައް ދެއްކުމަކީ ގެއްލުން ބޮޑު ކަމެކެވެ.

ސިޔާސީ ބައެއްގެ އަރައިރުމުގެ ތެރެއިން އެންމެ ބޮޑަށް ހިތާމަކުރަން ޖެހޭ ކަމަކީ އެ މަޅީގައި ރައްޔިތުންގެ ތެރެއިން ބަޔަކުޖެހިފައިވާތީ އެވެ. ހުސެންގެ ސިފަ ކުރެއްވުމާއެކު، އެއްބަޔަކު އަމިއްލައަށް "އިޒްރޭލަ" ށްވެ ނިމިއްޖެ އެވެ. އޭގެ އަނެއް ކޮޅުގައި، ހުސެން ވާހަކަފުޅަށް ސާބަސްދޭ ބަޔަކުވެސް އެބަ އުޅެ އެވެ.

މި މައްސަލާގައި ކުރަމުންދާ ހޫނު ޒުވާބުތަކަށް ނިމުމެއްނެތެވެ؛ ރަނގަޅަށް ވެސް "މާލެ / ރާއްޖެތެރެ" ހަދައިގެން، ދެ ފަޅިއަށް ދެ ބައި މީހުން އަރައި ނިމުނީ އެވެ. އެކަމަކު ހަގީގީ މައްސަލަ އޮތްގޮތަށް އޮތީ އެވެ.

ރަށްރަށުން މާލެއަށް މީހުން އައީ ނޫނީ އަދިވެސް އަންނަމުން ދަނީ ރާއްޖެތެރޭގައި ވަސީލަތް ނެތީމަ އެވެ. ވަޒީފާއެއް ނުލިބެ އެވެ. ހުމެއް އައި ނަމަވެސް މާލެ އަށެވެ. އެގޮތަށް މާލެ ތޮއްޖެއްސީ އެކި ސަރުކާރުތަކުގެ ސިޔާސަތުތައް އެގޮތަށް ބައްޓަން ކޮށްގެނެވެ. ދެން އޮތީ މާލޭގެ ރަށްވެހިންގެ ވާހަކަ އެވެ. ގިނަ ބަޔަކު ދިރިއުޅުން ތިރިވެފައި އޮތީ، މުނި ކާފަ ޒަމާނުއްސުރެ ވާރުތަ ވެގެން އައި ގޯތި ފޮތިފޮތި ކޮށް، "ކޯސްޓު ކިރު ދަޅެއް" ގެ ދަރަޖައިގަ އެވެ.

އެކަމަކު ބަލައިލީމާ ބޮލުގައި އޮންނަ ތޮފި ވެއްޓޭ ވަރަށް އުސް އިމާރާތްތައް ހަދައިގެން ބޮޑު އަގުގައި ކުލި ނަގަމުންދާ ކަމުގެ ތުހުމަތު އެޅެނީ މާލޭ މީހުން ގެ ބޮލުގަ އެވެ. އެއީ ތެދެކެވެ. ގޯތި ރަޖިސްޓްރީ އޮތީ މާލޭ ރަށްވެއްސެއްގެ ނަމުގަ އެވެ. އެކަމަކު ގިނަ ފަހަރު އިމާރާތުގެ ވެރި ފަރާތަކީ އެހެން މީހެކެވެ. ގެ ގަނޑު ބޮލަށް ވެއްޓޭތީ ކޮންމެވެސް މަހުޖަނަކަށް 20 އަހަރު ނޫނީ 30 އަހަރަށް މުޅި އިމާރާތް ހަދަން ދޫކޮށްލަން މަޖުބޫރުވަނީ އެވެ. ހަގީގީ މާލޭ މީހާއަށް ލިބެނީ 10 ބުރީގެ އިމާރާތަކުން އެންމެ ކޮޓަރިގަނޑެކެވެ. އެ އިމާރާތުން އެޕާޓްމަންޓު ގަނޑެއް ހާ ހިސާބުވެސް ލިބޭނީ މަދު ނަސީބުވެރިއަކަށެވެ.

ދިމާވެގެން މިއުޅެނީ "މާލެ / ރާއްޖެތެރޭ"ގެ މައްސަލައެއް ނޫނެވެ. ކުރަންވީ އެ ބަހުސެއް ވެސް ނޫނެވެ. މިއީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑު ކަމުގެ މައްސަލަ އެވެ. ފައިސާ ހުރި މީހުނަށް ހުރިހާ މޮޅެއްވާ ގޮތަށް އޮތް ސަގާފަތެވެ. ބިމެއް ވިޔަސް ފެލެޓެއް ވިޔަސް އާދައިގެ ރައްޔިތު މީހާއަށް އެ ގަނެވޭނެ ގޮތެއް ނޯވެ އެވެ. އަތުގައި އެވަރަށް ފައިސާ ނެތީމާ، އެކި ބަހަނާތަކާއެކު އެއްވެސް ބޭންކަކުން ލޯނެއް ނުލިބޭނެ އެވެ. ނޫނީ ނުދޭނެ އެވެ. އެ ބިންކޮޅު ވެސް ނޫނީ ފެލްޓުގަނޑު ވެސް ގަންނާނީ މުއްސަނދި މަހުޖަނެކެވެ. އިޖުތިމާއީ ބޯހިޔާވަހިކަމޭ ކިޔައިގެން ހުޅުވާލާ ފްލެޓުތައް ވެސް ހައްގުވެރިއަކަށް ލިބޭނީ މަދު ފަހަރަކު އެވެ. ނިކަމެތި ރައްޔިތު މީހާގެ ނަން އަބަދުވެސް އޮންނާނީ ލިސްޓެއްގަ އެވެ.

އެ މައްސަލަ ހައްލުކޮށް ނުދެވި، ނޫނީ ހައްލު ކޮށް ދޭން ބޭނުން ނުވާ ސިޔާސީ މީހާ ދައްކާނީ ސިޔާސީ ވާހަކަ އެވެ. އެންމެ ބޮޑުވަރަކަށް އެދޭނީ މައާފަށެވެ. އޭރުން ހުރިހާ ކަމެއް އެ ނިމުނީ އެވެ. މިއީ ހައްތާވެސް ނިކަމެތި ރައްޔިތު މީހާއަށް ކަމެއް ކޮށް ނުދެވޭތީ ސަމާލުކަން އަނބުރާލަން ސަރުކާރުތަކުން ގެންގުޅޭ މޮޅު އުކުޅެކެވެ. އިންތިހާބެއް ބޯމަތިވެފައި އޮތީމާ ވާނީވެސް އެހެނެވެ. މާލޭ މީހާ މޮޅުކޮށްފައި، މާލޭން ބޭނުންވާ ވޯޓު ކޮޅަށެވެ. އަތޮޅުތަކުގެ ތެރޭ މީހުން ވާވައްދާފައި ހަމަ އެގޮތަށެވެ.

ރައްޔިތުން މިކަމަށް ހޭއަރާކަށް ނުވޭ ހެއްޔެވެ؟ ގެވަޅެއް ނޫނީ ފްލެޓެއް ނުދެނީ ނިކަމެތިވީމަ އެވެ. އަތުގައި ފައިސާ ނެތީމަ އެވެ. ސިޔާސީ މީހެއްގެ ނޫނީ ނުފޫޒު ގަދަ އާއިލާއަކަށް ނިސްބަތް ނުވާތީ އެވެ. ހައްގު ބޯހިޔާވަހިކަން ނުލިބެނީ ވަކި ރަށަކަށް ނިސްބަތްވާތީ ނޫންކަން އެނގެންވެއްޖެ އެވެ.