ކޮލަމް

ކޮލަމް އޭޑީ: ޝަރުއީ ވަރަ ކޮށާލުމަކީ އެންމެ ބޮޑު ގޯސް!

އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާއާއި މެދު ދިވެހި ރައްޔިތުންގެ އޮތް ޝަކުވާތަކަށް މިއަދާ ހަމަޔަށް އައި އިރުވެސް އޮތީ ނިމުމެއް ނައިހެވެ. އެ ޝަކުވާތަކަށް ނިމުމެއް ގެންނާނެ ކަމުގެ ވައުދާއެކު އެމްޑީޕީީން ގެނައި އެޖެންޑާ19 އަށް ދިވެހި ރައްޔިތުންގެ ބޮޑުބައެއް ހިތް ކިޔައި އޭގެ އުންމީދުގައި މަޖިލިހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ދިނެވެ. މިހާރު އެ މަސައްކަތް ހިނގާ ކަމަށް ބުނެ އެވެ. އޭގެ ތެރެއިން މިހާރު ފެންނަނީ ދައުލަތުގެ ބާރުތަކުގެ ތެރެއިން ގާނޫނޫ ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ބޮޑު ކޯޅުމެއްގެ ތެރޭ އުޅޭތީ އެވެ. ތިން ވަނައަށް އޮތް ވެރިކަން ހިންގުމުގެ ބާރު އޮތީ އެ ދެބާރުގެ ދެމެދު "ފިތި"ފަ އެވެ.

ރިޔާސީ އިންތިހާބު ގުޅިިފައިވާ ޕާޓީތަކުން ކާމިޔާބު ކުރުމާއެކު، މަޖިލިސް އިންތިހާބަށް ތައްޔާރުވާން އެމްޑީޕީން އެކުލަވައިލި އެޖެންޑާ19 ގައި މައިގަނޑު ބޮޑު ކަމަކަށް އޮތީވެސް އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމް ކުރުމެވެ. މަޖިލިސް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ މީޑިއާއިން ބޭއްވި މަޖިލިސް ބަހުސްގައި ވެސް އެމްޑީޕީގެ ގިނަ ކެނޑިޑޭޓޫންނާއި ކޮންމެ ސުވާލެއް އަމާޒު ކުރި ނަމަވެސް ޖަވާބަކަށް ވީ "އެޖެންޑާ19" އެވެ.

ހުރިހާ ކެނޑިޑޭޓުން ދެއްކީ އެޖެންޑާ19 އެވެ. ދާއިރާއާއި މެދު ގެންގުޅުއްވާ ތަސައްވަރެއް ވިދާޅުއް ނުވެއެވެ. ހަމަ އެކަނި ވިދާޅުވާ އެއްޗަކީ ތިމަންނާއަކީ އެމްޑީޕީގެ މެމްބަރެއްކަމާއި، ކުރިމަތިލައިގެން މިހިރީ އެޖެންޑާ19 އާއިގެން ކަމެވެެ.

ޝަރުއީދާއިރާގެ ވާހަކަ ދައްކާލާއިރަށް، އެ ދާއިރާ ބޮންސުންލައި ދިއުމުގެ ޒިންމާ އޭރު އެމްޑީޕީން އަޅުވަމުން ގެންދިޔައީ ފަނޑިޔާރުންގެ ކަންކަންބެލެހެއްޓުމާއި، ފަނޑިޔާރުންނަށް ފިޔަވަޅު އެޅުންފަދަ ކަންކަން ގާނޫނޫ އަސާސީން މަތިކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނާ އެވެ. އެ ކޮމިޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރަންޖެހޭ ތަނެއް ކަމާއި، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޕޯޑިއަމް ތަކުގައި ހަރު އަޑުން ގޮވާ ވާހަކަ ދެއްކި ބޭބޭފުޅުން މަދެއް ނޫނެވެ. ވަރަށް ގިނަވާނެ އެވެ.

ހާއްސަކޮށް، މިވަގުތު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލިހުގެ މެމްބަރެއްގެ ހައިސިއްޔަތުން އިންނަވާ ތުޅާާދޫދާއިރާގެ މެމްބަރު ހިސާން ހުސަައިންގެ އިތުރުން ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތަކީ އެވާހަކަ ވަރަށް ބާރަށް އެހާ ގިނައިން ދައްކަވާފައިވާ ބޭފުޅުންނެވެ.

މިވާހަކަ އޭރު ދެއްކެވި ނަމަވެސް، އެޖެންޑާ19 އާއެކު މިހާތަނަށް އައިރު އިރު އެ ބޭފުޅުންގެ އެ ވާހަކައިގެ މަތިން ހަދާނެއް ނެތެވެ. ހާލަތު ބަދަލުވީ އެވެ. މަޖިލީހުގެ ސުޕާ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާއެކު، ޖޭއެސްސީގެ ކޮންޓްރޯލް ވެސް އެޕާޓީއަށް ލިބުނީ އެވެ. އެހެން ކަމުން އެވާހަކަ ދެން އިތުރަށް ދެއްކުމުގެ ބޭނުމެއް އޮތް ކަމަށް ނުބެލެވެނީ އެވެ.

އެހެން ނަމަވެސް، ހަގީގަތާއި ހަމަޔަށް ވާސިލްވުމަށް ނުވަތަ އެޖެންޑާ19 ގައި ބުނާ އިންސާފުވެރި ފަނޑިޔާރުގެއެއް ރައްޔިތުންނަށް ލިބިދިނުމަށް، އެމްޑީޕީގެ ކޮންޓްރޯލް ވެސް އެ ކޮމިޝަނުގައި އޮވެގެނެއް ނުވާނެ އެވެ. އެ ކޮމިޝަނަކީ މިނިވަންކަމާއެކު، އެއްވެސް ބިރެއް، ފަސްޖެހުމެއް ނެތި ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ތަނަކަށް ހެދޭނީ އޭރުންނެވެ. ރައްޔިތުން ބޭނުންވާ އަދުލަށް ހުކުމް ކުރާ ފަނޑިޔާރުގެ ގާއިމް ކުރެވޭނީ އޭރުންނެވެ.

ޝަރުއީދާއިރާ ބޮއްސުންލައި ދިއުމުގައި އެންމެ ބޮޑެތި ގޯސްތަކެއް ހަދާފައިވަނީ ވެސް ސިޔާސީ ވެރިންނެވެ. ސްޕްރީމް ކޯޓު އެކުލަވައިލި އިރު، އޭރު އޮތް ސިޔާސީ ފިކުރުތަކަށް ބަހާލައި، އެ ބަަޔަކަށް ނިސްބަތްވާ ފަނޑިޔާރުން އެތަނަށްލީ ވެސް އެ ފަނޑިޔާރުންގެ ޝަކުވާ ކުރާ ފަރާތްތަކުންނެވެ.

އޭރު ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އިންނެވި އައިޝަތު ވެލިޒިނީ އެކަމާއި ފާޅުގައި ދެކޮޅު ހަދައި އެ ވާހަކަތައް ދެއްކެވި އެވެ.

މިނިވަންކަމާއެކު ހައިކޯޓުން އަދުލު އިންސާފަށް ޝަރީއަތް ކުރަމުން ދަނިކޮށް، އެ ކޯޓުވެސް ހަލާކު ކޮށްލީ މަޖިލިސްތެރެއިން ސިޔާސީ ވެރިންނެވެ. ހައިކޯޓު ބައިބައިކޮށް، އަދުލު އިންސާފަށް ލޯބިކުރާ ފަނޑިޔާރުން އަތޮޅުތަކަށް ފޮނުވަން ނިންމާ، އެ ފަނޑިޔާރުންނަށް ރިޓަޔާކުރަން މަޖުބޫރު ކުރުވީވެސް ހަމަ ސިޔާސީ ވެރިންނެވެ. މުޅި ޝަރުއީ ނިޒާމް ހަލާކުކޮށްލުމުގެ ޒިންމާ ސިޔާސީ ބޭފުޅުން ނަންގަވަންޖެހެ އެވެ.

މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަދުލަށް އަދި އިންސާފަށް ހުކުމް ކުރާނެ ފަނޑިޔާރު ގެއެއް ގާއިމް ކުރުމުގެ އިހުލާސްތެރި ހިތެއް މަޖިލިހަކު ވެސް ސަރުކާރަކުވެސް ނެތެވެ.

މަޖިލިސް މިހާރު ހިގަމުންދަނީ ރައްޔިތުންގެ މަޖިލިހަކަށްވުރެ ބޮޑަށް އެމްޑީޕީގެ ގައުމީ މަޖިލިސް ހިންގާހެނެވެ. އަދި ސުޕުރީމްކޯޓުގެ ހުކުމަކަށް ކަނޑައެޅި ފާޅުގައި ދެކޮޅު ހަދާ އަމުރު ނެރުމަކީ މަޖިލީހަށް ގާނޫނު އަސާސީން ލިބިދޭ ބާރުތަކެއް ނޫނެވެ. ކޯޓުތަކަށް ހިތުހުރި ގޮތެއް ހަދާލުމުގެ ބާރު މަޖިލިހަށާއި، ސަރުކާރަށް ވެސް ލިބިދީފައި ނުވަނީ ސިސްޓަމްގައި ހިކުމަތްތަކެއް ބަނދެދީފައި ވާތީ އެވެ.

ފުރަތަމަ ކަމަކަށް ސަރުކާރާއި، ރައްޔިތުންގެ މަޖިލިހާއި، ޝަރުއީދާއިރާ އުފަން ކުރުވަނީ ގާނޫނު އަސާސީންނެވެ. އެގޮތަށް ބަލާއިރު، ގާނޫނު އަސާސީއަކީ ސިޔާސީ މަގުސަދަކަށް އެއިރެއްގައި ވެރިކަމަށް އަންނަ ބަޔަކު ބޭނުންވާނެ ގޮތަކަށް ބަދަލު ގެނެވޭ އެއްޗަކަށް ވެގެން ނުވާނެ އެވެ. ރާއްޖޭގެ ގާނޫނު އަސާސީ ލިޔެފައި ވަނީ އެމެރިކާގެ ގާނޫނު އަސާސީ އޮންނަ މޮޑެލްއަށް ތިން ބާރު ވަކިކޮށްގެންނެވެ.

އެމެރިކާގައި މިހާރު އަމަލު ކުރަމުން އަންނަ ގާނުނޫ އަސާސީ އެކުލަވާލީ 1787 ވަނަ އަހަރު އެވެ. 232 އަހަރުވީ އެ ގާނޫނު އަސާސީއަށް މިހާތަނަށް ބަދަލު ގެނެސްފައިވަނީ އެންމެ 27 ފަހަރު އެވެ. އެހެން ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީ ވެފައި މިއޮންނަނީ އެއިރެއްގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ހެޔޮވަރު ކުރަންޖެހޭ ފޭރާމެއްގެ ގޮތުގަ އެވެ.

އެފަދަ ގޮތަކަށް އަމަލު ކުރުމުގެ ނަތީއްޖާއަކަށް ވެގެން ދަނީ ގާނޫނުގެ ބާރު ކެނޑި ރައްޔިތުންގެމެދުގައި އެ ގާނޫނާއި، ގާނޫނު އަސާސީގެ އިހުތިރާމް ކުޑަވުމެވެ. މިކަމަކީވެސް މަޖިލީހުން ޒިންމާ ނަގަންޖެގޭ ކަމެކެވެ.

އެމެރިކާގެ ގާނޫނު އަސާސީ އެ މައްޗަށް ލިޔެފައިވާ "ފެޑަރަލިސްޓް ޕޭޕާސް" ލިޔުނު އެއްބެއްފުޅަކު ކަމަަށްވާ އެލެކްސެންޑާ ހަމިލްޓަލް ލިޔުއްވާފައިވާގޮތުގައި ޖުޑިޝަރީގެ ފަރާތުން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލު ކުރުމުގައި އެންމެ މުހިންމު ކަމަކަށްވަނީ ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ކުރުމުގެ ބާރުގެ ޕްރެޝަރުތަކުގެ ކިބައިން މިނިވަން ކަމެވެ. އެހެން ނަމަވެސް ރާއްޖޭގައި އެކަަން އެގޮތައް ހިނގައިދިއުން ވަނީ މުސްތަހީލު ކަމަކަށެވެ. އެކަންވެއްޖެ ނަމަ ޝަރުއީދާއިރާ އޮންނާނީ ރަނގަޅަށެވެ.

ސްޕްރީމްކޯޓަކީ ފަހުބަސް ބުނާ ތަނުގެ ގޮތުގައި ގާނޫނު އަސާސީން ކަނޑައަޅާފައިވަނީ ވެސް ވަރަށް މުހިންމު މަގުސަދެއްގަ އެވެ. އެއީ އަނެއް ދެ ބާރު އެކެއްގެ މުށުތެރެއަށް ގޮސް، ޖުޑިޝަރީ ވެސް އެމީހެއްގެ މުޝުތެރެއަށް ގޮސްފިކަމުގައި ވާނަމަ ކަންކަން ހިގާނީ އެމީހަކު ބޭނުންވާ ގޮތަށް ކަމަށްވާތީ އެވެ. އޭރުން އަދުލުއިންސާފުން ބޭރުން ކަމެއް ނިންމިޔަސް އެކަން ބަދަލު ކުރަން ނުވަތަ އިންސާފު ހޯދަން ދާނެ އިތުރު ތަނެއް ނޯންނާނެތީ އެވެ.

ގާނޫނު އަސާސީއާއި، ބައިނަލް އަގުވާމީ ދުނިޔެއިން ބަލައިގެންފައިވާ ބައެއް ޕްރިންސިޕަލްސްތަކަށް ބަލާއިރު، ސްޕްރީމްކޯޓަށް އަނެއް ދެބާރުން ނިންމާ ކަންކަން ނަފީ ކުރުމުގެ ބާރު އޮންނަން ޖެހެއެވެ. ހާއްސަކޮށް، އެ ދެ ބާރުން ނިންމާ ނިންމުމެއްގައި ވެސް، ގާނޫނީ ގޮތުން ދައުލަތައް ގެއްލުމެއްވާފަދަ ކަމެއް، މީހަކަށް ނުވަތަ ބަޔަކަށް ނާއިންސާފުން ކަމެއް ވާނަމަ އެކަމެއް އޯވަރޫލް ކުރުމުގެ ބާރު ސްޕްރީމްކޯޓަށް ލިބެން ޖެހެ އެވެ. އެއީ ބައިނަލް އަގުވާމީ ޕްރެކްޓިހެވެ.

އެމެރިކާގެ ސްޕްރީމްކޯޓުން "މާބަރީ ވާސަސް މެޑިސަން" ކޭސް ގައި އައި ނިންމުމަކީ ލެޖިސްލޭޓިވް ނުވަތަ ގާނޫނު ހަދާ ބާރުންނާއި، އެގްޒެކެޓިވް ނުވަތަ ވެރިކަންހިންގުމުގެ ބާރުން ނިންމާ ނިންމުންތަކަކީ ގާނޫނު އަސާސީއާއި ހިލާފު ނިންމުންތަކެއް ކަމަށް ކަނޑައެޅުމުގެ ބާރު ސްޕްރީމްކޯޓަށް ލިބެ އެވެ.

އެމެރިކާގެ ސްޕްރީމްކޯޓުން ނިންމާފައިވާ ނިންމުމުގައި ވަނީ، ތިން ބާރު ވަކިކޮށްފައިވާއިރު، ގާނޫނު މާނަ ކުރުމުގައި ނުވަތަ ގާނޫނީ ޑިސްޕިއުޝަނަކަށް ގޮސްފިކަމުގައި ވާނަމަ، އެކަންކަމުގައި ގޮތެއް ނިންމާނީ ޝަރުއީދާއިރާއިނެވެ. އެގޮތަށް ނިންމަން ޖެހެނީ އަނެއް ދެބާރަކީ ސިޔާސީ ދެބާރަށްވެފައި، ގާނޫނީ ދާއިރާގެ އިލްމާއި، ތަޖުރިބާ ނުހުރުމުގެ އިތުރުން، ގާނޫނު މާނަ ކުރުމުގައި މިނިވަން ފަނޑިޔާރެއްގެ ދައުރު މުހިންމު ވާނެތީ އެވެ.

ދައުލަތުގެ "ޗެކްސް އެންޑް ބެލެންސް" ހިފެހެއްޓުމަށްޓަކައި އަދި ގާނޫނު އަސާސީ އާއި ރޫލް އޮފް ލޯ ދެމެހެއްޓުމަށްޓަކައި ސްޕްރީމް ކޯޓުގެ ބާރުތައް އެ އޮތް ގޮތުގައި ދެމި އޮތުމަކީ މުހިންމު ކަމެކެވެ. ގޯސް ހަދަނީ ފަނޑިޔާރުން ކަމުގައިވާނަމަ، އެ ފަނޑިޔާރުން ބަދަލު ކުރުމުގެ ފުރިހަމަ ބާރު މިހާރު މަޖިލިހުގެ ކޮންޓްރޯލް އޮތް އެމްޑީޕީއަށް އެބަ އޮތެވެ.

އެހެން ކަމަށްވާއިރު، ހެޔޮ ނިޔަތުގައި އެކަން ކުރަާ ކަމަށްވާނަމަ، "ސްޕްރީމް ކޯޓް" ގެ ބާރުތަށް ހަނިކޮށް، އެ ބާރުތައް ކަނޑުވާލުމުގެ ބަދަލުގައި ފަނޑިޔާރުން ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ސީދާ ސްޕްރީމްކޯޓާއި ކުޅުމަކީ އެކަމުގައި ގޯސް ނިޔަތެއް އޮތް ކަމެެއް ކަަމަށް ބެލެވޭ ކަމެކެވެ. ހާއްސަކޮށް، ގާނޫނު އަސާސީން އެ ކޯޓާއި މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގެ ހުރަހަކަށް އަނެއް ދެބާރު ވެގެން ނުވާނެ އެވެ. އެހެން ވެއްޖެ ކަމަށްވާނަމަ ގާނޫނުގެ ބާރު ކެނޑި ގައުމު ބޮއްސުންލައިގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ. މިސްރާބު މިއޮތީ އެ ދިމާއަށެވެ.

ސަރުކާރުން ވައުދުވެފައިވާ ގޮތަށް މިނިވަން އަދުލުވެރި ފަނޑިޔާރުގެއެއް ކަށަވަރުކޮށްދޭން، އެ ފަނޑިޔާރުގޭގެ "ވަރަ" ކޮށުމަކީ ގޯހަކަށް ނޫނީ ނުވާނެ އެވެ. އެކަން ކުރަން ވަރަށް ފަސޭހަ މަގެއް ސަރުކާރަށް މިހާރު އޮތީ ހުޅުވިފަ އެވެ. މަޖިލީހުގެ ކޮންޓްރޯލް އޮތީ ސަރުކާރަށެވެ.

ފަނޑިޔާރުންނަށް ފިޔަވަޅު އަޅާ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮންޓްރޯލް އޮތީ ސަރުކާރުގަ އެވެ. މިހެން މިކަން އޮތް އިރު ޑިއު ޕްރޮސެސްގެ ތެރެއިން ގޯސް ފަނޑިޔާރުން ވަކި ކުރަންވީ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ބާރުތަކާއި ކުޅުމަކީ ގާނޫނު އަސާސީގެ ރޫހާއި މުޅިން ހިލާފު ކަމެކެވެ. އަދުލުވެރިކަމަށް ލޯބިކުރާ މިނިވަން ފަނޑިޔާރުގެއެއް ގާއިމް ކުރަން ސިޔާސީ ވިސްނުން ދޫކޮށް، ރައްޔިތުންގެ ވިސްނުން އިސް ކުރުން ވާނީ މިހާލަތުގައި އެންމެ ރަނގަޅު ނިންމުމަށެވެ.