ރިޕޯޓް

ރަނގަޅު މިސާލެއް ދައްކާނެ މީހަކު ނެތް!

ރާއްޖެއަކީ ވަރަށް ތަފާތު ގައުމެކެވެ. ގުދުރަތީ ރީތި ކަމަކާއި، އަމާން ކަމެވެ. އެ ހުރިހާ ކަމަކަށްވުރެ ސިޔާސީ ދާއިރާގެ ތަފާތު ބޮޑެވެ. ސަރުކާރުގެ ބޮޑެތި މަގާމުތަކަށް ދިއުމަށް ތައުލީމާއި ތަޖުރިބާއެއް ބޭނުމެއް ނުވެއެވެ. ބޭނުންވާނީ ސިޔާސީ ރެލީއެއް ނުވަތަ އެއްވުމެއްގައި އަޑުގެ ކޮޅަށް ވާދަވެރިންނާއި ދިމާއަށް ހަޅޭއްލެވުމެވެ. ދެ އެއްވެލުމަކަށް ގޮސް، ސަލާމަތީ ބާރުތަކަށް އެއްޗެހި ގޮވައި ޕެޕާ ސްޕްރޭގައި ޖެހިލީމާ މަގާމު ކަށަވަރުވެ އެވެ.

މިއީ މިހާރުވެސް ފެންނާން ހުރި ހަގީގަތެވެ. ޑިގްރީން ފަށައިގެން ގޮސް، މާސްޓާސް އާއި، ޔުނިވަސިޓީތަކުން އެންމެ މަތީ ވަނަ ހޯދާ ދަރިވަރުން ވެސް ޖެހެނީ ސަނަދުތައް ހިފައިގެން ތިބޭށެވެ. ކިތަންމެ ވަރަކަށް އެޕްލައި ކުރިޔަސް ލިބޭނެ ކަމުގެ ޔަގީންކަމެއް ނޯވެ އެވެ.

ވަޒީފާއަށް އިއުލާން ކުރަނީވެސް ވަކި ހާއްސަ ދިމާލަކުން އަންނަ ރެކޮމެންޑޭޝަނަކަށް އެމީހަކު ވެއްދުމަށެވެ. އެހެން ނަމަވެސް އެކަން އެނގި ތިބެވެސް ތަފާތެއް ފެނިދާނެ ކަމުގެ އުންމީދުގައި އެ ވަޒީފާއަށް އެތަކެއް ބަޔަކު ކުރިމަތިލައެވެ. އެކަމަކު ގާބިލް މީހާއަށްވުރެ ރެކޮމެންޑޭޝަން މީހާ ރަނގަޅުވެ އެވެ.

ރާއްޖެއަކީ ވަރަށް ފަސޭހައިން ބޭރު ދުނިޔޭގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާއި، ގޮތްތަކަށް ތަބާވެ އެ ގޮތަކަށް އަމަލު ކުރާ ބައެކެވެ. ފެޝަނުން ފަށައިގެން ގޮސް ލަވައެއް ނެރުނަސް އޭގައި ބޭރުގެ ގޮތްގަނޑު ހުންނާނެ އެވެ. ދިވެހި ރާއްޖެއިން އެޑަޕްޓް ކުރަނީ ހަމަ އެކަނި ވަގުތަށް ހެޔޮވަރު ކަންކަން އެކަންޏެވެ.

ބޭރު ދުނިޔޭގައި އަމަލު ކުރަމުން އަންނަ އުސޫލަކީ ޒިންމާދާރު މަގާމެއްގައި ހުންނަ މީހަކާމެދު ތުހުމަތު ތަކެއް ކުރެވި، ރައްޔިތުންގެ ހިތުގައި ޝައްކެއް އުފެދިއްޖެ ނަމަ އެމީހަކު އެ މަގާމެއްގެ މަސްއޫލިއްޔަތާއި ވާޖިބުތަކުން އަމިއްލައަށް ދުރުވުމެވެ.

އިހަށް ދުވަހު ހުޅުވާލައިގެން ބޭއްވި ތަހުގީގެއްގައި ބޭފުޅަކު ވިދާޅުވީ ކުށްވެރިއެއް ކަމަށް ބަލާނީ ކުށެއް ސާބިތުވުމުންނެވެ. "އިނޮސެންޓް އަންޓިލް ޕްރޫވެން ގިލްޓީ" އެވެ. ނަމަވެސް ބޭރު ދުނިޔޭގައި ސިޔާސީ މީހުންނާއި، އަދުލުް އިންސާފުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެބަހެއް ބޭނުމެއް ނުކުރެ އެވެ.

އޭގެ ބަދަލުގައި އެމީހަކު ހުންނަ މަގާމަކުން އިސްތިއުފާދެ އެވެ. މިއީ ރާއްޖެއިން އެއްވެސް ވަރަކަށް ފެންނަ މަންޒަރެއް ނޫނެވެ. ސިޔާސީ މީހުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ފުލުހުންނާއި ސިފައިންނަށް ވެސް ބޮޑެތި ތުހުމަތުތަކެއް އޮވެ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ހާލަތެއްގައި އެއްވެސް މީހަކު މަގާމުން އިސްތިއުފާއެއް ނުދެ އެވެ.

އެވަރުގެ ނަޒާހަތްތެރިކަން ހުރި ސިޔާސީ މިހަކު ވެސް ފަނޑިޔާރަކު ވެސް ނެތީ އެވެ. ގައުމުތަކުގެ ވެސް އަންނަ ރީތި އާދަތައް ދަމަހައްޓާކަށް ބޭނުމެއް ނުވެއެވެ. މިއީ ފެށުމެއް ބޭނުންވާ ކަމެކެވެ، ސިޔާސީ ގޮތުންވެސް އެނޫންވެސް ގޮތަކަށް ރަނގަޅު މިސާލަކަށްވެސް ދައްކާނެ މީހަކު ނެތީއެވެ.

ސިޔާސީ މީހުންނަށްވުރެ ވެސް ބޮޑަށް ފަނޑިޔާރުންނަކީ ރައްޔިތުންގެ އިތުބާރު އޮތް ބަޔަކަށް ވާންޖެހެ އެވެ. ގައުމެއްގެ އަދުލު އިންސާފާއި އަމާންކަން ދެމެހެއްޓޭނީ ރައްޔިތުންނަށް އިތުބާރު ކުރެވޭވަރުގެ ފަނޑިޔާރުން ފަނޑިޔާރުގޭގައި ތިބެގެނެވެ. އެެހެން ނޫންނަމަ މަންޒަރު ފެންނާނީ މިހާރު ފެންނަން މިއޮތް ގޮތަށެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް މިހާރު ކުރެވިގެން އުޅެނީ އާދައިގެ ތުހުމަތު ތަކެއް ނޫނެވެ. ޖިނާއި ބޮޑެތި ދައުވާތައް އުފުލި ބޮޑެތި ޖަލު ހުކުމް އަންނަ ވަރުގެ ތުހުމަތުތަކެވެ. އެފަދަ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ބޭފުޅަކު ލައިގެން ނެރޭ ހުކުމެއްގައި އޮންނާނީ ކޮން ކްރެޑިބިލިޓީއެއް ހެއްޔެވެ؟

އެފަދަ ތުހުމަތު ތަކަކީ އޭގެ ޒާތުގައި ބޮޑެތި ކަންކަމަށްވާއިރު، އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފިނަމަ ގައިމުވެސް ވަރުގަދަ މިސާލަކަށް އެމީހަކު ވާނެއެވެ. ރައްޔިތުންގެ އިތުބާރު ވެސް ލިބިގެންދާނެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބެލިއަސް ފެންނާނީ ތަފާތު މަންޒަރެކެވެ. ވިދާޅުވި ގޮތަކަށް ކަންކަން ނިންމަނީ އެވެ. ގިނަ ފަހަރު ގޯހަށް ވޯޓްދެނީ އެނގިތިބެ އެވެ. އެއީ ލީޑަރުންގެ ކުރިމަތީގައި ތިމާގެ އަގުވެއްޓި "ބާޣީ" އަކަށް ވެދާނެތީ އެވެ.

އިންސާފާއި ހަމަޔަށް ލޯބިކޮށް، މިސާލު ދައްކާނެ މީހަކު ހަމަ ނުވެއެވެ. ކިރިޔާވެސް ކަން އޮތް ގޮތަށް ވާހަކަ ދައްކައިފި ނަމަ، އެމީހަކަށްވުރެ ގޯސް ނެތް ކަމަށް މީހަކު ސޯޝަލް މީޑިއާގައި ނިމެ އެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު ދައްކާނެ މިސާލެއް ނެތެވެ. މުޅިން ވެސް ތިބީ އަމިއްްލަ އެދުމާއި، އާރާއި ބާރަށް ފެންބޮވައިގެންފައިވާ މީހުނެވެ. ހައްގާއި ބާތިލް ވަކި ކުރަން އެނގި ތިބެމެ ކަނޑައެޅިގެން އެއަށް ފުރަގަސްދޭ މީހުންނެވެ.