ރިޕޯޓް

ދައުލަތުގެ ތިން ބާރު އަނެއްކާވެސް ކޯޅުމަށް؟!

ނިމިދިޔަ ފަސް އަހަރާއި ހިލާފަށް 17 ނޮވެމްބަރު 2018 ގައި ރާއްޖޭގެ ވެރިކަމާއި ހަވާލުވި ސަރުކާރާއި މެދު ރައްޔިތުން ވަރަށް ބޮޑެތި އުމްމީދުތަކެއް ކުރިއެވެ. އަމާން އޮމާން ވެއްޓެއްގައި ހަތަރު ލީޑަރުންގެ މަސައްކަތާއެކު، އުފާވެރި ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ލިބޭނެ ކަމުގެ އުމްމީދެވެ. ތިރީސް އަހަރުގެ ތަޖުރިބާ ހުންނެވި ވެރިޔަކާއި، ބޭރު ދުނިޔޭގައި މަގުބޫލު ބަސް ވިކޭ ވެރިއެއްގެ އިތުރުން ރާއްޖޭގައި ނެތްފަދަ ވިޔަފާރިއާއި އިގްތިސާދުގެ މާހިރަކާއި، ދީނަށް ލޯބި ކުރާ ދީންވެރި ލީޑަރެއްގެ ހިޔާލާއި ވިސްނުމާއި، ޑައިރެކްޝަނާއެކު، މަޑުމައިތިރި އޯގާތެރި ވެރިއަކު ލީޑު ކުރާ ސަރުކާރެއްގެ ފޮނި މީރުކަން އޭގެ އެންމެ ފުރިހަމަޔަށް ލިބޭނެ ކަމުގެ އުމްމީދުގަ އެވެ.

އެކެއްގެ ވިސްނުމާއި ފިކުރަށް ގައުމު ހިންގުމަށްވުރެ މި ހުރިހާ ބޭފުޅުންގެ ވިސްނުމާއި ފިކުރާ އެއްކޮށް ގައުމު ހިންގައިފިނަމަ ލިބިގެންދާނެ ކުރިއެރުމާއި، ތަރައްގީއަށްޓަކައި ރައްޔިތުން ތިބީ ކެތްމަދުވެފަ އެވެ. އެކު އެކީގައި ގުޅިގެން ކުރި މަސައްކަތުން އޭރު އޮތް ސަރުކާރުގެ މައްޗަށް އިދިކޮޅުގެ ގޮތުގައި އޮވެ އިންތިހާބުގައި ކުރި ހޯދާ ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ރައްޔިތުންގެ ހިތްތައް އުފަލުން ފުރާލި ކިތަންމެ ވާހަކައެއް ވިދާޅުވެފައިވެއެވެ. ކޯލިޝަނެއްގެ ގޮތުގައި ފަސް އަހަރު ވެރިކަން ކުރާނެ ވާހަކައާއި ރައްޔިތުންނަށްޓަކައި 100 ދުވަހުގެ ތެރޭގައި ކޮށްދޭން ވައުދުވި ކިތަންމެ ކަމެއް އެބަހުއްޓެވެ.

އެހުރިހާ ކަމަކަށްވުރެވެސް ބޮޑަށް ރައްޔިތުން އުމްމީދުކޮށްގެންތިބީ ދައުލަތް، ދައުލަތެއްގެ ގޮތުގައި ހިނގާނެ ކަމަށެވެ. ނިމިދިޔަ ސަރުކާރާއި ހިލާފަށް ދައުލަތުގެ ތިން ތިންބާރު އޭގެ ޒާތުގައި ރައްޔިތުންގެ ފައިދާއާއި މަންފާއަށް މަސައްކަތް ކުރާނެ ކަމުގެ އުމްމީދު އޮތީ ވަރަށް ބޮޑުކޮށެވެ. ހާއްސަކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން ނިންމަމުންގެންދިޔަ ނިންމެވުންތަކާއި، ގާނޫނު ހަދާ މަޖިލީހުގައި އާސަރުކާރުގެ މެމްބަރުންގެ ބާރު ގަދަވެ، މަޖިލީހުގެ ރިޔާސަތު ފޮރޮޅިގެން ދިއުމާއި، އާ ވެރިއަކާއި މެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށްވެސް އުފާވެފަ އެވެ. ކުރީ ސަރުކާރުގައި ތިން ބާރު ކޯޅިގަނެ، އެއްބާރުން އަނެއްބާރުގެ މައްޗަށް ވެރިވެގަނެ އަމުރު މައުރޫފު ހިންގައި، ހިންގި ހަޑި މުޑުދާރު، ރައްޔިތުން ބަލަން ބޭނުން ނުވާ ކަންކަން މި ދައުރުގައި ނުފެންނާނެ ކަމުގެ ވަރަށް ބޮޑު އުމްމީދަކާއެކު އެވެ.

އެހެން ނަމަވެސް ސަރުކާރަށް 100 ދުވަސް ވީ އިރު، މިއޮތީ އެ ރައްޔިތުންގެ އުމްމީދުގައި ކުލަ ނުޖެހި މާޔޫސްވާން ޖެހޭ ވަރުގެ މަންޒަރުތައް ފެންނަން ފަށާފަ އެވެ. ރައްޔިތުން އިތުބާރުކޮށްގެން ތިބި ލީޑަރުންގެ ކިބައިން ފެނިގެން މިދަނީ އެ ރައްޔިތުން އުމްމީދު ކުރި މަންޒަރުތަކެއް ނޫނެވެ. ސިޔާސީ މީހުން ކުޅޭ ޑާޓީ ޕޮލިޓިކްސްގައި ޖެހި "އަސްލު މަންޒަރު" މިވަނީ ފެންނަން ފަށާފަ އެވެ. ސިޔާސީ ބާރުވެރިކަން ހޯދުމަށް ވެފައިވާ އެއްބަސްވުންތަކާއި ދެކޮޅު ހަދައި އެއްބަޔަކު އަނެއްބަޔަކު ގަޔަށްބޮލަށް އަރާ ހިސާބަށް މިއޮތީ ކަންކަން ގޮސްފަ އެވެ. ތިމާމެންނަށް ހައްގު މިންވަރަކީ ކޮބާކަން އެނގިތިބެ އެ ހައްގުމިންވަރަށްވުރެ ކޯލިޝަންގެ މަސްލަހަތު އިސްކުރަން ހިތުލައި އެއްބަސްވި އެއްބަސްވުމާއި ހިލާފުވި ހިސާބުން އޮތީ އެއްކަލަ ކޯލިޝަންގައި ރެނދުލައި ފަޅައިގެންދާން ތައްޔާރުވެފަ އެވެ.

ދައުލަތުގެ 3 ބާރުގެ ތެރެއިން ސަރުކާރާއި، ގާނޫނު ހަދާ މަޖިލީހާއި ކޯޅެން ފެށީ، ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި ހުންނަވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރުން ފޮނުވާފައިވާ ކޮމިޝަންތަކުގެ ބިލަކީ ގާނޫނު އަސާސީއާއި ހިލާފު އެއްޗެއް ކަމަށްބުނެ އެ ބިލް ފާސްކޮށް ގާނޫނަކަށް ބަދަލު ކުރުމަށް ދެކޮޅު ހެދި ހިސާބުންނެވެ. މައުލޫމާތު އެނގިހުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ ގާސިމް އެ ބިލްތަކަށް ދެކޮޅު ހެއްދެވީ އެ ކޮމިޝަންތަކަށް މިވަގުތު ބާރުތަކެއްދީފިނަމަ، އެޕްރީލް 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރަން ތިބި އެތަކެއް ބައެއްގެ އިންތިހާބީ ހައްގުތަކަށް އެކޮމިޝަންތަކުން އަރައިގަނެ މަސްލަހަތު ވަރަށްބޮޑަށް ގެއްލި ހިގައިދާނެތީއާއި، ގާނޫނު އަސާސީން ބާރު ދީފައިވާ ކޮމިޝަންތަކެއްގެ ބާރު ކެނޑޭ ގޮތަށް ނުވަތަ އެ ބާރު އެހެން ބަޔަކަށް ލިބިގެންދާގޮތަށް އެބިލްތައް އޮތުމުންނެވެ.

އަނެއްބަޔަކު ގަބޫލު ކުރާގޮތުގައި ސަރުކާރަށް ދަތިވާގޮތަށް ގާސިމް އިބްރާހިމް އަމަލު ކުރައްވަން ފެއްޓެވީ ކޯލިޝަން ލީޑަރުގެ ތެރޭގައި ހިމެނޭ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރަައީސް މުހައްމަދު ނަޝީދު، ފާޅުގައި އެއްވުންތަކުގައި ގާސިމާއި ދެކޮޅަށް ގާސިމަށް ނިސްބަތްވާގޮތަށް ދައްކަވަންފެށި ވާހަކަތަކާއި ގުޅިގެން ނެވެ. އެގޮތުން ސޭޓް ނޫން ގޮތެއް ހޯދަން ފުރަތަމަ ގޮވާލެއްވީ ނަޝީދުކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. އެކަންކަން އެހެން ހުރުމާއެކު، އަދި ކޯލިޝަން އެގްރީމަންޓާއި ހިލާފަށް އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ނިކުތުމަށް ނިންމުމާއި އެކު، ގާސިމާއި، ނަޝީދާއި ދެމެދު ހުޅު ފަޅައިގެންގޮސް، ގާނޫނު ހަދާ މަޖިލީހާއި ސަރުކާރާއި ދެމެދު ކޯޅުން ފެށުނެވެ. އެކޯޅުމުގެ ތެރޭގައި ގާސިމް ދޭތެރެ ދޭތެރެއިން ސަރުކާރަށް ބިރުދައްކަން މަޖިލިހުގެ ތެރެއިން މަސައްކަތް ކުރަައްވާކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރެއެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވިސްނަމުންދާކަމަށް ބުނި ހިސާބުން އެކަމަށް މަގުފަހިވާގޮތައް ގާސިމް އަމަލު ކުރައްވާކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.

ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވީ، ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދުވަހަކުވެސް އެމްޑީޕީއަށް ނުވި ކަމެއް އެބައޮތްކަމަށެވެ. އެއީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ކޮންޓްރޯލް އެޕާޓީއަށް ނުލިބުމެވެ. މިވަގުތު އެމްޑީޕީއަށް ނިސްބަތްވާ ކޯލިޝަން ސަރުކާރު އޮތް ކަމުގައިވީނަމަވެސް އެކަމެއް އަދިވެސް އެ ޕާޓީއަކަށް ވެފައެއްނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއް އޮތް ކަމުގައިވީނަމަވެސް ޝަރުއީ ދާއިރާ ކޮންޓްރޯލް ކުރުމަކީ ހުރިހާ ސިޔާސީ ފަރާތްތަކުންވެސް މަސައްކަތް ކުރަމުން އަންނަކަމެކެވެ. އަދި އެމްޑީޕީއަށް ޝަރުއީދާއިރާގެ ކޮންޓްރޯލް ހޯދުމަށްޓަކައި އެޖެންޑާ 19 ގައި ބައެއް ސިޔާސަތުތަކެއްވެސް ކަނޑައަޅާފައި ވާކަމަށާއި، އެ ސިޔާސަތުތަކަކީ ޝަރުއީދާއިރާގެ ބޭފުޅުންނަށް އެހާ ކަމުދާ ސިޔާސަތުތަކަަކަށް ނުވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާއި ހިތްޕުޅާނުވެ އެމްޑީޕީގެ ލީޑާޝިޕުން ކެނޑިނޭޅި ޝަރުއީ ދާއިރާގެ އަގު ރައްޔިތުން ކުރިމަތީގައި ވެއްޓޭގޮތަށް ވާހަކަ ދައްކާ ކަމަށާއި، އާސަރުކާރާއެކު އިތުބާރު ގާއިމް ކުރުމުގެ ބަދަލުގައި ޝަރުއީދާއިރާގެ އިތުބާރު އިހުނަށްވުރެ ބޮޑަށް ގެއްލުވާލަން އެމްޑީޕީގެ ލީޑާޝިޕުން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ޝަރުއީދާއިރާގެ ބޭފުޅުން ލަދުގަންނުވާ ނުލަނީސް އިސްލާހު ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް ނަޝިދު ވިދާޅުވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ތަކުރާރުކޮށް ޝަރުއީދާއިރާއިން ނިންމާ ނިންމުންތަކާއި ދެކޮޅަށް ވާހަކަދެއްކުމާއި، އެމްޑީޕީ ނޫން ބަޔަކާއި އެއްކޮޅަށް ކޯޓަކުން ކަމެއް ނިމިއްޖެ ނަމަ ކޯޓު ގޯސްވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ޑަބްލިއުއެލްޓީ މައްސަލައިގައި ވެސް 13 މިލިއަން ދައުލަތުން ދޭން ސްޕްރީމްކޯޓުން ހުކުމް ކުރުމުން އެވާހަކަވެސް ނަޝީދު ދެއްކެވީ އެ އަދަދުވެސް އެތައްތަނުން ބޮޑުކޮށްގެން އެއީ ގާސިމްގެ ނުފޫޒުން ކޮށްފައިވާ ކަމެއްކަމަށް ދޭހަވާ ގޮތަށް. އެކަން އެއީ ގާސިމް ކުރެއްވި ކަމެއް ކަމަށްވަންޏާ މި ސަރުކާރުގެ ޅަފަތުގައި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންތަކަކަށް ދައުލަތުން ބަދަލުގެ ގޮތުގައި 70 އެތައް މިލިއަނަކުންދޭން ކޯޓުން ކުރި ހުކުމް އެމްޑީޕީއަކަށްވެސް ނަޝީދަކަށްވެސް ގޯހެއް ނުވި. އެއީވެސް ނުފޫޒު ފޯރުވައިގެނޭ ބުނެވިދާނެ ނޫންތޯ. އެއޮތީ މާލިއްޔާއަށް އަތް ބާނާފައި ނޫންތޯ. މިއީ ވަރަށް ހެއްވާ ކަމެއް އެހެން ނޫންތޯ" އެބޭފުޅާ ވިދާޅުވި އެވެ.

އެބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި ނަޝީދު ތަކުރާރުކޮށް، ޝަރުއީ ދާއިރާއާއި މެދު ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ގުޅިގެން މިވަނީ ޝަރުއީ ދާއިރާއާއި ސަރުކާރާއި މެދުވެސް ކުނި ޖެހޭ ހިސާބަށް ގޮސްފައެވެ. އެގޮތުން ޝަރުއީދާއިރާއިން މިހާރު ނިންމަމުންދާ ނިންމެވުންތަކުން އެކަންކަން ސާފުވާނެ ކަމަށެވެ.

މިކަންކަމަށް ބަލާއިރު، ސަރުކާރާއި، ދައުލަތުގެ އަނެއް ދެބާރާއި ދެމެދު މިވަނީ އަނެއްކާވެސް ކޯޅުން ގަނޑެއް ފެށިފައެވެ. މިއީ ހަމަ ގައިމުވެސް ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމަށް ސިޔާސީ ލީޑަރުންތަކެއް ރައްޔިތުންވީ ގުރުބާނީ ބޮލާލާ ޖެހުން ކަމުގައި ނޫނީ ނުވާނެއެވެ. މި ސަރުކާރު ރައްޔިތުން ގެނެއީ މިފަދަ ކަންކަން ނުވާނެ ކަމުގެ އުމްމީދާ އެކުއެވެ. އެހެން ނަމަވެސް ރައްޔިތުންގެ އެ އުމްމީދުތަކާއ ދެކޮޅަށް ކަންކަން އެކި ބާރުތަކުން ކުރަމުންދާއިރު، އެކަމުގެ ޒިންމާ ނަންގަވަންޖެހޭ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އެކަންކަމާއި ވިސްނަވާ ރައްޔިތުން މާޔޫސްވިޔަ ނުދޭން މަަަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ކުރެވެއެވެ. އަދި އެއްބާރުން އަނެއްބާރާއި ކޯޅުމުގެ ފުރުސަތު ރައީސް ބަންދުކުރައްވަން އެބަޖެހެއެވެ. ގައުމުގެ ހަމަ ޖެހުމާއި، ސުލްހަަމަސަލަސްކަން ދެމި އޮންނާނީވެސް އޭރުންނެވެ. އަދި ރައްޔިތުން މި ސަރުކާރާއި މެދު ކުރި އުމްމީދުތައް ހާސިލް ކުރެވޭނީވެސް އޭރުންނެވެ.