ރިޕޯޓް

ބޯހިޔާވަހިކަމަކީ ގައުމީ ކަމެއް: ޒުވާބު ކުރާނެ ކަމެއް ނެތް!

ރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއް ބަންޑެލިކޮށް ސުވާލު ފައްޗަކަށް އަމުނާލައިގެން ރައްޔިތުންގެ ކުރި މައްޗަށް ދިއްކޮށްލައިފިނަމަ، ގިނަ ބަޔަކު އިސް ކުރާނީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. އެއީ ހަގީގަތުގައި ވެސް ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމުގެ އަސްލެވެ. ރައްޔިތުންގެ އަތުގައި ފައިސާ ނުހުންނަނީ ލިބޭ އާމްދަނީގެ 90 ޕަސަންޓް މަހު ކުއްޔަށް ދައްކަން މަޖުބޫރުވާތީ އެވެ. އެއީ ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތަސް، އަދި ހައްލު ނުލިބޭ ލިސްޓުގެ އެންމެ ކުރީގައި އޮތް މައްސަލަ އެވެ.

އެކަމަކު މި މައްސަލައިގެ ވާހަކަ ދައްކަން ފަށާ ކޮންމެ ފަހަރަކު، މާލެ - ރާއްޖެތެރެ ބަހުސް ކެކި އަރައި، ޒުވާބު ކުރުން މިހާރު ވަނީ އާއްމު ކަމަކަށް ވެފަ އެވެ.

އެންމެ ފަހުން އެ ބަހުސް މިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވެސް ގޮސްފަ އެވެ. ދިވެހިންނަށް މާލެ އާއި ރަށްރަށުން ފްލެޓު ދޫކުރުމާ ގުޅޭ ގޮތުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް މަޖިލިހަށް ހުށަހެޅުމާއެކު މާލެ - ރާއްޖެތެރެ ޒުވާބުން މެންބަރުންވެސް ސަލާމަތެއް ނުވި އެވެ. ޒަމާންވީ އެ މައްސަލައަށް ހައްލު ހޯދައި ދެވެން އޮތް މަޖިލީހަށް ވެސް އެކަމުގެ ހަގީގަތް އެންމެ ފަހުން އޮޅުނީ އެވެ.

އަތޮޅުތަކުތެރެއަށް ނިސްބަވްތާ ބައެއް މެންބަރުން ވިދާޅު ވަނީ ރަށްރަށުގައި އުޅޭ މީހުން މާލެއަށް ހިޖުރަ ކުރަނީ ރަށްރަށުގައި އުޅެވޭނެ ގޮތެއް ނެތިގެނެވެ. މާލޭގައި އުޅެނީ ވެސް ވަރަށް ހާލުގަ އެވެ.

ނަމަވެސް މާލޭގެ މެންބަރުން ވާހަކަ ދެއްކެވީ މާލޭގެ ރައްޔިތުން މާ ނިކަމެތި ކަމަށް ވަކާލާތު ކުރައްވަ އެވެ. އަދި ހުޅުމާލޭން ގެދޮރު ދޫކުރެވެން ވާނީ ހަމަ އެކަނި މާލޭގެ ރައްޔިތުންނާއި ގިނަ ދުވަހު މާލޭގައި ދިރިއުޅުނު ރައްޔިތުންނަށް ކަމަށް މާލެ ތަމްސީލު ކުރައްވާ ބައެއް މެންބަރުން ވިދާޅުވި އެވެ. އެ ކަމާ ދެކޮޅަށް އަތޮޅުތައް ތަމްސީލު ކުރެއްވި މެންބަރުން ވާހަކަ ދެއްކެވި އެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވާހަކަ ދެއްކެވީ އަތޮޅުތަކުގެތެރޭގެ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވާ ގޮތަށް
ޔައުގޫބް އަބްދުﷲ | ދާންދޫ ދާއިރާގެ މެންބަރު

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވަނީ ހެޔޮ ކޮށެވެ. މާލޭގެ ކޮންމެ މީހަކީ 12 ބުރީގެ އިމާރާތަކުން ބޮޑެތި އަދަދުތަކުން މަހަކު ކުލީގެ ފައިސާ ވަންނަމުންދާ މީހެއް ނޫނެވެ.

"ރާއްޖެތެރޭގެ" ދިފާއުގައި ކަމަށް ހީކޮށް ދެން ވާހަކަ ދެއްކެވި ބައެއް މެންބަރުން އަޑު ހަރުކޮށް ނެންގެވީ އަނެއްކާވެސް މައްސަލަ އެވެ. އެހެން ރަށްރަށުން މާލެއަށް މީހުން އަންނަނީ ރާއްޖެތެރޭގައި ވަސީލަތް ނެތުމުން ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް، އެއީ އެއްވެސް ދިވެއްސަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. މާލެ ތޮއްޖެހުނީ އެކި ސަރުކާރުތަކުގެ ސިޔާސަތުތައް އެގޮތަށް ބައްޓަން ކުރީމަ އެވެ. ފެން އޮތް ތާކަށް މަސް ދުވާ އުސޫލުންނެވެ. އެކަމުގައި ރައްޔިތުންގެ ކުށެއް ނެތެވެ. މާލޭ މީހެއް ނޫނީ ރާއްޖެތެރޭ މީހެއް އިސްތިސްނާއެއް ނުވެ އެވެ.

މާލޭގެ ގިނަ އާއިލާތަކެއްގެ ގޯތި ފޮތިފޮތި ކުރަމުން ގޮސް މިހާރު އިތުރު ޖާގައެއް ނެތެވެ.

"އަޅުގަނޑު އެއްވެސް ހާލެއްގައި މި ދައްކަނީ މާލޭގެ އުޅޭ ބައެއް މަހުޖަނުންގެ ވާހައެއް ނޫން، އެ ހާލުގައި ތިބި ބައެއް ރައްޔިތުންގެ ވާހަކަ،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ސީދާ ވިދާޅުވާ ވާހަކައެއްވެސް ފާހަގަ ކޮށްލަންޖެހެ އެވެ. އޭނާ އެ ވިދާޅުވާ 12 ބުރީގެ އިމާރާތުން މަހު ކުލީގެ ގޮތުގައި ލައްކައިން ޖީބަށް ވަންނަ "ރާއްޖޭތެރޭ" މަހުޖަނުން ވެސް ގިނަ ކަމެވެ. މާލޭ މީހުން އެހެން މީހެއްގެ ފައިލާ ކޮޅުގައި ނިދާލައިގެން އުޅޭއިރު، މާލޭގައި ބޮޑެތި ގެދޮރު ބުރިބުރިއަށް ނަގައިގެން ރާއްޖެތެރެއަށް ނިސްބަތްވާ އެތައް ބަޔަކު އުޅޭކަމީވެސް ފެންނާންއޮތް ހަގީގަތެވެ.

އަމިއްލަ ގޯތި 20 އަހަރާއި 30 އަހަރަށް އަތޮޅުތަކުގެ މަހުޖަނަކަށް ދީގެން ބުރިބުރިއަށް ގެ އަރާފައި ހުއްޓަސް، މާލޭ ގިނަ މީހުންގެ އުމުރު ހުސްވަނީ އެތަނުން އެންމެ އެޕާޓްމަންޓެއް ތެރޭގަ އެވެ. ހަމަ އެ ގެއިން، ބޮޑު ކުލީގައި އެޕާޓްމަންޓް ކުއްޔަށް ހިފައިގެން ގަނަ ތެޅޭ "ރާއްޖޭތެރޭ" މީހާއެކޭ އެއް ހާލެއްގަ އެވެ. ދެން މި ދައްކަނީ ކޮން މާލެ-ރާއްޖެތެރެ އެއް ހެއްޔެވެ؟

މިހާރު މިކުރެވޭ ބަހުސްގައި އެންމެ ބޮޑަށް ގޯސް ކުރަންޖެހެނީ މަޖިލީހަށް އެ ހުށަހެޅުނު ގަރާރެވެ. ކިތަންމެ ބޮޑު ބިމެއް އޮތަސް، އެއްވެސް ވަސީލަތެއް ނެތް ރަށެއްގައި މީހަކު ދިރި އުޅޭނީ ކިހިނެއްތޯ ސުވާލު ކޮށްލަން ޖެހެ އެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވާ ފަދައިން، މާލޭ ވިޔަސް ރާއްޖެތެރެ ވިޔަސް، ހަމައެކަނި ގޯތި ދީގެން މިކަމެއް ނުވާނެ އެވެ.

"ގޯތި ދީގެން މިކަން ވާނެތޯ، ނުވާނެ، ގޯތި ދީފައި އަދި ގެއެއް އަޅަން ޖެހޭނެ ގޮތް ވެސް އެބަ ޖެހޭ ދައްކަން، މި ކަން ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ޖެހޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ނިދާލާނެތަނެއް ދިނަސް ރައްޔިތުންނަށް ފުއްދައެއް ނުލެވޭނެ އެވެ.

"އެއީ އަތޮޅުތަކުގެ ތެރެއަށް ވެސް ދިމާވާ މައްސަލައަކީ، މާލެ ތޮއްޖެހިގެން މި ދަނީ ވެސް އެ ސަބަބާ ހުރެ، އަތޮޅުތަކުތެރޭގެ ގެ ދޫކޮށްލާފައި މާލެ އައިސް އުޅެނީ އެއިން ތަނެއްގައި ހިދުމަތް ނެތިގެން، ވަޒީފާއެއް ނެތިގެން، ގެދޮރު ހަމައެކަނި ދިނަކަސް، ނިދާލާނެ ތަނެއް ހަމައެކަނި ދިނަކަސް މި ކަމެއް ނުވާނެ،" ބޮންޑޭ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މާލެއާއި ރަށްރަށުގެ ތަފާތުގެ ވާހަކާ އާއި ޖުމަލަކޮށް ވަކި އާބާދީއަކަށް ނިސްބަތްކޮށް ކުޑައިމީސް ބަހެއް ބުނުމަކީ މެންބަރުންގެ ކިބައިން ފެންނާނެ ނޭދެވޭ ސިފައެކެވެ. ތަފާތު ކުރުމެއް ނެތި ވާހަކަ ދެއްކުމަކީ މެންބަރުން ކޮންމެހެން ހިފަހައްޓަން ޖެހޭ އަހުލާގެކެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ އިއްޒަތްތެރި މެންބަރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ބަހުސް ކުރައްވާއިރުގައި އަދި އެހެން މައްސަލައެއް ބަހުސް ކުރައްވާއިރުގައި ރަށްރަށާއި މާލެއާ ތަފާތު ކުރެއްވުމާއި އެއްވެސް ބަޔަކަށް ނޫނީ ޖުމުލަކޮށް ވަކި އާބާދީއަކަށް ނިސްބަތްކޮށް ކުޑައި މީސް ބަހެއް ބުނުމަކީ ވަރަށް ނޭދެވޭ ކަމެއް ކަމަށް މެންބަރުން ވިސްނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެކަށީގެންވާ ބޯހިޔާވަހިކަން އެންމެންވެސް ބޭނުމެވެ. އެއީ އެންމެންގެ ހައްގެއް ވެސް މެއެވެ. އެކަމުގައި މާލޭ މީހެއް ރާއްޖެތެރޭ މީހެއް އިސްތިސްނާއެއް ނުވެ އެވެ. އަތޮޅު ތެރެއިން ގޯތި ދެންޏާ އެތާ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށް ވަސީލަތްތައް ވެސް ގާއިމު ކޮށްދޭން ޖެހެ އެވެ. އެކަން ސަރުކާރަށް ނުކޮށް ދެވެންޏާ މާލޭ މީހުންނާއެކު ރާއްޖެތެރޭން މާލެ އަންނަ މީހުންނަށް މާލޭ ސަރަހައްދުން ހަމަ ގޯތި ދޭންވީ އެވެ. ދޭންވެސް ޖެހެ އެވެ.

އެއިން އެއްވެސް ކަމެއް ނުކޮށް ކޮންމެ ފަހަރަކު "މާލެ-ރާއްޖެތެރެ" ބަހުސް ކުރުމުގެ ބޭނުމެއްނެތެވެ. މިއީ، ވަކި ރަށެއްގެ ވަކި ރައްޔިތަކަށް ހާއްސަ މައްސަލައެއް ނޫނެވެ. އެއީ ރާއްޖޭގެ އާބާދީގެ ބޮޑުބައި، ހައްލެއް ބޭނުންވެފައިތިބި ގައުމީ މައްސަލައެކެވެ.