އޭސީސީ

އޭސީސީ އިން ފްލެޓްތަކާ މެދު 20 ދުވަސް ތެރޭގައި ގޮތެއް ނިންމަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމި ފްލެޓްތައް ދޫކުރުން ހުއްޓުވާފައި އޮތް އޮތުމާ މެދު ގޮތެއް ނިންމާ ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ވަކި އެއްޗެއް އަންގާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގައި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި މީހުންގެ ތެރެއިން 13،000 މީހުން ފްލެޓަށް ޝަރުތު ހަމަވި އެވެ. ނަމަވެސް ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓްގެ ތެރެއިން ނިންމުމުގެ މަރުހަލާގައި ވަނީ މަދު ފްލެޓްތަކެކެވެ.

މިފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް މިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ހުޅުވާލުމާ ގުޅިގެން 7،400 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ. މިޝަކުވާތަކަށް ހައްލުތަކެއް ހޯދައިދީފައި ނޫނީ ފްލެޓް ދޫނުކުރަން އޭސީސީ އިން ވަނީ އަންގާފަ އެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާތަކާ މެދު ގޮތްތަކެއް ނިންމުމަށްފަހު ފްލެޓް ދޫކުރަން މަސައްކަތް ވެސް ކޮށްފަ އެވެ. އެގޮތުން ފްލެޓް ހަވާލުކުރުމަށް ގުރުއަތުލުން ކުރިއަށް ދަނިކޮށް އޭސީސީ އިން ވަނީ ފްލެޓް ހަވާލުކުރުން ހުއްޓާލުމަށް އަންގާފަ އެވެ.

އޭސީސީގެ ނިންމުމާ ގުޅިގެން ފްލެޓް ހަވާލުކުރުން ހުއްޓިފައިވާތީ އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. ހައިދަރު މިއަދު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ މަގާމާ ހަވާލުވުމަށްފަހު އޭސީސީގެ ބޭފުޅުން ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ފްލެޓްތަކުގެ މައްސަލައިގައި އަމަލުކުރަންވީ ގޮތެއް ކުރިއަށް އޮތް 20 ދުވަސް ތެރޭގައި އަންގާނެ ކަމަށް ކޮމިޝަނުން ބުނި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެެވެ.

ޑރ. ހައިދަރު ވިދާޅުވީ ފްލެޓްތަކުގެ މައްސަލައިގައި އޭސީސީ އިން ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދަން ޖެހިއްޖެނަމަ ފްލެޓްތަކާ މެދު ގޮތެއް ނިންމުން އިތުރަށް ލަސްވެސް ވެދާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު ފްލެޓް ދޫކުރުން ހުއްޓުވާފައިވާތީ އެކަމުގެ ކަންބޮޑުވުން އޭސީސީއާ ހިއްސާކޮށްފައިވާނެ. އަދި މައްސަލަ ހައްލުކޮށް އަލުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ގޮތެއް މިދަނީ ބަލަމުން،" ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓްތަކާ ގުޅިގެން އޭސީސީ އިން ބައެއް ކަންކަން ބަލަން ބޭނުންވާތީ ފްލެޓް ޕޯޓަލްއަށް ވަނުމުގެ އެކްސެސް އެ ކޮމިޝަނަށް ދީފައިވާނެ ކަމަށެވެ. އެއްވެސް މީހަކަށް ލިބިފައިވާ ފްލެޓެއް އަތުލުމަކީ އާ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އޭސީސީ އިން މައްސަލަ ނިންމުމުް ޝަރުތު ހަމަވާނަމަ އެންމެންނަށްވެސް ފްލެޓް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން ލިސްޓް އާންމުކޮށް، ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުންގެންދާ 4،000 ފުލެޓް ލިބޭނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓް ލިބޭނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ކަމަށެވެ.