އޭރުގެ ސަރުކާރަށް ކުރިމަތިވަމުން ދިޔަ ޕްރެޝަރުތަކާއެކު ގާނޫނުން ޖާގަ ދިނުމާއެކު މީގެ 15 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ފުރަތަމަ ސިޔާސީ ޕާޓީ ރަޖިސްޓްރީވެގެން ދިޔަ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ފެށި، އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ތަމްސީލުކުރާ އިންތިހާބެއް ފުރަތަމަ ފަހަރަށް ބޭއްވިގެން ދިޔައީ 2008 ވަނަ އަހަރު ތައާރަފްކުރެވުނު އާ ގާނޫނު އަސާސީގެ ދަށުންނެވެ. އަދި ސިޔާސީ ޕާޓީތަކާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ޕާޓީތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކޮށް އޭގެ ފަސް އަހަރު ފަހުން ވަނަ އަހަރުގައި ގާނޫނެއްވެސް ތައާރަފްވެގެންދިޔަ އެވެ. އެ ގާނޫނު ތިން ފަހަރެއްގެ މަތިން އިސްލާހުކުރުމުގެ އިތުރުން، މި ގާނޫނުގެ ދަށުން ސިޔާސީ ޕާޓީތައް ތަބާވާންޖެހޭ ހަމަތައް ބަޔާންކޮށް ސިޔާސީ ޕާޓީ ގެ ގަވާއިދެއްވެސް 2019 ވަނަ އަހަރު ވަނީ އާއްމުކޮށްފައި އެވެ. އެ ގާނޫނުގެ އިތުރުން އިންތިހާބުތަކާބެހޭ އާންމު ގާނޫނުންވެސް ޕާޓީތަކުގެ ފިކުރާއި ސިޔާސަތުތައް ހާމަކޮށް ތާއީދު ހޯދުމާއި ޕާޓީތަކަށް ނިސްބަތްވާ ކެނޑިޑޭޓުން އަމަލުކުރަންޖެހޭ އުސޫލުތައް އޮތީ ބަޔާންކޮށްފައި އެވެ.
ނަމަވެސް، ރާއްޖޭގައި ގިނަ ކަންކަން ހުންނަ ބީދައިން، އެ އުސޫލުތައް ހަމައެކަނި އޮތީ ކަރުދާހުގައި އެވެ. ގާނޫނުތަކާއި ގަވައިދުތަކުގައި ހުރި ބޮޑެތި ބާގަނޑުތަކުގެ ތެރެއިން ކަންކަން ބޮއްސުންލައިގެންގޮސް، ރައްޔިތުންގެ އިތުބާރު ގެއްލި، އެންމެ ކޮރަޕްޓު އިދާރާތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް ވަނީ ލޭބަލްވެ ނިމިފައި އެވެ. ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހާއްސަކޮށް ޕާޓީތަކަށް ލިބޭ ފައިސާ އާއި ހަރަދުކުރާ ގޮތުގެ ކަންކަން ބެލި، ރެގިއުލޭޓްކުރަން ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފައި އެވެ.
މިގޮތުން، "ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުން"ގެ ނަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރި ދިރާސާއަކަށްފަހު އާއްމުކޮށްފައިވާ ރިޕޯޓުގައި ޕާޓީތަކަށް ލިބޭ ފައިސާ އާއި އެހީގެ އިތުރުން ހަރަދު ކުރުމުގައި އެކަށީގެންވާ އުސޫލެއްނެތް ކަމުގެ ބޮޑެތި މައްސަލަތައް ވަނީ ފާހަގަކޮށްފައި އެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ހުރި ބައެއް ބާގަނޑުތަކުގެ ސަބަބުން ހަރުދަނާ ގޮތެއްގައި އެކަންކަން ބެލުމުގެ ބާރު ލިބިދީފައިވާ އިލެކްޝަންސް ކޮމިޝަނަށް އެފަދަ ކަންކަން ބަލައި، ފިޔަވަޅު އެޅުމަށް ހުރި ހުރަސްތަކަށްވެސް އެ ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ.
ސަރުކާރުގެ ކުންފުނިތަކުން ވެރިކަން ކުރާ ޕާޓީއަށް ފަންޑުކުރުން
ހާއްސަކޮށް އިންތިހާބުތަކާ ގުޅިގެން، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިސާއާއި ވަސީލަތްތައް އެއިރެއްގައި ވެރިކަން ކުރާ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބޭނުންކުރާކަމުގެ ގިނަ މައްސަލަތަކެއް ފާހަގަވަމުންދިޔަ ނަމަވެސް، އެކަން ނުހުއްޓުވޭކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ރިޕޯޓުގައި ބުނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ސިޔާސީ ޕާޓީތަކާއި ސިޔާސީ ކެންޑިޑޭޓުންނަށް ފައިސާއާއި ވަސީލަތްތައް ހަރަދުކުރުމާއި، ދޫކުރުމާ ގުޅޭ 37 މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.
މިގޮތުން، އެފަދަ މައްސަލަތަކުން ބައެއް މިސާލުތައްވެސް ރިޕޯޓުގައި ހިމަނައިފައިވާއިރު، އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ތެރެއިން އޭރު ވެރިކަމުގައި އޮތް ޕާޓީގެ ކެމްޕޭނަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ދިދަ އާއި ގޮނޑިފަދަ ތަކެތި ފޯރުކޮށްދީފައިވާކަމަށް އޭސީސީން ބުނެފައިވެ އެވެ.
ކޮމިޝަނުން އިތުރަށް ބުނީ އިންތިހާބާ ބެހޭ އާންމު ގާނޫނުން ކެނޑިޑޭޓުން ސަރުކާރުގެ ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައި ވީނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދުކުރުމަކީ ސިޔާސި ޕާޓީ ގެ ގާނޫނުގައި ސިދާ މަނާނުކުރާ ކަމަށެވެ.
ގާނޫނުގައި އެކަން އެގޮތަށް އޮތުމުގެ ސަބަބުން، ސިޔާސި ޕާޓީތައް މެދުވެރިކޮށް ކުންފުނިތަކުން ކެނޑިޑޭޓުންގެ ކެމްޕޭނަށް ހަރަދުކުރުމުގެ ފުރުސަތު އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އަދި އެފަދަ ގިނަ މައްސަލަތަކެއް ކޮމިޝަނަށް ހުށަހެޅިފައިވާކަމަށްވެސް ބުނެފައިވެ އެވެ.
"މީގެ ތެރޭގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށްފައިވާ ޕާޓީއެއްގެ ކެންޑިޑޭޓަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ހުޅުމާލޭގެ ބިންތަކާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނާއި މުދަލާއި ވަސީލަތްތައް ބޭނުންކުރުމާގުޅޭ މައްސަލަ ފާހަގަކޮށްލެވޭ،" ރިޕޯޓުގައި ބުންޏެވެ.
މީގެ އިތުރުން، ބައެއް ސިޔާސީ ޕާޓީތަކުން، ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިދުމަތް ދަރަންޏަށް ހޯދުމަށްފަހު ފައިސާ ދައްކާފައިނުވުމުގެ ތުހުމަތުތައްވެސް ފެންމަތިވެފައިވާކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.
އިތުރަށް ބުނީ ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި އެ އިރެއްގައި ވެރިކަން ކުރާ ޕާޓީއެއްގެ ނުފޫޒު އޮތުމަށް މެދުވެރިވާ އެންމެ ބޮޑު
ސަބަބަކީ ކުންފުނިތަކުގެ ބޯޑަށް ދައުލަތުން އައްޔަންކުރަންޖެހޭ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ ސިފަތަކާއި، އެފަރާތްތައް އައްޔަންކުރުމުގައި އަމަލު ކުރަންޖެހޭ ހަރުދަނާ އުސޫލުތައް އެކުލަވާލެވިފައިނުވާތީކަން ފާހަގަކުރެވޭ ކަމަށެވެ.
"އެހެންކަމުން، ދައުލަތުގެ ހިއްސާ ހިމެނޭ ކުންފުނިތަކުން ވަކި ބަޔަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ފުރުސަތު މިގޮތަށް ފަހިވެފައިވުމަކީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރުމަށް ހުޅުވިފައިވާ ފުރުސަތެއް،" ރިޕޯޓުގައި ބުނެފައިވެ އެވެ.
ލިމިޓެއް ނެތި ފައިސާ ހޯދޭނެ މަގު
އެ ރިޕޯޓުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާގެ އިތުރުން، ޕާޓީގެ މެންބަރުންނާއި ހެޔޮ އެދޭ ފަރާތްތަކާއި ވިޔަފާރީގެ މުއާމަލާތްތަކުންނާއި ފައިސާ ހޯދަން ހިންގާ ހަރަކާތްތަކުންނާއި ދަރަނީގެ ގޮތުގައިވެސް ފައިސާ ހޯދޭނެކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި، ބިދޭސީ ސަރުކާރުތަކާއި، ޖަމާއަތްތަކާއި އިދާރާތަކާއި އެނޫންވެސް ފަރާތްތަކުން ދޭ ފައިސާއާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ނަންހާމަކުރަން ބޭނުންނުވާ ފަރާތްތަކުން ދޭ ފައިސާއާއި އެހީ ގަބޫލުކުރުމުގެ ކުރިން އީސީގެ ހުއްދަ ލިޔުމުން ހޯދަން ވާނެކަމަށްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން، ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާގެ ގޮތުގައި، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓޤ ދެމެދުގެ އަދަދެއް ސިޔާސީ ޕާޓީތަކަށް ދިނުމުގެ އިތުރުން، ވިހިހާސް މެންބަރުން ހަމަވާ އިދާރީ އޮފީހާއި ޕާޓީގެ ހަރަކާތްތައް ހިންގުމަށް 1000 އަކަފޫޓުގެ އިމާރާތެއް ހަމަޖައްސައިދިނުމަށް ސަރުކާރަށް އެ ގާނޫން ލާޒިމްކޮށްފައިވާ ކަމަށެވެ.
"އެހެންނަމަވެސް، ދައުލަތުގެ ބަޖެޓު ފިޔަވައި ޕާޓީއަށް ފައިސާއާއި އެހީ ހޯދޭނެކަމަށް ކަނޑައަޅާފައިވާ އެހެނިހެން ފަރާތްތަކުގެ ކިބައިން ހޯދޭނެ ފައިސާއާ އެހީގެ މިންވަރާއި ބާވަތް ފަދަ ކަންކަން އެ ގާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައި ނެތްކަން ފާހަގަކުރެވޭ،" އެ ރިޕޯޓުގައި ބުންޏެވެ.
އިތުރަށް ބުނީ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް، އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ކެނޑިޑޭޓަކަށް ހަރަދުކުރެ ވޭނެ މިންވަރެއްގެ ގޮތުގައި ދާއިރާގެ ވޯޓްލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ އަދަދު ކަނޑައަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މިފަދަ ކަންކަން ސިޔާސީ ޕާޓީގެ ގާނޫނީ އޮނިގަނޑުގައި ކަނޑައެޅިފައިނެތުމުން ޕާޓީތަކަށް ލިމިޓެއް ނުވަތަ ހުދޫދެއް ނެތި ފައިސާ ހޯދުމުގެ ފުރުސަތު ފަހިވެފައިވުމަކީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ ރިޝްވަތާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފައިސާއާއި އެހީ ހޯދުމަށް ހުޅުވިފައިވާ ފުރުސަތެއްކަމަށް އެސީސީން ބުނެފައިވެ އެވެ.
"އެހެންކަމުން، އިންތިހާބީ ގާނޫނުގައި ކެނޑިޑޭޓުންނަށް ހަރަދުކުރެވޭނެ އަދަދު ލިމިޓްކޮށްފައިވީނަމަވެސް، އެ ކެނޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއް މެދުވެރިކޮށް އިތުރަށް ހަރަދުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވޭ،" ރިޕޯޓުގައި ބުންޏެވެ.
ދަފްތަރު ބަލަހައްޓާނެ ނިޒާމެއް ނެތް
ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ ބެހިގެންދަނީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މެންބަރުންގެ އަދަދުގެ ނިސްބަތުންކަމަށްވާއިރު، މިހާރު ކަނޑައަޅާފައިވާ އަދަދަކީ ދިހަހާސް މެންބަރުންނެވެ. މީގެ މާނައަކީ އެ އަދަދަށް ވުރެ ގިނަ މެންބަރުން ހިމެނޭ ޕާޓީތަކުގެ މެދުގައި އެ ޕާޓީއަކުން ރަޖިސްޓަރީ ކުރެވިފައިވާ މެންބަރުންގެ އަދަދުގެ ނިސްބަތުން ކޮންމެ އަހަރަކުވެސް ދައުލަތުން ފައިސާދެ އެވެ.
ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓަރީ އިލެކްޝަން ކޮމިޝަނުން ބަލަހައްޓަން ލާޒިމުކޮށްފައިވާއިރު، މީހާގެ ހުއްދަނެތި ޕާޓީގެ ދަފްތަރުގައި ހިމެނުމަކީ އެންމެ ޒަމާންވީ އެއް ޝަކުވާ އެވެ. އެ ރިޕޯޓުގައި ހިމަނާފައިވާ އަދަދުތަކަށް ބަލާއިރު، މީހާގެ ހުއްދަ ނެތި ޕާޓީގެ ދަފްތަރުގައި ހިމެނުމަށް، ގިނަ ޕާޓީތައް ހިމެނޭ ގޮތަށް، 2019 ވަނަ އަހަރުން 2020 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް 250 މައްސަލަ ވަނީ ހުށަހެޅިފަ އެވެ.
މިގޮތުން، ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ފިންގަ ޕްރިންޓް ސްކޭން ކުރާނެ ވަސީލަތްތައް އިލެކްޝަންސް
ކޮމިޝަނުގައި ގާއިމުކުރެވިފައި ނުވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ދަފްތަރުގައި ތިބި މެންބަރުންގެ އަދަދުން ދައުލަތުން ފައިސާދޭ އިރު، ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ނެތި، ދަފްތަރާމެދު ސުވާލު އުފައްދާނެޖާގަ އޮތުމަކީ ހައްލުކުރަންޖެހޭ މައްސަލަ އެކެވެ.
ފައިސާ ހަރަދު ކުރާނެގޮތުގެ އުސޫލުތައް ނެތުން
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުންނާއި އެހެނިހެން ގޮތް ގޮތުން ލިބޭ ފައިސާ ޚަރަދުކުރެވޭ ނީ ކޮން ކަންތައްތަކަކަށް ކަމާއި ހަރަދުކުރުން މަނާ ކަންކަން ގާނޫނީ އޮނިގަނޑުގައި ކަނޑައެޅި ބަޔާން ކުރެވިފައި ނެތްކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ.
"އެހެންކަމުން، ޕާޓީތަކަށް ލިބޭ ފައިސާ، އެންމެ އެދެވޭ ގޮތުގައި ޕާޓީތަކުގެ މަސައްކަތްތައް ތަރައްގީކުރުމަށް ބޭނުންނުކުރެވުމާއި، ސިޔާސީ ޕާޓީތަކުގެ މަގުސަދުތަކުގައި ނުހިމެނޭ ކަންކަމަށް ހަރަދުކުރުމާއި، ވޯޓުގަތުން ފަދަ ކޮރަޕްޝަންގެ އަމަލުތަކަށް އޮންނަ ހިރާސް އިތުރުވޭ،" އޭސީސީން ބުނެފައިވެ އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި އިންތިހާބަކާ ގުޅިގެން ކެނޑިޑޭޓަކު ހަރަދުކުރަންވާނެ އެންމެ މަތީ މިންވަރުކަމުގައި އެ ކެނޑިޑޭޓެއްގެ އިންތިޚާބީ ދާއިރާގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ނިސްބަތުން ބޮލަކަށް 2000 ރުފިޔާއަށް ވުރެ އިތުރު ނުވާގޮތަށް ހަރަދުކުރުމަށް ކަނޑައަޅާފައިވެ އެވެ.
އަދި އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވަކި ފަރުދަކަށް ނުވަތަ ޖަމާއާތަކަށް ދިނުން އެއީ ރިޝްވަތުކަމުގައި ބެލެވޭނެކަމަށް އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގައި ވަނީ ބަޔާންކޮށްފައި އެވެ.
ނަމަވެސް، ފައިސާ ހަރަދުކުރުން މަނާ ކަންކަން ސީދާ ގާނޫނުގައި ބަޔާންކޮށްފައިނެތުމުގެ ސަބަބުން، ރިޝްވަތާއި ވޯޓު ގަތުމުގައި ރޮނގު ދެމުން ވަނީ ދަތިކަމަކަށްވެފައިވެ އެވެ. މިގޮތުން، އެންމެ ފަހުން ބޭއްވުނު މަޖިލިސް އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓަކު ދާއިރާއަށް ނިސްބަތްވާ ކުދިންތަކަކަށް ސްކޮލާޝިޕް ދިނުމުގެ މައްސަލައެއް ފެންމަތިވި އެވެ. އިންތިހާބުތަކާ ދިމާކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމާއި، ރަށު ލެވެލްގެ ކުޅިވަރު އަދި އިޖުތިމާއީ އެކި ޖަމިއްޔާތަކަށް އެކި ނަން ނަމުގައި ހަރަދުކުރުމަކީ އާއްމުކޮށް އިވޭ އަޑުތަކެވެ.
މީގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ. މިގޮތުން، ބައެއް ޕާޓީތަކުން މާލީ ރިޕޯޓްތައް ހުށަހަޅަމުން ނުދިއުމާއި މާލީ މުއާމަލާތްތަކުގެ ހާމަކަމާއި ދެފުށްފެންނަ މިންވަރު ކުޑަކަމާއި، އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ވަނީ އަލުއަޅުވާލައިފަ އެވެ.
"ހެޔޮ އެދޭ" ފަރާތްތަކުން ސިޔާސީ ހަރަކާތްތަކަށް ކަމަށް ބުނެ، ޕާޓީތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުގައި މިލިއަނުން ފައިސާ ހުރިކަމަށް އެ ބޭފުޅުންގެ އަމިއްލަ އިއުތިރާފުތަކުން ވަނީ ހާމަވެފައި އެވެ. ނަމަވެސް، އެއީ ކާކު، ކޮން ބޭނުމެއްގައި ދިން އެއްޗެއްކަން ރައްޔިތުންނަށް އެނގެންޖެހެ އެވެ. ރައްޔިތުންގެ ވޯޓުން ހޮވާ، ރައްޔިތުން ތަމްސީލުކުރާ ޕާޓީތަކާއި އެ ޕާޓީތަކުގެ އިސްވެރިންނަށް ސިޔާސީ ހަރަކާތްތަކަށް ލިބޭ ފައިސާގެ މައުލޫމާތު ހާމަކަންބޮޑު ގޮތެއްގައި ތިލަވާންޖެހެ އެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނަމުގައި ވެރިކަމަށް އަންނަން ކުރާ މަސައްކަތުގައި ފޮރުވިފައިވާ ސިއްރު ހާމަވާންޖެހެ އެވެ.