ދުނިޔެ

737 މެކްސް ބޯޓެއް އެމެޖެންސީކޮށް ޖައްސައިފި

ބޮއިންގް 737 މަރުކާގެ ބޯޓެއް ރަންވޭއިން ނައްޓާލުމަށް ފަހު ދިމާވި އިންޖީނު މައްސަލައެއްގެ ސަބަބުން ފޮލްރިޑާގެ އޯލޭންޑޯއަށް އިމަޖެންސީގައި ޖައްސައިފި ކަމަށް ފެޑެރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނެފި އެވެ.

އޯލެންޑޯ އިންޓަނޭޝަނަލް އެއާޕޯޓުން އަންގާރަ ދުވަހު ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭ ބޯޓުގެ ފަޅުވެރިން ވަނީ އެމެޖެންސީ އިއުލާންކޮށްފަ އެވެ. އަދި އޭގެ ފަހުން ވަނީ ރައްކާތެރިކަމާއެކު ރަންވޭއަށް ތިރިކޮށްފަ އެވެ.

މި މަރުކާގެ މަތިންދާ ބޯޓުތައް ދުއްވުން ދުނިޔޭގެ ބައެއް ގައުމުތަކުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި މި ހާދިސާ ހިނގި އިރު މި ބޯޓުގައި ފަޅުވެރިންގެ އިތުރުން އެއްވެސް ފަސިންޖަރެއް ނެތްކަމަށް ވެއެވެ.

ބޮއިންގް 737 މެކްސް 8 މަރުކާގެ މަތިންދާ ބޯޓުތައް ޔޫއެސް ގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަނާ ކޮސްފައިވަނީ 10 މާޗުގައި އިތިއޯޕިއާ އެއާލައިންސްގެ މި މަރުކާގެ ބޯޓެއް ވެއްޓުމާއި ގުޅިގެން ނެވެ. ބޯޓު ވެއްޓިފައި ވަނީ ރަންވޭއިން އުދުއްސާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އެ ހާދިސާގައި ބޯޓުގައި ތިބި 157 މީހުން ވެސް ވަނީ މަރުވެފަ އެވެ.

މެކްސް 8 ގެ ބޯޓެއް ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭ ވެއްޓުނު މީ ދެވަނަ ފަހަރެވެ. ޔޫއެސް ގައި މި ބޯޓުތަކުގައި ފަސިންޖަރުން އުފުލުން މަނާ ކޮށްފައިވީ ނަމަވެސް މިބޯޓުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ކުރާ ދަތުރުތަށް ކުރެއެވެ.

އެފްއޭއޭ އިން މިކަން ތަހުގީގު ކުރަމުން ބުނަނީ މި މައްސަލައާއި އިތިއޯޕިއާ ބޯޓު އަދި އޭގެ ކުރިން އިންޑޮނީޝިއާ ލަޔަން އެއާގެ މަތިންދާ ބޯޓު ވެއްޓެން ދިމާވި ސަބަބުކަމަށް ބެލެވޭ މައްސަލައާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެ ދެބޯޓު ވެސް ވެއްޓުނީ "އެންޓި ސްޓޯލް ސޮފްޓްވެއާ" އަަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ބެލެވެ އެވެ.