ހަބަރު

ވަޒީފާއިން ވަކި ކުރަން އިންޒާރެއް ނުދެން: އެޖެންޓް

Mar 27, 2019
7

މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓް، އަހުމަދު އާރިފް (އާއްޓޭ) އަށް ވޯޓް ނުދޭނަމަ ފެނަކައިގެ ވަޒީފާއިން ވަކި ކުރާނެ ކަމަށް އާއްޓޭގެ އިންތިހާބީ އެޖެންޓް އާޔަތުﷲ ހުސައިން ބައެއް ފަރާތްތަކަށް އިންޒާރު ދިން ކަމަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށްފި އެވެ.

އޭދަފުށީ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަަ ކުރައްވާ ކެންޑިޑޭޓު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ވޯޓު ދީފި ނަމަ ވަޒީފާ އިން ވަކި ކުރާނެ ކަމަށް ވިދާޅުވެ، ފެނަކައިގެ މުއައްޒަފަކަށް އިންޒާރު ދޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާއިރު އެއީ އާޔަތުގެ އޯޑިއޯއެއް ކަމަށް ވަނީ ތުހުމަތުތައް ކޮށްފައެވެ.

ނަމަވެސް އާޔަތުﷲ މިއަދު ވިދާޅުވީ އެ އޯޑިއޯގައި ވަނީ އޭނާގެ އަޑެއް ނޫން ކަމަށާއި އެއީ ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މީހުން ވަޒީފާ އިން ކަނޑާ ވަކި ކުރުމުގެ ބާރު އޭނާއަށް ނޯންނަ ކަމަށާއި އޭނާއަކީ ފެނަކައިގެ މުއައްޒަފެއް ވެސް ނޫން ކަމަށެވެ. މި ސަަރުކާރުން އެފަދަ ކަމަކަށް ފުރުސަތު ދޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަޑެއް ނޫން އެއީ، ނަމަވެސް އެ ފޯންކޯލުގައި ދެން ވާހަކަ ދައްކަނީ އަޅުގަނޑުގެ ކަޒިން ކޮއްކޮއެއް. އޭނާއަށް އަޅުގަނޑު ގުޅަން އަބަދު ވެސް، ނަމަވެސް ދެން އެ ދައްކާ ވާހަކަތަކަކީ ދުވަހަކު ދެއްކި ވާހަކައެއް ވެސް ނޫން،" އާޔަތުﷲ ވިދާޅުވި އެވެ.

ފެނަކައިގެ މުއައްޒަފަކު ވަކި ކުރާނެ ކަމަށް އިންޒާރު ދޭ އޯޑިއޯ ލީކުވެފައިވާއިރު އެ ކުންފުނިން މި ފަހުން ވަނީ 14 ރީޖަނަލް އޮފީހެއް ބަންދު ކުރުމާ ގުޅިގެން ގިނަ މުއައްޒަފުން ވަކިކޮށްފަ އެވެ. އަދި އެ މައްސަލާގައި ކުންފުނީގެ ވެރިން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.