ލައިފްސްޓައިލް

މުއްސަނދި ވާންވީ ފައިބަރުން!

މިހާރުގެ ޒަމާނީ ޑައެޓުތަކުގެ އެންމެ ބޮޑު ގޮންޖެހުމަކީ ފައިބާ ހިމެނޭ ކާނާ ކެއުމެވެ. އަހަރުމެންނަށް ބޭނުން ކުރެވޭ ތައްޔާރީ ކާނާ އުފެއްދުމަށް އޮފުކޮށް ޕޮލިޝް ކުރުމުގެ ސަބަބުން އޭގައި ހިމެނޭ ފައިބާގެ މާއްދާ ނައްތާލަ އެވެ. ކޮންމެ ދުވަހަކު ބޭނުން ކުރާ، ހަނޑުލާއި ފުށް އަދި މޭވާގައި އަކީ ސިއްހަތަށް ފައިދާ ހުރި ކާނާ ކަމުގައި ވިޔަސް އެއީވެސް މިހާރު "ތައްޔާރީ ކާނާ"ގެ ގޮތުގައި މީހުން ބަލަ އެވެ. މި ތަކެތި ގިނަ ދުވަހަށް ބެހެއްޓުމަށްޓަކައި ކެމިކަލާއި "ޕްރިސާވެޓިވްސް" ބޭނުން ކުރުމުގެ ސަބަބުން، ފެކްޓްރީތަކުން ބަދިގެ ތަކަށް އަންނަ އިރު ހުންނަނީ ގުދުރަތީކަން ގެއްލި ތައްޔާރީ ކާނާ އަށް ބަދަލުވެފަ އެވެ.

ފައިބާއަކީ އޭގެން ސީދާ މާ ބޮޑު ފައިދާ އެއް ލިއްބައިދޭ އެއްޗަކަށް ނުވިޔަސް ފައިބާގެ ސަބަބުން ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީވެ ދެ އެވެ. އެގޮތުން، ހަށިގަނޑުގައި ހިމެނޭ ހަކުރުގެ ބާވަތް އެއްވަރެއްގައި ބަހައްޓައިދިނުމަކީ ފައިބާގެ އެއް މުހިއްމު ބޭނުމެވެ. ކެއުމުގައި ފައިބާ ހިމެނޭ އެއްޗެހި ބޭނުންކުރާ ނަމަ، ކުޑަ ކެއުމަކުންވެސް ބަނޑު ފުރުމަށް އެހީވެދެ އެވެ.

ހަށިގަނޑުގައި ފައިބާ މަދުވާނަމަ، އެކިކަހަލަ ގޮތްގޮތުން އުނދަގޫތައް ކުރިމަތިވާނެ އެވެ. ފައިބާ ހިމެނޭ ކުޑަ ކެއުމަކުންވެސް މީހާ އަށް "ފުލް ވެއްޖެ" ކަމުގެ އިހުސާސް ކުރެވޭނަމަ ފައިބާ ނެތުމުން ދެން ގެއްލުން ދައްކާނީ ހަށިގަނޑުންނެވެ. ބަނޑުފުރޭ ވަރަށް ގިނައިން ކެއުމުގެ ނަތީޖާ އަކަށް ވާނީ މާ ބޮޑަށް ފަލަވެ، އޯވާވެއިޓް ނުވަތަ އޮބޭސިޓީ ފަދަ ސީރިއަސް މައްސަލަތައް ކުރިމަތި ވުމުންނެވެ.

ފައިބާ ހިމެނޭ ކާނާތައް ކަމުގައިވާ، ތަރުކާރީ، މޭވާ، ބަދަން، އޮއް، ހޯލްގްރެއިންސް، ފަދަ ކާނާ ކެއުމުގައި ބޭނުން ނުކުރާ ނަމަ، އެ ޑައެޓަކީ ފައިބާ މަދު ޑައެޓެކެވެ. ފައިބާ އެކި ގޮތްގޮތުން ލިބެން ހުންނަ އިރު، ކޮންމެ ދުވަހަށް ބޭނުންވާ ފައިބާ ފަސޭހައިން ހޯދުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ.

ފައިބާގެ ދެ ވައްތަރެއް ހުރެ އެވެ. އެއީ ސޮލިއުބަލް ފައިބާ އާއި އިންސޮލިއުބަލް ފައިބާ އެވެ. ސޮލިއުބަލް ފައިބާ އަކީ ފެން ކަހަލަ ދިޔާ އެއްޗެހީގައި ގިރާލެވޭ ކަހަލަ އެއްޗިއްސެވެ. އާފަލަކީ ސޮލިއުބަލް ފައިބާގެ ގޮތުގައި ފަސޭހައިން ކޮންމެ ދުވަހަކު ބޭނުން ކުރެވިދާނެ އެއްޗެކެވެ. މީގެ އިތުރުންވެސް، ސްޓްރޯބެރީސް އާއި ފިޔާ އަދި އާފަލު މި ބާވަތުގެ ފައިބާގައި ހިމެނެ އެވެ. އިންސޮލިއުބަލް ފައިބާގެ ގޮތުގައި ހިމެނޭ ފެހިކަން ގަދަ ތަރުކާރީ އާއި ކެރެޓު، ބަދަން، ކޯލީފްލާވާ އަދި އަލުވި ކަހަލަ ފަސޭހައިން ލިބޭނެ އެތައް ކާނާއެއް ބޭނުން ކުރެވިދާނެ އެވެ.

ހަށިގަނޑަށް ބޭނުންވާ މި މުހިއްމު މާއްދާ ހިމެނޭ ކާނާ ބޭނުންކުރުމުގައި ތަފާތު އުކުޅުތައް ހުރެ އެވެ. މިކްސަރުގައި ގިރައިގެން އޭގެ ދިޔަ ފެލައި ދިޔަ ބޭނުން ކުރުން، ތޮއްޓާއެކު ކެވޭނަމަ ތޮށި ނުމަށާ ބޭނުންކުރުން، އަދި، ފެނުގައި ކައްކައިގެން ކެއުމުގައިވެސް ހިމެނިދާނެ އެވެ.

ފައިބާއަކީ ފަސޭހައިން ބޭނުން ކުރެވިދާނެ އެއްޗަކަށް ވިޔަސް މާގިނައިން ބޭނުން ކުރުމުން އޭގެ ނަތިޖާ ވެސް ދައްކާނެ އެވެ. ހަށިގަނޑަށް ނުކަތާ ވަރަށް ފައިބާ ބޭނުން ކުރާ ނަމަ، ނުވަތަ ހުސް ފައިބާ އިން ކެއުން ފުރިހަމަ ކުރާ ނަމަ ބަނޑުގައި ގޭސްޓްރިކް (ވައި) އުފެދުމާއި ހަޖަމުކުރުމުގެ މައްސަލަ ދިމާވުން އެކަށީގެންވާ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.
އަދި، ފައިބާއިން ކެއުން ފުރިހަމަ ކުރުމުގެ ކުރިން ކެއުމުގައި ވިޓަމިންސް އާއި މިނަރަލްސްވެސް އެ ކެއުމުގައި ހުރިތޯ ބަލާ އެ ކެއުމަކީ ފުރިހަމަ ބެލެންސްޑް ޑައެޓެއްތޯ ބެލުމަކީވެސް މުހިއްމު ކަމެކެވެ.