ބޮލީވުޑް

ޖާންވީ ޑަބަލް ރޯލެއް ކުޅެން ތައްޔާރުވަނީ

ރާޖްކުމާރު ރާއޯ އާއި ވަރުން ޝަރުމާ އާއެކު، ޕްރޮޑިއުސަރު ދިނޭޝް ވިޖަން ގެނެސްދޭ ފިލްމު "ރޫހް-އަފްޒާ" ފިލްމުގެ ކާސްޓުންގެ ޓީމާ ޖާންވީ ކަޕޫރު ގުޅިއްޖެ އެވެ.

ފިލްމު "ދަޅަކް" އިން ބޮލީވުޑްއަށް ނިކުތް ޖާންވީ، އަކީ މި ފިލްމަށް ފުރިހަމަ ބަތަލާ ކަަމަށް ޕްރޮޑިއުސަރު ދިނޭޝް ބުންޏެވެ. ޖާންވީ ބަތަލާގެ ގޮތުގައި ސޮއި ކޮށްފައިވާއިރު، އޭނާ އާއެކު ލީޑުން ފެންނާނީ ރާޖްކުމާރް އާއި ވަރުން އެވެ. ކާސްޓުން ހޮވުމަށްފަހު ޕްރޮޑިއުސަރު ދިނޭޝް ބުނެފައިވަނީ، މި ކަހަލަ ފިލްމުތަކަށް ބޭނުންވާނީ ޖެހިލުމެއްނެތި ފިލްމުގެ ރޯލަށް ވަންނަ މީހުން ކަމަށެވެ. އަދި ވަރުުން އާއި ރާޖްކުމާރް އަކީ މޮޅު އެކްޓަރުން ކަމަށާއި ކޮމެޑީ ރޯލުތަކަކީ އެމީހުންނަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

ޕްރޮޑިއުސަރު ބުނި ގޮތުގައި އަންނަ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމުގައި ޖާންވީ އަށް މި ރޯލު ދީފައިވަނީ ސްކްރިޕްޓު ކިޔާލުމުންވެސް އޭނާ ހުރީ ފިލްމުތެރެއަށް ވަަދެވިފައިކަން އެނގުމުން ކަމަށެވެ. އަދި، ޖާންވީ ހުރީ ކުރި އެރުމަށް ބޭނުންވެފައި ކަމަށް ޕްރޮޑިއުސަރު ވަނީ ބުނެފަ އެވެ.

މި ފިލްމުގައި ޖާންވީ އަށް ޑަބަލް ރޯލެއް ކުޅެން ހަމަޖެހިފައިވާއިރު، އޭނޭގެ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ ވެސް ވަނީ ފިލްމެއްގައި ޑަބަލް ރޯލް ކުޅެފަ އެވެ. އެއީ 1989 ގައި ނެރުނު ފިލްމު "ޗަލްބާޒް" ގަ އެވެ.

ޖާންވީ މިހާރު އަންނަނީ އިތުރު ފިލްމުތަކެއްގައިވެސް މަސައްކަތް ކުރަމުންނެވެ. އިންޑިއަން އެއާ ފޯސްގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ބަޔޯޕިކް ފިލްމާއި އަންނަ އަހަރު ކަރަން ޖޯހަރު ގެނެސްދޭ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" އިން ވެސް ޖާންވީ ފެންނާނެ އެވެ.

"ރޫހް-އަފްޒާ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.