ދުނިޔެ

ސްލޮވޭކިއާގެ ފުރަތަމަ އަންހެން ރައީސް

އެންޓި ކޮރަޕްޝަން ކެންޑިޑޭޓް ޒުޒާނާ ކަޕުޓޯވާ ސްލޮވޭކިއާގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެ ގައުމުގެ ފުރަތަމަ އަންހެން ރައީސް އަކަށް ވެވަޑައިގަންނަވައިފި އެވެ.

ޕޮލިޓިކްސްގެ އެއްވެސް ތަޖުރިބާއެއް ނެތް ކަޕުޓޯވާ މަތީ ފަންތީގެ ޕޮލިޓިޝަނެއް ކަމަށްވާ ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް މަރޮސް ސެފްކޮވިކް އާއި ވާދަކޮށް ދެވަނަ ބުރުގައިވަނީ ކާމިޔާބު ހޯދައިފި އެވެ.

ކަޕުޓޯވާ އިލެކްޝަން ދައްކަދީފައި ވަނީ ހެވާއި ނުބަޔާ ދޭތެރޭ ހިނގަމުންދާ ހަނގުރާމައެއްގެ ގޮތުގަ އެވެ. އަދި ޕޮލިޓިޝަނުންނާއި ރާވައިގެން ކުއްކުރުމާ ހުރި ގުޅުން ތަހުގީގުކުރަމުން ދަނިކޮށް، ފެބްރުއަރީ 2018ގައި ބަޑިޖަހާ މަރާލި ތަހުގީގީ ނޫސްވެރިޔާ ޖެން ކުސިއެކް އެއީ ކަޕުޓޯވާ ރައީސްކަމަށް ކުރިމަތި ލުމަށް ނިންމި އެންމެބޮޑު އެއް ސަބަބުކަމުގައި އޭނަ ހާމަކުރެ އެވެ.

ގާތްގަނޑަކަށް ހުރިހާ ވޯޓެއް ގުނާ ނިމިފަ ވާއިރު ކަޕުޓޯވާއަށް ލިބިފައިވަނީ 58 ޕަސެންޓް އެވެ. އަދި ސެފްކޮވިކް އަށް ލިބިފައިވަނީ 42 ޕަސެންޓް އެވެ.

ވަރިވެގެން ހުރި 45 އަހަރުގެ ކަޕުޓޯވާއަކީ 2 ކުދިންގެ މަންމަ އެކެވެ، އަދި ޕާޓީގެ އެއްވެސް ގޮނޑިއެއް ޕާލަމަންޓުގައި ނެތް ލިބަރަލް ސްލޮވޭކިއާ ޕާޓީގެ މެންބަރެކެވެ.

އިންތިހާބުގައި ވާދަކޮށްގެން ބަލިވެފައިވާ ސެފްކޮވިކް އަކީ ނޫސްވެރިޔާ މަރާލި ހާދިސާއާއި ގުޅިގެން އިސްތިއުފާ ދިން ބޮޑުވަޒީރު ރޮބަޓް ފީކޯގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ މެންބަރެކެވެ.