މެސީ

އަގު ބޮޑު ކުޅުންތެރިޔާ މެސީ، އަގު ބޮޑު ކޯޗް ސިމިއޯނޭ

މި ސީޒަންގައި ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިންނާއި، އަގުބޮޑު ކޯޗުންގެ ލިސްޓް ފްރާންސް ފުޓްބޯލްއިން އާންމުކޮށްފި އެވެ.

އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ލިސްޓްގައި، ބާސެލޯނާގެ ލިއޮނަލް މެސީ އޮތުމުން ހަރާންވާން ނުޖެހެ އެވެ. އެހެންނަމަވެސް ހައިރާންކަން ލިބުނު ކަމަކީ، ދުނިޔޭގެ އެންމެ އަގޮބޮޑު ކޯޗުންގެ ލިސްޓްގެ އެންމެ ކުރީގައި ހީނުކުރާ ކަހަލަ ކޯޗުން ހިމެނިފައި ވުމުންނެވެ.

ކޯޗުންގެ ލިސްޓްގެ ޖޯޒޭ މޮރީނިއޯ، ކާލޯ އަންޗެލޯޓީ ނުވަތަ ޖޯސެފް 'ޕެޕް' ގާޑިއޯލާ ފަދަ ކޯޗެއް ލިސްޓްގެ ކުރީގައި އުޅޭނެ ކަމަށް ހީކުރެވުނެވެ. އެހެންނަމަވެސް ކޯޗުންގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނިފައި އޮތީ އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭ އެވެ.

ކޯޗުންގެ ލިސްޓާ މެދު ހައިރާންވާން ޖެހޭ ސަބަބަކީ އެކަން އެކަންޏެއް ނޫނެވެ. މި ސީޒަންގައި މުޅިން އަލަށް ސީނިއާ ލެވަލްގައި ކޯޗުކަން ކުރަން ފެށި، މޮނަކޯގެ ކުރީގެ ކޯޗް ތިއަރީ އޮންރީގެ ނަން އުޅެނީ، މެންޗެސްޓާ ސިޓީގެ ކޯޗް ގާޑިއޯލާ އާއި ބާސެލޯނާގެ ކޯޗް އެރުނަސްޓޭ ވަލްވަރުޑޭ އަށްވުރެވެސް ކުރީގަ އެވެ.

އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރިގައި ހިމެނޭ ކުޅުންތެރިންނާ މެދު ހައިރާންވާނެ ޖާގައެއް ނެތެވެ. އެހެންނަމެވެސް ހައިރާކަން ލިބެނީ އެންމެ މުސާރަ ބޮޑު ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި، ގެރެތު ބޭލް ހިމެނުމުންނެވެ.

ގަދަ ފަހެއްގައި، ސިޓީގެ ސާޖިއޯ ކުން އަގުއޭރޯގެ ނަމެއްވެސް ނެތެވެ. ތިރީގައި މިވަނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިންނާއި ކޯޗުންގެ ލިސްޓެވެ. އެ ކުޅުންތެރިންގެ މުސާރައިގެ އަގު ދިވެހި ރުފިޔާއަށް ބަދަލު ކުރުމުން، އަހަރަކު އެ ކުޅުންތެރިންނަށް ލިބޭ އަދަދު ޖަހާފައި ވާނެ އެވެ.

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިން

1. ލިއޮނަލް މެސީ (ބާސެލޯނާ): 2.250 ބިލިއަން ރުފިޔާ
2. ކްރިސްޓިއާނޯ ރޮނާލްޑޯ (ޔުވެންޓަސް): 1.956 ބިލިއަން ރުފިޔާ
3. ނޭމާ ޖޫނިއާ (ޕީއެސްޖީ): 1.584 ބިލިއަން ރުފިޔާ
4. އެންޓްއާން ގްރީޒްމަން (އެތުލެޓިކޯ މެޑްރިޑް): 770 މިލިއަން ރުފިޔާ
5. ގެރެތު ބޭލް (ރެއާލް މެޑްރިޑް): 695 މިލިއަން ރުފިޔާ

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކޯޗުން

1. ޑިއޭގޯ ސިމިއޯނޭ (އެތުލެޓިކޯ މެޑްރިޑް): 713 މިލިއަން ރުފިޔާ
2. ހޯޒޭ މޮރީނިއޯ (ޔުނައިޓަޑްގެ ކުރީގެ ކޯޗް): 536 މިލިއަން ރުފިޔާ
3. ތިއަރީ އޮންރީ (މޮނަކޯގެ ކުރީގެ ކޯޗް): 441 މިލިއަން ރުފިޔާ
4. ޖޯސެފް ގާޑީއޯލާ (މެންޗެސްޓާ ސިޓީ): 417 މިލިއަން ރުފިޔާ
5. އެރުނަސްޓޭ ވަލްވަރުޑޭ (ބާސެލޯނާ): 398 މިލިއަން ރުފިޔާ