ހަބަރު

އޯޓިޒަމް ސަޕޯޓް ގްރޫޕްތަކުގެ ބޭނުން ހިފަން އިލްތިމާސް ކުރައްވައިފި

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ހޯދުންތައް ބެލެނިވެރިންގެ މެދުގައި ހިއްސާކޮށް އެކަކު އަނެކަކަށް ހިތްވަރުދޭ ސަޕޯޓް ގްރޫޕުތަކުގައި ހަރަކާތްތެރި ވުމަކީ ބޭނުންތެރި ކަމެއްކަމަށާއި، މިފަދަ ގްރޫޕްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިލްތިމާސް ކުރައްވައިފި އެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އޯޓިޒަމް ސެންޓަރުގައި މިއަދު ބޭއްވި ހަފްލާގައި ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ފަރާތްތަކަށް ދިމާވާ ތަފާތު ކަންތައްތަކާއި އެކަމުގެ މައުލޫމާތު އޮޅުންފިލުވުމަށް އެންމެ ފަސޭހަވާނީ އެފަދަ އަނެއް ބެލެނިވެރިޔާގެ ގާތުން ކަމުގަ އެވެ.

ފަޒްނާ ވިދާޅުވީ، އެކި ފަރާތްތަކުގެ ފޯރުންތެރިކަމާއި ހާލަތު ހުންނަގޮތުން އެފަދަ ކޮންމެ މީހަކީ ރާއްޖެއިން ބޭރަށް ގޮސް ނުވަތަ ރާއްޖެއިން ވިއަސް، ފަރުވާ ހޯދާ މީހެއް ނޫން ކަމަށެވެ. އަދި، ފަރުވާ ހޯދަމުންދާ ފަރާތްތަކުން އެފަދަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި ފާހަގަކުރައްވައިފަ އެވެ.

އިތުރަށް ވިދާޅުވީ، އަސާސީ ހައްގުތައް ލިބިދިނުމުގައި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި، އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެކޭ އެއްފަދަައިން އޯޓިޒަމް ހުންނަ ކުދިންނަށްވެސް އެންމެ މުހިއްމީ އެ ބަލީގެ އުނދަގޫތައް އިހުސާސް ކުރަން ނުޖެހޭ ގޮތަށް މުޖުތަމައުގެ ކަންކަން ބައްޓަންވެފައި ހުރުން ކަމުގަ އެވެ.

އޯޓިޒަމް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ،"ޗައިލްޑް ޑިވެލޮޕްމަންޓް ސްކްރީނިން" ޕްރޮގްރާމެއް ފަށާފަ އެވެ. ފަސްޓް ލޭޑީ ފަޒްނާ އަހްމަދާއި އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑާ އަދި ޗެއާޕާސަން އިލްހާމް ހުސެއިން އިފްތިތާހުކޮށްދެއްވި މި ޕްރޮގްރާމްގެ ދަށުން އޯޓިޒަމް އަށް ސްކްރީން ކުރުމަށް 48 ކުއްޖަކު މިހާރުވަނީ ނަންނޯޓުކޮށްފަ އެވެ.