މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް ރިޕޯޓަށް އޮންލައިންކޮށް އެދެވޭ ގޮތް ހަދައިފި

Apr 2, 2019
2

ޕޮލިސް ރެކޯޑް ސާފު ކުރަން އޮންލައިންކޮށް އެޕްލައިކުރެވޭ ގޮތަށް، “ޕޮލިސް ސެޓްފިކެޓް ޕޯޓަލް" ފުުލުހުން މިއަދު އިފްތިތާހު ކޮށްފި އެވެ.

ފުލުހުން ބުނީ ޕޮލިސް ރިޕޯޓަށް އޮންލައިންކޮށް އެދެވޭ ގޮތަށް ހަމަޖެއްސީ، ކުރިއަށްއޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ތެރެއިން ރައްޔިތުނަށް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ޕޮލިސް ސެޓްފިކެޓް ޕޯޓަލް އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔުތުގައި ފުލުހުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ރައްޔިތުން ފޮލިސް ރެކޯޑް ސާފު ކުރުމަށް ހުށަހަޅަމުންދާއިރު، ޕޮލިސް ސެޓްފިކެޓް ޕޯޓަލް ގެ ސަބަބުން ފުލުސް އޮފީހުގައި ރައްޔިތުން ހޭދަކުރަން ޖެހޭ ވަގުތާއި، އުދާގޫތަކުން ވަރަށް ބޮޑަށް ފަސޭހާ ވެގެންދާނެ ކަމަށެވެ.

ހަމީދް އިތުރަށް ވިދާޅުވީ، ޕޮލިސް ސެޓްފިކެޓް ޕޯޓަލް އަކީ، ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރަމަށް ކުރަމުންދާ މަސައްކަތްތަކުގައި ޓެކްނޮލޮޖީ އެހީގައި ހާސިލް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވި ކްރައިމް ރެކޯޑްސް ބިއުރޯގެ ހެޑް ޗީފް އިންސްޕެކްޓާ އަލީ ޝަރީފް ވިދާޅުވީ، ޕޮލިސް ސެޓްފިކެޓް ފޯޓަލް އިން ރާއްޖެ އާއި، ރާއްޖެއިން ބޭރުގައި މިހުދުމަތް ބޭނުންވާ ފަރާތްތަކަށް ޒަމާނީ ފެންވަރަކަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ޕޮލިސް ސެޓްފިކެޓް ތައްޔާރުކޮށް ނިމުމުން، އެޕޯޓަލް އިން އެސްއެމްއެސް ޒަރިއްޔާއިން ހިދުމަތަށް އެދޭފަރާތަށް އެކަން އަންގާނެ އެވެ.

ކުރިން ބޭނުންކުރި ސެޓްފިކެޓާ ހިލާފަށް ޕޯޓަލް މެދުވެރިކޮށް ދޭ ޕޮލިސް ސެޓްފިކެޓުގައި ސެކިއުރެޓީ ފީޗާއެއްގެ ގޮތުގައި ކިއުއާރު ކޯޑެއް ހިމަނައިފައިވުމުން ސެޓްފިކެޓުގެ ސައްހަކަން ވަގުތުން ދެނެގަނެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.