ހަބަރު

ރުއްގަސް ނެގުމުގެ ގަވާއިދަށް ހިޔާލު ހޯދަން ހުޅުވާލައިފި

Apr 2, 2019

ތިމާވެއްޓަށް ގެއްލުންވާގޮތަށް އެއްވެސް އުސޫލެއްނެތި ރަށްރަށުން ރުއްގަސް ނެގުން ހުއްޓުވުމަށް ސަރުކާރުން އެކުވަވާލި ގަވައިދަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމާބެހޭ ގަވާއިދު" މައިގަނޑު މަގްސަދަކީ ރަށްރަށުން ރުއްގަސް ކެނޑުމުގެ ސަބަބުން ގަސްކަރައަށް ކުރާ ނޭދެވޭ އަސަރުތަކާއި އަދި ތިމާވެއްޓަށާއި ދިރޭތަކެތީގެ ނަސްލަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ހާއްސަ އޫސޫލެއް ކަނޑައެޅުން ކަމުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ރުއްގަހުގެ ތެރެއިން ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން މަނާ ބާވަތްތަކެއް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި މީހުން ދިރިއުޅޭ ރަށަކުން ރުއްގަސް ކެންޑުމުގެ ކުރިން، އެ ރަށެއްގައި ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ކަނޑާ ކޮންމެ ރުކެއް ނުވަތަ ގަހެއްގެ ބަދަލުގައި ހަތަރު ރުއް ނުވަތަ ގަސް އިންދުން އެ ގަވައިދުގެ ދަށުން ލާޒިމުކުރެ އެވެ.

އަދި ރުއްގަސް ކެނޑުމަށް ނަގަންޖެހޭ ހުއްދައާ ހިލާފަށް ކުރާ ކަމަކުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ކުޑަބޮޑު މިނަށް ބަލައި، އެކަމެއް ކުރިފަރާތެއް، 501 ރުފިޔާ އާއި ސަތޭކަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވެސް އެ ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

އެ ގަވައިދަށް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ހިޔާލު ފޮނުވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެދިފަ އެވެ.