ބޭރު ކުޅިވަރު

އެމެރިކާގެ ނޫސްވެރިންނަށް ޖެރާޑް ނޭނގެނީތަ؟

Jul 11, 2015

ސްޓީވަން ޖެރާޑޭ ބުނެފިނަމަ ދިވެހިން ނުހަނު ފަރިތަވާނެ އެވެ. ދުނިޔޭގެ ގިނަ ބަޔަކު އޭނާ ދަންނާނެ އެވެ. އެއީ އެންމެ މަޝްހޫރު ލީގު ކަމަށްވާ އިނގިރޭސި ލީގުގައި އެތައް އަހަރެން ވަންދެން ކުޅުނު އިނގިރޭސި ކުރީގެ ގައުމީ ކެޕްޓަނެވެ. ނަމަވެސް އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ދާދި ފަހުން ބަދަލުވި ކުޅުންތެރިޔާ ނޭނގިގެން އެމެރިކާގެ ބައެއް ނޫސްވެރިން އުޅެފި އެވެ. ގެލެކްސީއާއެކު ޖެރާޑް އެންމެ ފުރަތަމަ ބައިވެރިވި ފަރިތަކުރުންތައް ވީޑިއޯ ކުރަން ދިޔަ ބައެއް ނޫސްވެރިން ޖެރާޑަކީ ކޮބައިތޯ އެކަކު އަނެކަކާ ސުވާލު ކުރި އެވެ.

މި މީހުންނަށް ޖެރާޑް ދައްކައިދިނީ ރައްޓެހި ބައެއް ނޫސްވެރިންނެވެ. ޖެރާޑް ނޭނގިގެން އެ ދެމީހުން ވާހަކަ ދައްކަނިކޮށް އެތަނުގައި ތިބި ނޫސްވެރިން ޖެރާޑް ސިފަކޮށްދިނުމަށް އޭނާ އެވަގުތު ދަނޑުމަތީގައި ކުރަމުން ދިޔަ ހަރަކާތްތައް ކިޔަދެމުންދިޔަ އެވެ.

ނޫސްވެރިންނަށް ޖެރާޑް ވަކިކުރަން ނޭނގުނުއިރު އޭނާ ހުރީ ގެލެކްސީ އަށް ކުޅޭ ލިވަޕޫލްގެ ކުރީގެ ފޯވަޑް ރޮބީ ކީންއާއެކުގަ އެވެ.

"އެތަނުގައި އެތިބީ ޖެރާޑާއި ރޮބީކީން. ކަނާތްފަރާތުގައި އެހުރީ ޖެރާޑް. އޭނާ ވަގުތު ސްޓްރެޗް އެކުރަނީ،" ޖެރާޑް އޮޅުންފިލުވައިދިން ނޫސްވެރިޔާ އޭނާގެ ރައްޓެހިންނަށް ކިޔާދިނެވެ.

އެމެރިކާއަކީ ފުޓްބޯޅައިގެ ފޯރި ގަދަ ގައުމެއްނޫނެވެ. އެމީހުންނަށް ފުޓްބޯޅަ މަގްބޫލުވާން ފެށީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ގައުމުގައި ބޭއްވުމުގެ އިތުރުން މަޝްހޫރު ޑޭވިޑް ބެކަމް ގެލެކްސީ އަށް ބަދަލުވުމުންނެވެ.