ނިއުކާސަލް ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް އެ ޓީމުގެ ކެޕްޓަން ފަބިއޯ ކޮލޮޗީނީ ހަމަޖައްސަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.
ނިއުކާސަަލް އިން އާޖެންޓީނާގެ ޑިފެންޑަރު ކޮލޮޗީީނީ ކޯޗަކަށް ހަމަޖައްސަނީ މިހާރު އެ ޓީމުގެ ކޯޗަކަށް ހުރި އެލަން ޕާޑިއު ކްރިސްޓަލް ޕެލެސް އަށް ބަދަލުވާން ނިންމުމާ ގުޅިގެންނެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ޕެލެސްގެ ކޯޗުކަމާ ޕާޑިއު ހަވާލުވާނެ ކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، ކޮލޮޗީނީއާ ކޯޗުކަން ހަވާލުކުރަން ނިއުކާސަލްގެ ވެރިޔާ މައިކް އޭޝްލީ ވަނީ ނިންމަައިފަ އެވެ. ޑިޕޯޓިވޯ ލަކަރޫންޔާ އިން 2008 ވަނަ އަހަރު ނިއުކާސަަލް އަށް ބަދަލުވެ، މެދުކެނޑުމެއް ނެތި އެ ކްލަބަށް ކުޅެމުންދާ ކޮލޮޗީނީ އާއި އޭޝްލީއާ ދެމެދު ގާތްް ގުޅުމެއް އޮވެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ނިއުކާސަލްގެ ކެޕްޓަންކަން ކުރަމުންދާ ކޮލޮޗީީނީ ވަނީ 2012 ވަނަ އަހަރުގެ އެ ކްލަބުގެ ކޮންޓުރެކްޓް އާކޮށްފަ އެވެ. އެހެން ނަމަވެސް ނިއުކާސަލްގެ ކޯޗުގެ ޒިންމާތަކާ ކޮލޮޗީނީ ހަވާލުވެއްޖެ ނަމަ، އާ ކޮންޓުރެކްޓެއް ނިއުކާސަލް އިން ހުށަހަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އެކަމަކު ކޯޗުކަމާ ހަވާލުވުމަށް ބޭނުންވާ ކޯޗިން ލައިސަންސްތައް ކޮލޮޗިނީ ހޯދައިފައިވާކަން ޔަގީނެއް ނޫނެވެ. އެހެންކަމުން އެންމެ ފުރަތަމަ ވަގުތީ ކޯޗުން ކޯޗުގެ މަގާމު ކޮލޮޗީީނީއާ ހަވާލުކޮށްފާނެ އެވެ.
މި ސީޒަންގެ ކުރީކޮޅު ނިއުކާސަލްގެ ނަތީޖާތައް ދަށްވެ، ޕާޑިއު މަގާމުން ވަކިކުރުމަށް ގިނަ ސަޕޯޓަރުން ގޮވާލި ނަމަވެސް، އޭޝްލީ ވަނީ ޕާޑިއު އަށް ސަޕޯޓު ދީފަ އެވެ. އެކަމަކު ޖެނުއަރީގެ ޓްރާންސްފާގައި އިތުރު ކުޅުންތެރިންތަކެއް ހޯދަން ޕާޑިއު އެދުނު ނަމަވެސް، ކްލަބުން އެކަމަށް ފަންޑް ނުދޭނެ ކަމަށް ބުނުމުން ޕާޑިއު ވަނީ ހިތްހަމަނުޖެހިފަ އެވެ.