ރައްޔިތުންގެ މަޖިލިސް

ބިން ވިއްކޭ މާއްދާ އުވާލަން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

Apr 9, 2019
5

ބޭރުގެ ފަރާތްތަކަށް ބިން މިލްކްކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އުވާލަން ހުށަހެޅި ބިލް ކޮމިޓީއިން ނިންމައި، އެ ބިލް ފާސްކުރަން ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ފަހު އެންމެ ފުރަތަމަ ބާއްވާ މަޖިލީހުގެ ޖަލްސާ މި މަހުގެ 15 ދުވަހު އޮންނަ އިރު، އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ގައުމީ ސަލާމަތުގެ ކޮމިޓީއިން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމެވެ.

ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް، ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް (ހ) އަށް ގެނެސްފައިވާ އިސްލާހު އުވާލަން ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. އެ އިސްލާހު އޭނާ ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ. އެ ބިލް ގައުމީ ސަލާމަތުގެ ކޮމިޓީ އޮތީ ވަކި ގޮތެއް ނުނިމި އެވެ. އެހެން ނަމަވެސް، މަޖިލީހުގެ އިންތިހާބުގެ 15 ވަރަކަށް ދުވަސްކުރިން ކޮމިޓީއިން ވަނީ އެ ބިލްގެ މަސައްކަތް ނިންމައިފަ އެވެ. ކޮމިޓީއިން ފާސްކުރީ ބޮޗޭ ހުށަހެޅުއްވި ގޮތަށް އެ އިސްލާހު ފާސްކުރުމަށެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި މީގެ ކުރިން އޮންނަނީ، "ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަަރާތަކަށް މިލްކުކޮށެއް ނުދެވޭނެ" ކަމަށެވެ. އެހެން ކަމުން އަންނަ ހޯމަ ދުވަހުގެ ޖަލްސާގައި މި ބިލް ފާސްކޮށްފި ނަމަ، އެ މާއްދާ ކުރިންވެސް އޮތް ގޮތަށް ބަދަލުވެ ވެގެން ދާނެ އެވެ.

އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާއަށް ދެން އެޖެންޑާކޮށްފައި ވަނީ، ސަގާފީ ތަރިކައިގެ ބިލާއި ވިޔަފާރި ދާއިރާގެ ވާދަވެރިކަން ހިފަހައްޓައި ދެމެހެއްޓުމުގެ ބިލާއި މަސްވެރިކަމުގެ ބިލާއި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުުމުގެ ބިލާއި ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމެވެ.