ލައިފްސްޓައިލް

ނިދުުމުގެ ކުރިން ސްކްރީނަށް ބަލައިގެން ލިބޭ ގެއްލުން ކުޑަ

ނިދުމުގެ ކުދިން ފޯނުގެ ސްކްރީނަށް ބަލަން ހޭދަ ކުރާ ވަގުތުން ބޮޑުވަމުން އަންނަ ޒުވާން ކުދިންގެ ސިކުނޑިތަކަށް މާ ބޮޑު ނަފްސާނީ ގެއްލުމެއް ނުލިބޭ ކަމަށް އާ ދިރާސާ އަކުން ބުނެފި އެވެ.

ޒުވާން ކުދިން ސްކްރީނަށް ބަލަން ހޭދަކުރާ ވަގުތުގެ ސަބަބުން އެ އުމުރުފުރާގައި ހެދިބޮޑުވަމުން އަންނަ ކުއްޖަކަށް ނަފްސާނީ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ސިއްހަތާ ބެހޭ ދިރާސާތައް ކޮށްފައިވާ މީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މި މައްސަލައާ ބެހޭ ގޮތުން އެތައް ދިރާސާއެއް ކޮށްފައިވާ އިރު އެންމެ ފަހުން އާއްމުކުރި ދިރާސާއިން ބުނާ ގޮތުގައި ނިދުމުގެ ކުރިން ގޭމް ކުޅެ ޓީވީ ބެލުން ފަދަ ކަންކަން ކުރުމަކުން އެ އުމުރުގެ ކުދިންގެ ސިކުނޑިތަކަށް ނަފްސާނީ ބޮޑު ގެއްލުމެއް ނުލިބެ އެވެ.

މި ދިރާސާ އާއްމު ކޮށްފައިވަނީ ސައިކޮލޮޖިކަލް ސައިންސް ޖާނަލްގަ އެވެ. ދިރާސާ ކުރި ޓީމުން ވަނީ، އަޔަލޭންޑް އަދި އެމެރިކާއިން ޓެސްޓުތައް ހަދާފަ އެވެ. ޒުވާން ކުދިން ސްކްރީނަށް ބެލުމަށް ހޭދަކުރާ ވަގުތުތައް ރެކޯޑުކޮށް އެނަލައިޒް ކޮށް ޑާޓާ އެއް ހަދާފައިވާ އިރު ދިރާސާގެ ނަތީޖާ ދައްކާގޮތުން ބައެއް ފަރާތްތަކުން ވަނީ މި ދިރާސާ އާމެދު ސުވާލު އުފައްދާފަ އެވެ.

ފުރާވަރު އުމުރުގެ 17،000 ކުދިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތިޖާ އަށް ބަލާއިރު، ނިދަން އޮށޯތުމުގެ ކުރިން ސްކްރީނުގެ އަލިން އެކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް މާ ބޮޑު ނޭދެވޭ އަސަރެއް ނުކުރެ އެވެ. މިއީ ހަފުތާ ބަންދާ އެނޫން ދުވަސްތަކުގައިވެސް ހިމަނައިގެން އެ ތަފާތަށް ވެސް ބެލުމަށްފަހު އެވެ.
މީގެ އިތުރުން، ނިދުމުގެ އެއް ގަޑިއިރު، ނުވަތަ ދޮޅު ގަޑިއިރަށް ބެލިކަމުގައި ވިޔަސް ހެދިބޮޑުވުމުގައި ބޮޑު އަސަރެއް ނުކުރާ ކަމަށް ދިރާސާ އިން ދައްކަ އެވެ.

ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސާ އެންޑްރޫ ރިބީލްސްކީ ބުނެފައިވަނީ ނިދުމުގެ ސީދާ ކުޑައިރު ކޮޅެއް ކުރިން ސްކްރީން ބޭނުންކުރި ކަމުގައި ވީ ނަމަވެސް ފުރާވަރު އުމުރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އުނިކަން އަންނަކަމަށް ފެނިފައިވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށެވެ.

ދިރާސާ ޓީމުން ބުނާ ގޮތުގައި، ސްކްރީން ޓައިމް ނުވަތަ ޑިޖިޓަލް އެންގޭޖްމަންޓްއާއި ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު މާ ބޮޑު ގުޅުމެއް ނެތެވެ.