ބޮލީވުޑް

އިންތިހާބާ ދިމާކޮށް، މޯދީގެ ބަޔޯޕިކް ލަސްކުރަން އަންގައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު، ލޯކް ސާބާ އިންތިހާބާ ދިމާކޮށް ލަސް ކުރަން އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.

ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި މި ފިލްމު ލަސް ކުރަން އަންގާފައިވަނީ، ރިލީޒް ކުރާ ތާރީހާ އިންތިހާބާ ދިމާވާތީ ކަމަށެވެ. މި ފިލްމު ރިލީޒް ކުރަން ކުރިން ހަމަޖައްސާފައިވާ ތާރީހަކީ މި މަހުގެ ފަހެކެވެ. ނަމަވެސް ފިއްތުންތަކަށް ފަހު ރިލީޒް ކުރާ ތާރީހު މި މަހުގެ 11 އަށް ލަސް ކުރުމުން ވެސް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ނިމެންދެން ފިލްމު އެޅުވުން ހުއްޓުވާފަ އެވެ. ލޯކް ސަބާ އިންތިހާބު ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 19 އަށެވެ.

މި ފިލްމުގައި މޯދީގެ ރޯލުން ފެންނާނީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ ވިވޭކް އޮބްރޯއި އެވެ. އިންޑިއާގެ ޕްރައިމް މިނިސްޓަރުގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާ ކަމަށް ޑައިރެކްޓަރު އޮމުންގް ކުމާރު ނިންމުމުން ވެސް މި ފިލްމަށް ދިޔައީ އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންނެވެ. ހާއްސަކޮށް މޯދީގެ ޕާޓީ ބިޖޭޕީ އާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީތައް ހިމެނެ އެވެ.

އިންޑިއާގެ އާއްމު އިންތިހާބާ ދިމާކޮށް މި ފިލްމު ރިލީޒް ކުރަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ތައްޔާރު ވުމުން އެކި ފަރާތްތަކުން ދިޔައީ ފާޑު ކިޔަމުންނެވެ. މި ފިލްމު އިސްތިހާރު ކުރުމުގެ ނަމުގައި މޯދީގެ ޕޯސްޓަރުތައް ހިއްޕުން ފަދަ ކަންކަން ކުރަނީ އިންތިހާބަށް ކަމަށް އެކި ފަރާތްތަކުން ފާހަގަ ކުރި އެވެ. މީގެ އިތުރުން، މި ފިލްމުގައި މޯދީގެ ރޯލުން ފެންނަ ވިވޭކް އަކީ މޯދީގެ ސަޕޯޓަރެއްކަން ވިވޭކްގެ ސޯޝަލް މީޑިއާއިން ފާހަގަވާ ކަމަށް ބުނެ އެވެ.

މޯދީގެ ހަޔާތުގެ މައްޗަށް އުފައްދާ "ޕްރައިމް މިނިސްޓަރު ނަރެންދުރާ މޯދީ" ގައި ދައްކުވައިދޭނީ، މޯދީ ޅަ އިރުގައި ރޭލެއްގައި ސައި ވިއްކަން އުޅުނު ދުވަސްވަރުން ފެށިގެން ބޮޑުވަޒީރު ކަމުގައި ހޭދަ ކުރި ދުވަސްތަކެވެ.