ހަބަރު

ޝޯން ޕޯލް ނަޔަސް، ޝޯ ކުރިއަށް ގެންދަނީ!

Dec 30, 2014
2

މަރުގެ އިންޒާރާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި، ޖެމެއިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ ނާންނަން ނިންމި ނަމަވެސް، އޭނާ ޕާފޯމްކުރަން ހަމަޖެހިފައި އޮތް ޝޯ ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށް ދާނެ ކަމަށް، މި ޝޯ އިންތިޒާމުކުރާ ޗޮޕްއާޓުން އިއުލާނުކޮށްފި އެވެ.

އެމީހުންގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިކަން އިއުލާނުކޮށްފައިވިޔަސް ޝޯން ޕޯލްއާ ނުލައި ޝޯ ކުރިއަށް ގެންދާނެ ގޮތުގެ އިތުރު ތަފްސީލު ދީފައެއް ނުވެ އެވެ.

ޝޯގައި ބައިވެރިނުވާނެކަން ޝޯން ޕޯލް އިއުލާނުކޮށްފައި ވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ރޭގަ އެވެ. ޗޮޕާޓުން ބުނެފައި ވަނީ އޭނާ އަށް ނާދެވޭ ގޮތަށް ކަންތައް މެދުވެރިވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

މި ޝޯގެ މައްސަލަ ހޫނުވެ ގައުމީ ސަލާމަތާ ގުޅިފައިވާ މައްސަލައަކަށް ބަދަލުވީ ރާއްޖެ އައިސްފި ނަމަ ޝޯން ޕޯލް މަރާލާނެ ކަމުގެ އިންޒާރު ދީ ދިވެހިންގެ ބަޔަކު ޔޫޓިއުބުގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ މައްސަލަ ތަހުގީގުކުރުމަށް ފަހު ސަރުކާރުން ބުނެފައި ވަނީ އެއީ ޖެއްސުންކުރުމުގެ ރޫހެއްގައި ބަޔަކު މީހުން ކޮށްފައިވާ "ސަމާސާއެއް" ކަމަށެވެ.

ރަސްމީ ފަރާތްތަކުން މިހެން ބުންޏަސް އެ ވީޑިއޯގެ މައްސަލަ ބޮޑަށް ހޫނުވީ އޭގައި "ބިލާދުއްޝާމް" ގެ ލޯގޯ ޖަހާފައިވުމުންނެވެ. ބިލާދުއްޝާމަކީ ސީރިއާގެ ދާޚިލީ ހަނގުރާމާގައި އަމަލީ ގޮތުން ބައިވެރިވަމުންދާ ދިވެހި ހަނގުރާމަވެރިންގެ ބައިގަނޑެކެވެ.

ނަމަވެސް އެމީހުން ވެސް ފަހުން ބުނެފައި ވަނީ ޔޫޓިއުބު މެދުވެރިކޮށް ޝޯން ޕޯލަށް ދިން އިންޒާރުގެ ފަހަތުގައި އެމީހުންގެ އަތެއް ނެތް ކަމަށެވެ.