ކައިޓް ސާފުކޮށްގެން މަޝްހޫރު ކަމެއް ހޯދާފައިވާ ދިވެހި ކުޑަކުއްޖާ ހަސަން މާހިރު (ހަންޓޭ)، ދުނިޔޭގެ މަޝްހޫރު ކައިޓް ސާފިން ބޯޑް އުފައްދާ ކުންފުނި، ސްލިންގްޝޮޓް އިން ސްޕޮންސަ ކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޕޮންސާޝިޕް އެއްބަސްވުމުގައި ސްލިންގްޝޮޓުން ސޮއި ކޮށްފައިވަނީ ސްލިންގްޝޮޓް މޯލްޑިވްސްގެ އޯނަރު އާސިމް މުހައްމަދު (ސިމްބެ) އެވެ. އެ ރަސްމިއްޔާތުގައި ކައިޓް ސާފިންގެ ސާމާނު ހަންޓޭއާ ހާލު ކުރި އެވެ. އެ ތަކެތި އޭނާއާ ހަވާލު ކޮށްދެއްވީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަޒްމީލެވެ.
ސިމްބެ މިއަދު ވިދާޅުވީ، މިއީ ރާއްޖޭގައި ކައިޓް އެތުލީޓަކު ސްޕޮންސާ ކުރާ ފުރަތަމަ ފަހަރު ކަމަށާއި މި އެއްބަސްވުމުގެ ދަށުން ހަންޓޭ އަށް ބޭނުންވާ ސާމާނާއެކު ޓްރެއިނިންވެސް ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަންޓޭއަށް އަހަރަކު އެއް ފަހަރު ދުނިޔޭގެ މަޝްހޫރު ކައިޓް ސާފާއަކާއެކު ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންދާނެ އެވެ. އަދި ރާއްޖެއިން ބޭރުން ޓްރެއިނަރުން ގެނެސްގެންވެސް ހަންޓޭއަށް ޓްރެއިނިން ދޭނެ ކަމަށެވެ.
"އުންމީދަކީ ހަންޓޭގެ ފަރާތުން މިފަދަ ސްޕޯޓެއް މިދާއިރާގައި ކުރިއަށްދާންތިބި އެހެން ކުދިންނަށް ފޯރުކޮށްދިނުން،" ސިމްބެ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ހަންޓޭ ވެސް ވާހަކަ ދެއްކި އެވެ. އޭނާ ބުނީ މިއީ ހަޔާތުގައި އެންމެ އުފާވި އެއް ދުވަސް ކަމަށާއި މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިން ތަމްރީން ކުރުމަށް އޭނާ އެހީވާނެ ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރު އަޒްމީލް ވިދާޅުވީ، ހަންޓޭ ފަދަ ހުނަރުވެރިންނަށް ދެވެންހުރިި ހުރިހާ ސަޕޯޓެއް ސަރުކާރުން ދޭނެ ކަމަށެވެ. އަދި ވިދާޅުވީ ހަންޓޭ އަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރެވޭނެ ކައިޓް ސާފާއެއް ކަމަށެވެ.
ހަންޓޭ އެންމެ ފުރަތަމަ ވިދާލާފައިވަނީ 2017 ވަނަ އަހަރު ސްރީލަންކާގެ ކޮލްޕިޓިޔާގައި ބޭއްވި "ރެޑްބުލް ލޯކަލް ހީރޯ ޓުއާ – ކައިޓް ސާފިންގް" ގައެވެ. އޭނާ ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ މަޝްހޫރު ސާފަރުންނާއި ވާދަކޮށް އެމީހުން ހައިރާންކޮށްލާފަ އެވެ.
ސްލިންގްޝޮޓް ވަނީ ސްޕޯޓްސް ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭގެ ދެކުނުން އުތުރަށް ބާއްވާ ރާޅު ގުޑި އިވެންޓް "ރާޅު ގުޑި ދެކުނުން އުތުރަށް" ވެސް ސްޕޮންސާ ކޮށްފަ އެވެ.