ހަބަރު

މަލިކާ ގުޅުވައިގެން ޖާބިރު ދެއްކި ވާހަކައަކީ ސަރުކާރުގެ ވިސްނުމެއް ނޫން: ތަރުޖަމާނު

ކާށިދޫ ދާއިރާއަށް އަމިއްލަ މެމްބަރެއްގެ ގޮތުގައި އިންތިހާބު ވެފައިވާ މެމްބަރު އަބްދުﷲ ޖާބިރު މަލިކާ ގުޅުވައިގެން ދައްކާފައިވާ ވާހަކަތަކަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހީމް ހޫދް ވިދާލުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ޖާބިރު ޓީވީއެމްގައި ވާހަކަ ދައްކަވަމުން ވިދާޅުވި، ރާއްޖޭގެ އަތޮޅުތަށް މަލިކު ގެއްލުނުހެން ގެއްލެމުންދާނަމަ ގައުމުގެ ރައްޔިތުންނަށް އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ. އަދި މުޅި ދުނިޔެ ރާއްޖެ ސިފަ ވެފައިވަނީ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން ސުވަރުގެއިން ބައެއް ނަގައިގެން ދިޔައިރު ވީގޮތެއް ދިވެހި ސަރުކާރަށް ނޭގެންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި އޭނާ ބޭނުންވަނީ ފޮރިން މިނިސްޓްރީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން އެކަން ހިނގައިދިޔަ ގޮތް ބަލަން ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހިގެ އެދިލެއްވުމުގެ މަތިން މިރޭ ތަރުޖަމާނު ހޫދް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޖާބިރު ދެއްކި ވާހަކަތަކަށް ސަރުކާރުން އެއްވެސް ވަރަކަށް ތާއިދު ނުކުރާ ކަމަށެވެ. އަދި އެއީ ސަރުކާރުން އެއްވެސް ވަރަކަށް ހުއްދަ ލިބިގެން ޖާބިރު ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.