ހަބަރު

ބަރުލަމާނީ އިސްލާހު ބޭރުކޮށްލައިފި

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ކުރަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ބިލު ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

ޑީއާރުޕީގެ ލީޑަރުކަން ކުރައްވާ ޖާބިރު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައިވީ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ގާނޫނު އަސާސީ އިސްލާހުކޮށްގެން، ނިޒާމް ބަދަލުކުރުމަކުން ރައްޔިތުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނައުމުގެ އިތުރުން ގާނޫނު އަސާސީ އާ ތައާރަޒުނުވާނެކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެ އިސްލާހު ބަލައިގަންނަން މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި، އެ ބިލު ބޭރުކޮށްލާފައިވަނީ 51 މެންބަރުންގެ ވޯޓާއެކު އެވެ. ވޯޓް ދެއްވީ މެންބަރު ޖާބިރު އެކަންޏެވެ.

ވޯޓުގެ ކުރިން އެ އިސްލާހަށް ކުރެވުނު ބަހުސްގައި އެއްވެސް ތަރުހީބެއް ނުލިބުނެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވާފައިވަނީ ޖާބިރުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް، އޭނާވެސް ވިދާޅުވީ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވަނިކޮށް ނިޒާމު ބަދަލުކުރަން ބަހުސްކުރަން ތާއީދު ނުކުރައްވާނެ ކަމަށެވެ.

ބަހުސްގައި ބައިވެރިނުވި ނަމަވެސް، ޖާބިރު ދެއްކެވި ވާހަކައިގެ ތެރެއިން ނިޒާމީ ނުކުތާ ނަންގަވައިގެން ވާހަކަ ދެއްކެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ ޖާބިރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި، ބުއްދި ސަލާމަތުން ހުރި މީހަކު މިފަދަ ހުށަހެޅުމެއް މަޖިލީހަށް ހުށަނާޅާނެ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވެސް ފަސްކޮށްފައިވާ ކަން ފާހަގަކުރައްވައި، ޝަރީފް ވަނީ ރިފަރެންޑްރަމް ބާއްވާނެ ފައިސާ މިވަގުތު ހޯދަނީ ކޮންތޯކުންތޯ ސުވާލު ކުރައްވައިފަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މި އިސްލާހު ބޭރުކޮށްލާފައިވާއިރު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ނަމަވެސް، މިއީ އެފަދަ އިސްލާހަކާމެދު ބަހުސްކޮށް، އެމަގަށް ދާންވީ ވަގުތެއް ނޫންކަމަށް ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.