ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ގެންނަން ހޯމަ ދުވަހު ހުށައަޅަނީ

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެ މައްސަލަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހުށައަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ދިވެހި ދައުލަތް ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށް ޖާބިރު މިއަދު ވިދާޅުވިއެވެ. އަވަސްއާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ އެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފުރިހަމަ ތާއީދާއެކު ކުރައްވާ މަސައްކަތެއް ކަމަށެވެ.

"މި ގައުމުގައި ބަރުލަމާނީ ނިޒާމަކުން ނޫނީ ވެރިކަމެއް ނުކުރެވޭނެ. އެ ނިޒާމުން މިހާރު އޮތް ކޮރަޕްޝަނާއި ފަސާދަ ނައްތާލާނެ. އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ،"

ޖާބިރު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ގޮތެއް ނިންމަން ޖެހެނީ ވަކި ލީޑަރަކަށް، އަދި މީހަކަށްޓަކައި ނޫން ކަމަށައި އެ ނިންމުން އަންނަން ޖެހެނީ ރާއްޖެއަށްޓަކައި ދިވެހިންގެ ތަރައްގީ އާއި ރާއްޖެއިން ގެއްލިފައިވާ އިޖުތިމާއީ އަދާލަތަށްޓަކައި ކަމަށެވެ. އަދި ކުރިން ރައްޔިތުން ރިޔާސީ ނިޒާމަކަށް ވޯޓްދިން ނަމަވެސް މިފަހަރު ވޯޓް ދޭނީ ބަރުލަމާނީ ނިޒާމަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ސަތޭކަ ޕަސެންޓް ޔަގީން ރައްޔިތުން މިހާރު ބޭނުންވަނީ ބަރުލަމާނީ ނިޒާމެއްކަން. އަދި މަޖިލީހުގެ 90 ޕަސެންޓް މެންބަރުންވެސް އެ ގޮތް ބޭނުންވޭ،"

ނިޒާމު ބަދަލު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން ތައްޔާރުވަމުންދާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަށް ސަރުކާރުގައި އެމަނިކުފާނު ވަރަށް ބޮޑަށް ދަނީ އެދެމުންނެވެ. ނަމަވެސް ސަރުކާރުން އެކަމަށް ދަނީ ދެކޮޅު ހައްދަވަމުންނެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ގިނަ މަޝްވަރާތަކަކަށްފަހު، ގާނޫނު އަސާސީ އެކުލަވާލީ، ވެރިކަން ކުރާ ނިޒާމަކާމެދު ސީދާ ރައްޔިތުން ނިންމި ނިންމުމެއްގެ މައްޗަށް ކަމަށެވެ. އަދި އެ ނިޒާމު ބަދަލުކުރަން ވިސްނުމުގެ ކުރިން، އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބަރުލަމާނީ، ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް،" ރައީސް ވިދާޅުވި އެވެ.