ހަބަރު

މި ހަފުތާ ހޫނު ވާނެ، ބޯކޮށް ވާރޭ ވެހޭނީ މެއި މަހު: މެޓް

ކުރިޔަށް އޮތް ހަަފުތާގައި ވެސް ހޫނު ގަދަވާނެ ކަމަށާއި ބޯކޮށް ވާރޭ ވެހޭނީ މެއި މަހުގައި ކަމަށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރު (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ ޑިރެކްޓާ އޮފް މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު "އަވަސް" އަށް ވިދާޅުވީ މިއީ ކޮންމެ އަހަރެއްގައި ވެސް އެންމެ ހޫނު ގަދަވާ ދުވަސްވަރު ކަމަށާއި އަދި ކުރިޔަށް އޮތް ދުވަސްތަކަށް ވެސް ލަފާ ކުރެވެނީ މި ހޫނު މިން ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކާއި މެދު ރާއްޖެ ތެރޭ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި އެގޮތުން އިއްޔެ ވެސް ބައެއް ރަށްތަކަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހުނު ކަމަށް އަހުމަދު ވިދާޅުވި އެވެ. އެހެން ނަމަވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މިދިޔަ އަހަރުގައި ވެސް އެންމެ ހޫނު ގަދަ ދުވަސްވަރު، އިރުވައި މޫސުމުގެ މި ދުވަސްވަރު އެއްގޮތަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފައެއް ނުކުރެވޭ،" އަހުމަަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މި ހަފްތާގެ ހުރިހާ ދުވަހެއްގައި ވެސް ހޫނު ގަދަވެ ފިނި ހޫނުމިން 30 އިން މަތީގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހޭނީ ހުޅަނގު މޫސުން ފެށޭ ދުވަސްވަރުގައި ކަމަށާއި އެއީ މެއި މަހު ދެވަނަ ހަފްތާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ފިނިހޫނު މިން ހުރީ 31 ޑިގްރީ ސެލްސިޔަސްގަ އެވެ. ހޫނު ގަދަވުމާ ގުޅިގެން ފެނުގެ ޑިމާންޑު ބޮޑުވެ، މާލޭގެ ފިހާރަތަކުން ވަނީ ފެން ވިއްކުން ލިމިޓްކޮށްފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖަންސީ އިން ވަަނީ ގަދަ ހޫނުން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ފެނުގެ ދަތިކަމުން ސަލާމަތްވެ ވާރޭ ވެހުމަށް އެދި މާދަމާ މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.