ރައްޔިތުން މަޖިލީހުގައި މާދަމާ ބާއްވާ ޖަލްސާގައި 12 ބިލެއްގެ މަސައްކަތާއި ގިނަ އަދަދަކަށް ކޮމިޓީ ރިޕޯޓުތައް ފާސް ކުރުން ތާވަލުކޮށްފި އެވެ. މާދަމާއަކީ މަޖިލިސް އިންތިހާބަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާ އެވެ.
މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން މުޅިން އާ 12 ބިލެއްގެ ފުރަތަމަ ކިޔުން އިއްވުން އޮންނާނެ އެވެ. އެގޮތުން އިންތިގާލީ އަދާލަތުގެ ބިލާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަ އިސްލާހުތަކާއި، މަސްވެރިކަމުގެ ބިލާއި، އޮޑިޓު ގާނޫނު އިސްލާހު ކުރުމާއި އިލެކްޝަން ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުން ފަދަ މުހިންމު ބިލުތައް ހިމެނެ އެވެ.
ތާވަލު ކުރި 12 ބިލް
- ދިވެހިރާއްޖޭ ސަގާފީ ތަރިކައިގެ ބިލު
- ވިޔަފާރި ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލު
- ދިވެހިރާއްޖޭ މަސްވެރިކަމުގެ ބިލު
- މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލު
- ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހިއުމަން ރައިޓްސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިންތިގާލީ އަދާލަތުގެ ބިލު
- އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލު
- އެންޓި ކޮރޮޕްޝަން ކޮމިޝަންގެ ގާނޫނު އިސްލާަހު ކުރުމުގެ ބިލު
- އިލެކްޝަން ކޮމިޝަން ގާނޫނު އިސްލާހު ކުރުމުގެ ބިލު
އެގޮތުން މާލިއްޔަތު ކޮމިޓީއިން ހުށަހަޅާފައިވާ 102 އޮޑިޓް ރިޕޯޓާ މެދު ގޮތެއް ނިންމުމަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް، ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް (ހ) އަށް ގެނެސްފައިވާ އިސްލާހު އުވާލުމާބެހޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް ވެސް މާދަން ބަހުސްކޮށް ވޯޓަށް އަހާނެ އެވެ.
އޭގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންއަށް މެންބަރަކު އައްޔަން ކުރުމަށް ރައިސް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރެއްވުމުގެ މަސައްކަތް ވެސް ވަނީ ތާވަލުކޮށްފަ އެވެ.