ރިޕޯޓް

ތޮއްޑޫން ކަރަލުގެ ހިސާބުޖެހީ ރޯދަ ކަލަންޑަރަށް!

ދިވެހިން ރޯދަމަހަށް ތައްޔާރުވުމަށް ޒަމާނުއްސުރެ ކުރާ ހާއްސަ ކަންކަން ހުރެއެވެ. ބައެއް ހިސާބުތަކުގައި ގޯތި ތެރެއަށް ކަށިވެލި ލުންފަދަ ކަންކަން ކުރާ އިރު، ހުރިހާ ގެއެއްގައިހެން ކުލަ ލުމާއި، ފަރުނީޗަރު އާކުރުން ފަދަ ކަންކަން ކުރުމަކީ ސަގާފަތުގެ ތެރެއަށް ވަދެ ނިމިފައިވާ ކަންކަމެވެ.

މިކަންކަން މިހެން ހުރި އިރު މުޅި ރާއްޖެއިން ވެސް އެންމެ ބުރަ މަސައްކަތެއް ރޯދައަށްޓަކައި ކުރާ ބަޔަކީ ދަނޑުވެރިންނެވެ. ހާއްސަކޮށް، އއ. ތޮއްޑޫގެ ނަން އެކަމުގައި ފާހަގަކޮށްލަންޖެހެ އެވެ. ތޮއްޑޫގެ ނަން މިކަމުގައި ހާއްސަކޮށް ފާހަގަ ކުރަން ޖެހެނީ ރޯދައަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ގިނަ ބާވަތްތައް ތާޒާކަމާއެކު މާލެއާ ހަމަޔަށް އެންމެ ގިނައިން ފޯރުވައިދެނީ ތޮއްޑޫއަށްވާތީ އެވެ.

ތޮއްޑޫގެ ދަނޑުތަކާއި، ދަނޑުވެރިކަން ކުރަން ގެންގުޅޭ އާލާތްތަކާއި، ދަނޑުވެރިންގެ މަސައްކަތަށް ބަލާއިރު ރަށުތެރޭގައި ވެސް ބަނބުކޭލާއި، ބިލަތް ގިނަ އަދަދަކަށް ހައްދާފައި ވެއެވެ. މީގެ އިތުރުން ވެސް އެކި ބާވަތްބާވަތުގެ ގަސް ރަށުތެރޭގައި ވެސް ވަނީ އިންދާފަ އެވެ.

ދަނޑުތަކާއި ދިމާލަށް ދުއްވަމުން ދިޔައިރު، އެންމެ ފުރަތަމަ ލައިގަތީ ފަޅޯ ދަނޑުތަކާއެވެ. ވަރަށް ތަރުތީބުން ސަފުސަފަށް އިންދާފައިހުރި ހުރިހާ ގަހެއްގައިވެސް ފަޅޯއަޅާފައިހުއްޓެވެ. ރޯދަމަހަށް ދޮންވެ ފައްކާވާނެ ވަރަށްގިނަ ފަޅޯ އެ ދަނޑުތަކުގައި އެބަހުއްޓެވެ. ފަޅޯދަނޑުތަކާއި ދިމާލުން ބޭރަށް ނިކުތް ތަނުން ލޮލު ކޮޅަށް ފެންނަ ވަރަށް ދަމާލާފައި އޮތް ކަރައާއި ބަރަބޮލުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުފެނުމުން އާޝޯހުވި އެވެ. އެތަން އެންމެ ވައްތަރީ ލަންކާގެ ނުވަރައެލިޔާއަށް ދާ މަގުގައި ހުންނަ ސައިފަތް ދަނޑުތަކާއެވެ. އެ މަގުން ދަތުުރު ކުރާއިރު ފެންނަ މަންޒަރު ތޮއްޑޫއިންވެސް ފެނުނެވެ. އަވަދި ނެތި ދަނޑުވެރިން މަސައްކަތުގައި އުޅެމުން ގެންދިޔައެވެ. ތޮއްޑޫގައި ކަރާގެ އިތުރުން ހައްދާ ބައެއް ބާވަތްތަކުގެ ތެރޭގައި، ފަޅޯ، މިރުސް، ކެބެޖް، ކިއުކަންބާ، ބަށި ހިމެނެ އެވެ.

ކަރަލަކީ ތޮއްޑޫއަށް އެންމެ ހާއްސަ އެއް ބާވަތެވެ. ރޯދަމަހު ހާއްސަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތަކުން ތޮއްޑޫގެ ކަރަލަށް ވަރަށް ބޮޑަށް ބަރޯސާވެއެވެ. ކަރާއާ ނުލާ ރޯދަމަސް ދިވެހިންނަށް ރޯދަމަހަކަށް ނުވާފަދައެވެ. އެހެން ކަމުން އެ ހުރިހާކަމެއް ހަނދާނުގައި ބަހައްޓައިގެން ތޮއްޑޫގެ ދަނޑުވެރިންދަނީ ހިސާބުޖަހައި، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހާ ހަމަޔަށްދާންދެންވެސް ހުއްޓުމެއްނެތި ކަރާ ލިބިގެންދާނެ އިންތިޒާމަކަށް ދަނޑުވެރިކަން ކުރަމުންނެވެ. ހުރިހާ ދަނޑަކަށް ކަހަލަ ގޮތަކަށް ފެން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. ފެން ޕަންޕުތައް ބޭނުންކޮށްގެން ދަނޑުތަކަށް ފެންދިނުމުގެ ކަންކަން ކުރަމުންދާއިރު، ބައެއް ދަނޑުތަކުގައި އޮޓޯމެޓިކް ޕްލާންޓް ވޯޓަރިން ސިސްޓަމްވެސް ހަރުކޮށްފައި ހުއްޓެވެ.

މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު، ތޮއްޑޫގެ ދަނޑުވެރިންދަނީ ވަރަށް ފަރުވާތެރިކަމާއެކު، ދަނޑުތަކަށް ފެން ދެމުންނެވެ. އެގޮތުން ހުކުރު ދުވަހުގެ ހުކުރުގެ ކުރިންވެސް ގަދަ އަވީގައި ބައެއް ދަނޑުތަކަށް މީހުން ފެންދެމުންގެންދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ހެނދުނާއި، މެންދުރުގެ އިތުރުން އިރުއޮއްސޭ ގަޑީގަވެސް ބައެއް ދަނޑުވެރިން ވަނީ ދަނޑުތަކަށް ފެންދީފައެވެ. ތޮއްޑޫއިން ފެނުނު އެ މަންޒަރުތައް ފެނުމުން އެ ދަނޑުވެެރިން އެކަން ކުރަނީ އެކަން ކުރަން ދަސްކޮށްގެން ކަން ވަރަށް ރަނގަޅަށް އިނގެއެވެ. އެގޮތުން އެދުވަހު ފެންނަން ހުރީ ވަރަށް ކުދި ކަރާތަކެއް ކަމުން ރޯދައަށް އެކަރާތައް ބޮޑުވެ އޭގެ ބޭނުން ހިފޭވަރުވާނެ ކަން ޔަގީންވެއެވެ. އެކަން ޔަގީން ކުރުމަށް ދަނޑުވެރިއެއް ކައިރީ އަހާލުމުން ބުނީ "ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިންވެސް ތޮއްޑޫ ކަރާ މާރުކޭޓުގައި ވިއްކާނެ" ކަމަށެވެ.

މި އަހަރުގެ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ތޮއްޑޫއިން ވަނީ 112 ދަނޑުބިން ގުރުއަތުގެ އުސޫލުން ރަށުގެ ރައްޔިތުންނަށް ދީފައެވެ. ޖުމްލަ 2015 މީހުންގެ އާދާބީއެއް އެރަށުގައި އޮތް އިރު، ބޮލަކަށް ވަކި ވަރަކަށް އަކަފޫޓުގެ އުސޫލުން ދަނޑުތައް ދޫކުރާއިރު، ދަނޑުވެރިކަން ނުކުރާ މީހަކު އެރަށުގައި ވަރަށް މަދުވާނެ ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.

"ހުރިހާ ދަނޑެެއްގައިވެސް މިހާރު އެހެރީ ކަރާ އަޅަން ފަށާފައި. ދެން ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ހަމަ ދޮންވާވަރަށް، ކަރާ އެހެރީ ރެޑީގައި، އިރާދަކުރެއްވިއްޔާ ހަމަ މާލޭގައި ތިއްބެވި ބޭފުޅުންނަށް ރޯދަ މަހުގެ ފުރަތަމަ ދުވަހު ރޯދަ ވީއްލަން ކަރާ ލިބޭ ވަރަށް ތޮއްޑޫގެ ރައްޔިތުން ރައްޔާރުވަމުން ދަނީ. އަޅުގަނޑުމެންގެ އުމްމީދަކީ ރޯދަމަހުގެ ހުރިހާ ދުވަހެއްގައިވެސް ލިބޭނެ ވަރަށް ކަރާ ހެއްްދުން. އެއީ އެގޮތަށް ބަލާފައި ކަރާ އިންދަނީވެސް، މިސާލަކަށް ވަކި ދުވަސްތަކެއް ހުންނާނެ ކަރާ އިންދަންވެސް. އެގޮތަށް ބަލާފައި އެކި ދުވަސްތަކުގައި އެކި ދަނޑުވެރިން އިންދާނީ. އެއީ ރޯދަމަހު އެއްކޮށް ކަރާ ލިބޭނެ ގޮތެއް ހަދަން" ތޮއްޑޫ ކައުންސިލްގެ ނައިބް ރައީސް ހަސަން އަބުދުﷲ ވިދާޅުވި އެވެ.

ތޮއްޑޫ ކައުންސިލްގެ ނައިބްގެ މިވާހަކައަށް ބަލާއިރުވެސް، ތޮއްޑޫ ރައްޔިތުން ތިބީ އެހެން ރޯދަމަސްތަކެކޭވެސް އެއްފަދައިން ދިވެހިންނަށް ރޯދަ ވީއްލުމަށް އެންމެ ކަމުދާ ކަރާފަނި ގިރުމަށް ބޭނުންވާނެ ކަރާ މުޅި ރާއްޖެއަށްވެސް ފޯރުވައިދޭން ތައްޔާރަށެވެ. ތޮއްޑޫގައި ރިސޯޓްތަކަށް ދަނޑުވެރިކަމުގެ ބާވަތްތަށް ސަޕްލައިކޮށްދޭ ފަރާތްތައްވެސް އުޅޭއިރު، އެކަމުގެ ސަބަބުންވެސް ރަށަށް އަބަދުވެސް އާމްދަނީ ވަންނަމުންދާނެ އެވެ. އަދި މާލޭގެ ލޯކަލް މާރުކޭޓަށް ތޮއްޑޫއިން ވިއްކުމަށް ގެންނަ ތަކެތިން އެރަށުގެ ޖުމްލަ އާބާދީއަށް މަންފާކުރަމުންދާކަމީ ޔަގީން ކަމެކެވެ. ތޮއްޑޫއަކީ މަސްވެރިކަންކޮށް އުޅޭ ރަށަކަށް ނުވުމުން، ތޮއްޑޫގެ މުޅި އާންމުދަނީގެ ބޮޑުބައި ބަރޯސާވެފައި އޮތީވެސް ދަނޑުވެރިކަމަށެވެ.

ތޮއްޑޫގެ ދަނޑުވެރިންގެ އުމްމީދަކީ ދަނޑުވެރިން އެކުރާ މަސައްކަތަށް ހަމަ އަގު ލިބުމަށް އަދި ރައްޔިތުންނާއި ހަމަޔަށް ހެޔޮ އަގެއްގައި ކަރާ ވިއްކޭނެ އިންތިޒާމެއް ސަރުކާރުން މިފަހަރުވެސް މާލޭގައި ހަމަޖައްސަދިނުމެވެ. މީގެ ކުރީ ސަރުކާރުތަކުންވެސް ވަނީ ތޮއްޑޫ އަދި ކާށިދޫގެ ދަނޑުވެރިންނަށް ކަރާ ވިއްކުމަށް ހާއްސަ ސަރަހައްދެއް މާރުކޭޓްގައި ހަމަޖައްސައި އެކަމަށް މަގުފަހި ކުރުވާފައެވެ. އެހެން ކަމުން މި ސަރުކާރުގައިވެސް އެކަން އެމަގަށް ގެންދިއުމަށްޓަކައި ތޮއްޑޫ ކައުންސިލުން ދަނީ ސަރުކާރާއި ވާހަކަ ދައްކަމުންނެވެ.