ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ކާނާގެ ޔަގީން ހޯދަން ތޮއްޑޫ ދަނޑުތަކަށް ޒުވާރި

Apr 3, 2020
5

ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކާބޯ ތަކެތި މަދުވެދާނެ ހާލަތަށް ތައްޔާރުވުމުގެ ގޮތުން، ތޮއްޑޫ ދަނޑުވެރިން ޒުވާރި ހެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

"ތޮއްޑޫ ކޮވިޑް-19 އިގެ ޓާސްކް ފޯސް" ގެ ފަރާތުން ވާހަކަ ދެއްކި އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި ކައުންސިލްގެ އިސް ނެގުމުގެ މަތިން އެ ރަށުގެ ދަނޑުތަކުގައި ޒުވާރި ހެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ދެ މަސް ފަހުން ގިނަ އަދަދެއްގެ ޒުވާރި ރާއްޖޭގެ ބާޒާރުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަރާ ވެލުގެ ތެރޭގައި ޒުވާރި ގަސް ޖަހަނީ. އެހެންވީމަ މިހާރު ރޯދައަށް ހައްދާފައި ހުރި ކަރާ ވެޔޮ ތަކުން ކަރާ ކަނޑާ ހިސާބަށް ދާންވާއިރަށް ޒުވާރި ހުންނާނީ ލިބެން ކައިރިވެފައި. ދުނިޔޭގެ ހާލަތަށް ބަލައި ބަރަބޮލާއި މިނޫން ވެސް އެހެން ބާވަތްތައް އިންދަން ވަނީ ނިންމާފައި،" ކަރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް ދަނޑުތަކުގައި 8،000 އާއި 10،000 އަށް ވުރެ ގިނަ ޒުވާރި ގަސް ހުންނާނެ ކަމަށެވެ.

"މިހާރުގެ ފޯކަސް ހުރީ ދަނޑުވެރިކަން ފުޅާ ކުރަން. ކާނާގެ ޔަގީންކަން ހޯދަން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް މިއީ. އެހެންވެ މި މަސައްކަތް ތޮއްޑޫގެ ދަނޑުވެރިން ކުރާނެ،" ކަރަމް ވިދާޅުވި އެވެ.

ތޮއްޑޫއަކީ ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ފުރަތަމަ އެޅި ރާއްޖޭގެ އެއް ރަށެވެ. އެ ރަށުގެ ގެސްޓްހައުސް ވިޔަފާރިވެރިން އިސް ނަގައިގެން ވަނީ ގެސްޓުން ގެންދިއުން ހުއްޓާލައި ދަނޑުވެރިކަން ފުޅާ ކުރަން މަސައްކަތް ކޮށްފަ އެވެ. އަދި ގެސްޓްހައުސް ތަކަށް ގެސްޓުން ގެނައުން ސަރުކާރުން ވަގުތީ ގޮތުން ހުއްޓާލީ އޭގެ ފަހުންނެވެ.

ސަރުކާރުން ވަނީ ދަނޑުވެރިކަން ފުޅާ ކުރަން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ. އެގޮތުން ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އިން ވަނީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ވަގުތުން ގަނެ ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ނިންމާފަ އެވެ.