އެސްޓީއޯއިން ދަނޑުވެރިންގެ އަތުން ތަކެތި ގަތުމުގައި އިސްކަން ދޭނީ ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެއްޗަށް ކަމަށާއި އެ ކުންފުނިން ގަންނަ ތަކެތީގެ ތެރޭގައި ކަރާ ފަދަ ތަކެތި ނުހިމެނޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އަމްރު ވިދާޅުވީ އެސްޓީއޯއިން ދަނޑުވެރިންގެ އަތުން ތަކެތި ގަންނަން ފެށުމުގެ ވިސްނުން ހުރީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. އޭގެ ކުރިން އެސްޓީއޯއިން ގަންނާނެ ތަކެއްޗާއި އެ ތަކެތި ގަންނާނެ އަގުތައް އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއިން ގަންނަ ތަކެއްޗާ ގުޅޭ ގޮތުން މަޖިލީހުގެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ ކުންފުނީގެ ވިސްނުން ހުރީ މި ވަގުތަށް ކާނާގެ ޔަގީން ކަން ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން ބޭނުންވާނެ ކަމަށް ނުވަތަ ފުޑް ސެކިއުރިޓީއަށް ބޭނުންވާނެ ތަކެތި ކަމަށެވެ. އޭގެ ތެރޭގައި ކަރާ ފަދަ ފޮނި ތަކެތި ނުހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑަށް ސާފުވޭ އެބަ ރާއްޖޭގައި ކަރައަކީ ވަރަށް ފަސޭހައިން ހެއްދޭ އެޗަކަށް ވާތީވެ ވަރަށް ގިނަ އަދަދަކަށް ހައްދާ ކަން. އެކަމަކު އެއީ ހަގީގަތުގައި ފުޑް ސެކިއުރިޓީއަށް ބޭނުންވާ އެއްޗެއް ނޫން. އެހެންވީމަ އަޅުގަނޑުމެންނެއް އެއަކަށް ފޯކަސްއެއް ނުކުރަން." އަމްރު ވިދާޅުވި އެވެ.
އެސްޓޯއިން ގަންނަ ތަކެތީގެ ތެރޭގައި ފަތްޕިލާވެލީގެ 11 ވައްތަރަކާއި މޭވާގެ 15 ވައްތަރެއް އަދި ތަރުކާރީއާއި އޮއްޓަރު ހުރި 37 ވައްތަރެއް ހިމެނޭ ކަން އެ ކޮމިޓީގައި ހާމަ ކުރެއްވި އެވެ. ނަމަވެސް އެއީ ކޮން ބާވަތްތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ދިވެހި އިގްތިސާދު ބިނާވެފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރި ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެއާއެކު އެހެން ސިނާއަތްތައް ކުރިއަރުވަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި ގޮތުން ދަނޑުވެރިކަން ކުރާނެ ހުސް ބިން ހުރި ރަށްރަށުން ތިން އަހަރަށް ހިލޭ ދަނޑު ބިން ދޫކުރަން ސަރުކާރުން ނިންމައި އެކަމާ ބެހޭ އުސޫލުތަކެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.
ލާމަރުކަޒީ ގާނޫނުގެ ތެރެއިން ބައެއް ރަށްރަށުގެ އިހްތިސާސް ތެރެއަށް ވަންނަ ފަޅު ރަށްތަކުގައި ވެސް ދަނޑުވެރިކަން ކުރަން އެދޭނަމަ އެ ފުރުސަތު ވެސް ފޯރުކޮށްދިނުމަށް ވަނީ ސަރުކާރުން ވަނީ ނިންމައިފަ އެވެ.