ހަބަރު

މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދުކޮށްފި

ރާއްޖެއަށް އަށް ވާރޭ ނުވެހޭތާ ގިނަ ދުވަސްވެ އާދަޔާހިލާފަށް ހޫނު ގަދަވެފައިވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދުގެ މެންދުރު ނަމާދަށްފަހު އިސްތިސްގާ ނަމާދު ކޮށްފި އެވެ. އިސްތިސްގާ ނަމާދަކީ ފެނަށް ދަތިވެއްޖެ ނަމަ ނުވަތަ ވާރޭ ވެހުން ލަސްވާނަމަ އެކަމަށް އެދި ކުރާ ނަމާދެކެވެ.

މަލޭގައި އިސްތިސްގާ ނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އިސްތިސްގާ ނަމާދެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ.

މާލޭގައި ކުރި އިސްތިސްގާ ނަމާދުގައި އިމާމްވެ ނަމާދު ކުރައްވާ ހުތުބާ ވިދާޅުވެ ދުއާ ކޮށް ދެއްވީ ޑރ. މުހައްމަދު އިޔާޒެވެ. އަތޮޅުތަކުގައި އިސްތިސްގާ ނަމާދު ކޮށްފައިފައިވަނީ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އެވެ. މާލޭގަ އާއި ރަށްރަށުގައި ވެސް ގިނަ އަދަދަކަށް މިއަދުގެ އިސްތިސްގާ ނަމުގައި މީހުން ބައިވެރިވި އެވެ.

އިއްޔެ މެޓް އޮފީހުން ބުނެފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ވިއްސާރައިގެ އަސަރު ކުރަން ފަށާނެ ކަމަށެވެ. ގިނަ ދުވަސްތަކަކަށްފަހު އިއްޔެ ވަނީ ބައެއް ރަށްތަކަށް ކޮންމެވެސް ވަރަކަށް ވާރޭވެސް ވެހިފަ އެވެ.

މިދުވަސް ވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވަރަށްވެސް ހޫނު ގަދަ ދުވަސް ވަރެކެވެ. މެޓް އޮފީހުން ބުނާ ގޮތުގައި މިއަދު މާލޭގެ ފިނިހޫނު މިން ހުރީ 32 ޑިގްރީ ސެލްސިއަސް ގައެވެ. މޫސުމަށް އައި ބަދަލާއެކު ހޫނު ގަދަވެފައިވާއިރު ބައެއް ރަށްރަށް މިހާރުވެސް ވަނީ ފެނަށް ޖެހިފަ އެވެ. އަދި ފިހާރަތަކުން ވިއްކާ ބަންދުކުރި ފުޅީގެ ފެންވެސް ވަނީ ކޮންޓްރޯލެއް ގެންގުޅެން ފަށާފައެވެ.