އަލަށް ހުވާ ކުރާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ.
ރާއްޖޭގެ ޕާލަމެންޓްރީ ހަޔާތުގެ ދިގު މާޒީއެއް އޮތް ޝަރީފު މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިވެ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.
މަޖިލިސް ރައީސް ކަމަށް ޝަރީފް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އިރު އެމްޑީޕީގެ ތެރެއިން އިތުރު މެންބަރުންތަކެއް ވެސް ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހިމެނި ވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ވިލުފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ކާށިދޫ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައިވާ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.
މީގެ ގެތެރެއިން މެންބަރު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށާއި އީވާ ނައިބު ރައީސް ކަމަށް ގެނައުމަށް މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝައުގުވެރި ވަޑައިގަންނަވާ ކަމަށް ވެއެވެ. އީވާ އެ ދެ މަގާމުން ކުރެ ކޮންމެ މަގާމަކަށް އީވާ ވަޑައިގެންނެވި ނަމަވެސް އެކަން ވާނީ ރާއްޖޭގެ ތާރީހުގައި އާ ކަމަކަށެވެ. މީގެ ކުރީން ރާއްޖޭގައި ސެންޓް އޮތް އިރު ސެންޓްގެ ރައީސާކަން އާމިނަތު ހުސައިން ކުރެއްވި އެވެ.
"އަވަސް" އާ ވާހަކަފުޅު ދައްކަވަމުން ޝަރީފް މިއަދު ވަނީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް އޭނާ ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
"އާ މަޖިލީހުގެ ރައީސް ކަމަށް އަޅުގަނޑުގެ ވެސް ޝައުގުވެރިކަން އެބަހުރި، އެ ފުރުސަތު ލިބިއްޖެ ނަމަ އެކަމަަށް އަޅުގަނޑު ވަރަށް ތައްޔާރު،" ޝަރީފް ވިދާޅުވި އެވެ.
އާ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ އެއް ޕާޓީއަކަށް ސުޕަަ މެޖޯރިޓީ ލިބުނު ފުރަތަމަ ފަހަރެވެ. އާ މެމްބަަރުންނާ އެކު މަޖިލިސް ޖަލްސާ ފެށޭނީ އަންނަ މަހު ފަހުކޮޅުގަ އެވެ.