ހަބަރު

ކުޑަ އަންހެން ކުއްޖާ ގޮވައިގެން ފިލި މީހާ ދިޔައީ ސީރިއާ އަށް

Dec 30, 2014

އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖަކު އެ ކުއްޖާގެ އާއިލާ އަށް ނޭނގި ގެންދިޔަ މައްސަލާގައި ހޯދަން އިއުލާނުކޮށްފައިވާ މީހާ ވަނީ ސީރިއާ އަށް ގޮސްފައިކަން "އަވަސް" އަށް އެނގިއްޖެ އެވެ.

ކުޑަ އަންހެން ކުއްޖަކު އާއިލާ އަށް ސިއްރުން ގެންދިޔަ މައްސަލާގައި ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނީ ގދ.ރަތަފަންދޫ ސީނުގޭ އިކްރާމް ވަހީދެވެ. އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. 

އިކްރާމް ސީރިއާ އަށް ގޮސްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް އާއިލާ އަށް ސިއްރުން ގެންދިޔަ ކުޑަ އަންހެން ކުއްޖާ އިކްރާމާ އެކު ސީރިއާ އަށް ނުގެންދާ ކަމަށް އެނގިފައިވެ އެވެ. ފުލުހުން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ ކުޑަ ކުއްޖާ އާއިލާ އަށް ނޭނގި ގެންދިޔަ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށެވެ. 

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ގިނަ އަދަދެއްގެ ދިވެހިން ދަނީ ބައިވެރި ވަމުންނެވެ. ގިނަ މީހުން ބައިވެރިވަނީ ޖަބްހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރަންޓް އާ އެވެ. ނަމަވެސް އިކްރާމް ސީރިއާ އަށް ދިޔައީ ކޮން ބަޔަކާ ގުޅިގެން ކަމެއް އަދި އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނެފައި ވަނީ އަންހެން ކުއްޖާގެ އާއިލާއަށް ނޭނގި އެ ކުއްޖާ ގެންދިއުމުގެ އިތުރުން އެ ކުއްޖާގެ މައުލޫމާތާއި އިކްރާމްގެ މައުލޫމާތު ވެސް ފުލުހުންނަށް އޮޅުވާލައި، ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތު އިކްރާމްގެ މައްޗަށް ކުރެވޭ ކަމަށެވެ.