ދިރާގު

ދިރާގާއި ސްޕާކްހަބްގެ ސްޓާޓްއަޕް ވޯކްޝޮޕް ފަށައިފި

ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި ބާއްވާ ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް "ލީން ސްޓާޓްއަޕް މެޝިން" ފަށައިފި އެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން މިއަދު ފެށި މި ވޯކްޝޮޕް ކުރިއަށް ދާނީ 21 އެޕްރިލް 2019 ގެ ނިޔަލަށެވެ.

މި ވޯކްޝޮޕް އަކީ އަަލަށް ފަށާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދުނިޔޭގެ 150 ސަރަޙައްދެއްގައި ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ތިން ދުވަހުގެ ވޯކްޝޮޕެކެވެ. މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ "ލީން ސްޓާޓަޕް މެޝިން" ޕްރޮގްރާމް އެވެ.

މި ވޯކްޝޮޕްް ގައި އާ އީޖާދެއް ނުވަތަ އާ ހިޔާލެއް ތަރައްގީ ކުރުމުގެ ކުރިން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނެވޭނެގޮތަށް ލީން މެތެޑޮލޮޖީ މެދުވެރިކޮށް ކަސްޓަމާ ވެލިޑޭޝަން، ޕްރޮޑަކްޓް އަދި ބިޒްނަސް މޮޑެލް ޑިވެލޮޕްމެންޓް ފްރޭމްވޯކްތައް ކިޔަވައިދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން، މި ވޯކްޝޮޕްގެ ބައިވެރިންނަށް އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން ތައްޔާރުވާނެ ގޮތްތައް ދެނެގަންނަން ދަސްކޮށްދީ، ވިޔަފާރި އާ ކަސްޓަމަރުންނާ އޮތް ގުޅުން ދެނެގަނެ ވިޔަފާރި ތަރައްގީ ކުރުމުގެ މަސައްކަތްވެސް ދަސްކޮށްދެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ބައިވެރިވެވަޑައިގަތެވެ. އަދި މި ރަސްމިއްޔާތުގައި ދިރާގުގެ ސީ. އީ. އޯ. އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ރަޝީދު، ދިރާގުގެ މެނޭޖްމަންޓް، އަދި ސްޕާކްހަބްގެ ސީ. އީ. އޯ. ހުސެއިން ޖިނާން އަދި މެނޭޖްމަންޓް ބައިވެރިވެވަޑައިގަތެވެ.

މި ވޯކްޝޮޕާ ގުޅިގެން ދިރާގުން ބުނި ގޮތުގައި، ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ކުރިއަށް ދާނީ ލީން ސެޓިފައިޑް ފެސިލިޓޭޓަރުން މެދުވެރިކޮށެވެ.

މި ވޯކްޝޮޕްގެ ބައިވެރިންނަށް ވިޔަފާރީގެ އެކި ހިޔާލުތަކާއި ކޮންސެޕްޓްތައް ޓެސްޓު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.