ދިރާގު

ދިރާގު އީދު ބޯކިބާ އަދި އީދު ހަދިޔާއަށް ބޮޑު ތަރުހީބެއް

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ބޭއްވި ދިރާގު އީދު ބޯކިބާ ހަރަކާތް މިއަދު ކުރިއަށް ގެންގޮސްފައިވަނީ މާލޭ އާޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކް ގައެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލޭގައި މި އިވެންޓްގައި ބައިވެރިވެފަ އެވެ.

މީގެ އިތުރުން އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން ދިރާގުން ވަނީ ކުޑަ ކުދިންނަށް އަމާޒުކޮށް ދިރާގު އީދު ހަދިޔާ ގިފްޓް ޕެކްވެސް އީދު ނަމާދަށްފަހު ބަހާފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައިވެސް ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. އެއީ ހދ. ކުޅުދުއްފުށި، އައްޑޫ ސިޓީ، ފުވައްމުލައް، ތިނަދޫ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެތި އެވެ.

ދިރާގުގެ މެނޭޖަ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވީ މިއަހަރު ދިރާގުން ކުރިއަށް ގެންދިޔަ ފިތުރު އީދުގެ ހަރަކާތްތަކުގައި އެހާ ގިނަ ފަރާތްތަކުން ބައިވެރިވެ، އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ ދިރާގަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ހެޔޮ ހިތުން މުޖުތަމައުގެ އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް އާލާކުރުމަކީ ދިރާގުން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެއް،" ނާޔާ ޝަރީފް ވިދާޅުވި އެވެ.

މި ހަރަކާތްތަކުގެ އިތުރުން ދިރާގަކީ މިއަދު މާލޭގައި ސާދާ ތިރީސް އަށެއް ގްރޫޕުން އިންތިޒާމްކޮށްގެން ކުރިއަށްދާ ފިތުރު އީދު ހަރަކާތްތަކުގެ ޕާޓްނަރެއްވެސް މެއެވެ.

މި ހަރަކާތުގައި އީދުގެ ސަގާފީ ކުޅިވަރުތައް ކަމަށްވާ ފެން ކުޅުން، ބޮޑު މަސް އަދި މާލި ޕެރޭޑް ކުރިއަށްދާނެ އެވެ. އަދި މީގެ އިތުރުން އީދު މިއުޒިކް ޝޯއަކާއި ހަވާއެރުވުންވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް އާންމުންނާއި ހަމައަށް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށް ކަމަށް ދިރާގުން ބުނެ އެވެ.