ދިރާގު

"ދިރާގު އީދު ބޮނޑިބަތް" މި އީދުގައިވެސް އޮންނާނެ

"ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަޟްހާ އީދުގައިވެސް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެފި އެވެ.

މުޖުތަމައުގެ ތެރޭގައި އީދުގެ އުފާވެރި ރޫހު އާލާކުރުމުގެ ގޮތުން މިދިޔަ އަހަރު ދިރާގުން ފެށި މި ހަރަކާތް މި އަހަރު ކުރިއަށް ދާނީ ހުޅުމާލެ، މާލެ އަދި ވިލިމާލެގަ އެވެ.

ހުޅުމާލޭގައި އީދު ބޮނޑިބަތް ހަރަކާތް ބާއްވުމަށް ހަމަޖެހިފައިވަނީ ހޮސްޓިން ޕާޓްނަރުގެ ގޮތުގައި ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ.

މާލެ އާއި ވިލިމާލޭގައި އީދު ބޮނޑިބަތް ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެންނެވެ. މިއީ ދިރާގު އީދު ބޮނޑިބަތް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ދިރާގު އީދު ބޮނޑިބަތް ހަރަކާތާއި ގުޅޭ ގޮތުން ދިރާގުގެ މެޏޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ ދިރާގު އީދު ބޮނޑިބަތާއެކު މާލެ ސަރަހައްދުގައި އަޟްހާ އީދުގެ ހަރަކާތްތައް ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ސަގާފީ އާދަކާދަތަކާއި މުޖުތަމައުގެ އެންމެން ޝާމިލްވާ ގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިޔުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އެގޮތުން ހާއްސަ މުނާސަބަތެއްގައި މުޖުތަމައުއަށް އަނބުރާ ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޖައިޝަން ހަމީދު ވިދާޅުވި އެވެ.

"ދިރާގު އީދު ބޮނޑިބަތް" ހަރަކާތް ކުރިއަށް ދާނީ އީދު ނަމާދަށް ފަހު ހެނދުނު 7:30 އެވެ.

އެ ގޮތުން މާލޭގެ މާފަންނު ސްޓޭޑިއަމް އާއި ފުޓްބޯޅަ ދަނޑުގައި ހަރަކަތް ކުރިއަށްދާނެ ކަމަށާއި މީގެ އިތުރުން ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކްގައި މި ހަރަކާތް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައު ތެރޭގައި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދޭފަދަ ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށެވެ.