ހަބަރު

ރާއްޖެ މަތީ ވިއްސާރަ ވިލާގަނޑެއް، ތިން ދުވަހު ބޯކޮށް ވާރޭ ވެހޭނެ: މެޓް

Apr 20, 2019
1

މުޅި ރާއްޖެ މަތީ ބޯ ވިއްސާރަ ވިލާގަނޑެއް އުފެދިފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދަށް ވެސް އަންނަ ހޯމަ ދުވަހާ ހަމަޔަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަން ސެންޓަރުން ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "އަވަސް" އަށް މިއަދު ވިދާޅުވީ މިވަގުތު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި އެގޮތުގައި އަންނަ ހޯމަ ދުވަހާ ހަމަޔަށް ވެސް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ހޯމަ ދުވަހަށް ފަހު ކޮންމެވެސް މޫސުން ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް ބައެއް ސަރަހައްދުތަކަށް އޭރު ވެސް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މުޅި ރާއްޖެ މައްޗަށް ބޯ ވިލާގަނޑެއް އަރާފައި އެބައޮތް، އޭގެ ސަބަބުން ކުރިޔަށް ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހި ގުގުރާ ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ،" މެޓްގެ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ދެ މަހެއްހާ ދުވަސް ދިޔައީ ރާއްޖެއަށް ދިޔައީ އިރުވައި މޫސުމުގެ ގަދަ ހޫނުގެ އަސަރު ކުރަމުންނެވެ. އެގޮތުން ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ސަރުކާރުން ހެލްތު އެލާޓުތައް ނެރެފައިވާ އިރު ދާދި ފަހުން ވަނީ މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދު ވެސް ކޮށްފަ އެވެ.

އޭގެ ފަހުން ރާއްޖެއަށް ވާރޭ ވެހެން ފަށާފައިވާ އިރު ރޭ ވެސް ވަނީ މާލެ އާއި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ގެއްލުންތައް ވެސް ވެފަ އެވެ. އޭގެ އިތުރުން ލ. އަތޮޅު ފޮނަދޫއަށް ރޭ ވަނީ ނަގޫރޯޅިއެއް ވެސް އަރައިފަ އެވެ.