ބޭރު ކުޅިވަރު

ކަރުނައިން ބަންޑުންވި ވަދާއީ ސަލާމް: ކަސިޔަސް އެދެނީ އޭނާ ގޯސް ނުކުރުމަށް

Jul 13, 2015

25 އަހަރަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލާއިރު އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިއަސް އޭނާގެ ފޭނުންނަށް ދޭން އޮތް މެސެޖަކީ މިއީ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ފެންކަޅިވެފައި ހުރި ކަސިއަސް އެދުނީ ސަޕޯޓަރުން އޭނާ ގޯސްނުކުރުމަށެވެ. 

ޕޯޗުގަލްގެ ޕޯޓޯއާ ގުޅެން ނިންމާފައިވާ 34 އަހަރުގެ ކަސިޔަސް ބުނީ އޭނާ ކުޑައިރުއްސުރެ ކުޅުނު ކުލަބު ދޫކޮށްލަނީ ގިނަ ސަބަބުތަކާ ހެދި ކަމަށެވެ.

"އަހަރެން މިއަދު މި ހިތްގައިމު ސްޓޭޑިއަމަށް މި އައީ އެންމެނަށް ވަދާއީ ސަލާކުރަން. ހާއްސަކޮށް މެޑްރިޑުގެ ސަޕޯޓަރުންނަށް. އަންނަ ހޮނިހިރު ދުވަހަށް ފަހު އަހަންނަކީ މެޑްރިޑުގެ ކުޅުންތެރިއެއްނޫން. އަހަންނަކީ ޕޯޓޯގެ ކުޅުންތެރިއް. އަހަރެން ޕޯޓޯ އަށް މި ބަދަލުވަނީ ގިނަ ސަބަބުތަކާހެދި،" ކަސިޔަސް ބުންޏެވެ.

އޭނާ ބުނީ ޕޯޓޯއިން އޭނާ ގަޔާވާ ކަންތައްތަކެއް ދައްކައިދީފި ކަމަށާއި އޭނާގެ މައްޗަށް ޕޯޓޯ ކުރި ހޯދައިފި ކަމަށެވެ. އަދި އެ ކުލަބު މާޔޫސްވާނެ އެއްވެސް ކަމެއް ވިޔަނުދިނުމަށް އޭނާ ގަދަ އަޅައި މަސައްކަތްކުރާނެ ކަމަށެވެ.

އޭނާ ބުނީ ރެއާލް މެޑްރިޑުން އޭނާ ޝަހުސިއްޔަތަކަށް ވުމަށް ދަސްކޮށްދިން ކަމަށާއި އަބަދުވެސް މެޑްރިޑުގެ ސަޕޯޓަރުންނާއެކު އޭނާ ހުންނާނެ ކަމަށެވެ. އަދި އޭނާގެ މަތިން އަބަދުވެސް ހަނދާންކުރުމަށް ސަޕޯޓަރުންނަށް ކަސިޔަސް ގޮވާލި އެވެ.

"އަހަރެން ބަލައިގަތުމަށް އަހަރެން އެދެނީ ރަނގަޅު މީހެއްގެ ގޮތުގައި. މޮޅު ގޯލްކީޕަރެއްގެ ގޮތުގައެއްނޫން. އަހަރެންނަށް (ދަނޑުމަތީގައި) ހެދުނު ގޯސްތަކާ ވެސް އެކު އަހަރެން ރަނގަޅު މީހެއްގެ ގޮތުގައި ބަލައިގަތުމަށް އަހަރެން އެދެން،" ކަސިޔަސް ބުންޏެވެ.

ރެއާލް މެޑްރިޑާއި ސްޕޭނުގެ ގައުމީ ޓީމުގައި ކަސިޔަސް ވަނީ ފުޓްބޯޅައިގެ ހުރިހާ ތައްޓެއް ހާސިލްކޮށްފަ އެވެ. މިއީ އެހެން އެއްވެސް ކުޅުންތެރިއަކަށްވެފައިވާ ކަމެއްނޫނެވެ. އޭނާ ވަނީ ގައުމީ ޓީމުގައި 2008 އާއި 2012ގެ ޔޫރޯ އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ރެއާލްގައި ތިން ފަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރި އެވެ.

ކަސިޔަސްގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮއްވައި އޭނާ ދޫކޮށްލަން ރެއާލް ނިންމީ މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެޔާ ގެނައުމަށެވެ. ކުރިން އެތްލެޓިކޯ މެޑްރިޑަށް ކުޅުނު ޑެހެޔާއަކީ ސްޕޭނުގެ ގައުމި ޓީމުގެ ރިޒާވް ކީޕަރެވެ.

މިހެންވެ ދެ މީހުން އެއް ކުލަބެއްގައި ތިބެފިނަމަ ކަސިޔަސް ގައުމީ ކީޕަރުކަން ގެއްލުން ވަރަށް ގާތެވެ. މިހެންވެ އަންނަ އަހަރުގެ ޔޫރޯގައި ގައުމީ ޓީމަށް ކުޅުމުގެ އުއްމީދުގައި ހުރި ކަސިޔަސް އަށް ޕޯޓޯ އަށް ދިއުން ނޫންގޮތެއް ނެތީ އެވެ.