ޔުވެންޓާސް

ލީގް ޗެމްޕިއަކަން ހޯދައި ޔުވެންޓަސްއަށް ބޮޑު ރެކޯޑެއް

އިޓާލިއަން ސޭރިއާ ނުވަތަ އިޓަލިއަން ލީގްގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ހޯދައި، އިޓަލީގެ ގަދަ ބާރު ޔުވެންޓަސްއިން ތާރީހީ ބޮޑު ރެކޯޑެއް ގާއިމު ކޮށްފި އެވެ.

އިޓާލިއަން ލީގްގެ އެންމެ ކާމިޔާބު ޓީމު، ޔުވެންޓަސްއިން ލީގް ޗެމްޕިއަންކަން ކަށަވަރު ކުރީ ރޭ ފިއޮރެންޓީނާގެ މައްޗަށް 2-1 ން ހޯދި މޮޅާއެކު އެވެ. މިއީ އިޓާލިއަން ލީގްގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދި 37 ވަނަ ފަހަރެވެ.

ޖެހިޖެހިގެން އަށް ވަނަ ފަހަރަށް، ލީގް ޗެމްޕިއަންކަން ހޯދައި ޔުވެންޓަސް މިވަނީ ދުނިޔޭގެ ފުޓްބޯޅައިގައި ބޮޑު ރެކޯޑެއް ގާއިމު ކޮށްފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ފަސް ލީގްގެ ތެރެއިން ލީގެއްގެ ޓީމަކަށް، އެ ލީގްގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ހޯދުނީ ހަމައެކަނި ޔުވެންޓަސް އަށެވެ. ދުނިޔެގޭ އެންމެ ބޮޑު ފަސް ލީގަކީ، ސޭރިއާ، ސްޕެނިޝް ލަލީގާ، ފްރާންސްގެ ލީގް އެކެއް، ޖަރުމަން ބުންޑެސް ލީގާ އަދި އިނގިރޭސި ވިލާތުގެ ޕްރިމިއާ ލީގެވެ.

ރޭ ގެ މެޗު، ޔުވެންޓަސް ކާމިޔާބު ކުރީ، ފިއޮރެންޓީނާއިން ލީޑް ނަގާފައި އޮއްވާ، ފަހަތުން އަރައި ކާމިޔާބު ކުރި ދެ ލަނޑުންނެވެ. ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ހޮލެންޑްގެ އަޔެކްސް އަތުން ބަލިވެ ހިތްދަތި ގޮތަކަށް މުބާރާތުން ވަކިވާން ޖެހުމުން ޔުވެންޓަސްގެ ކުޅުންތެރިންނަށް މާޔޫސްކަން ކުރިމަތިވި އެވެ. މިއީ އޭގެ ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

މެޗު ފެށިގެން ހަ ވަނަ މިނެޓްގައި، ފިއޮރެންޓީނޯގެ ލަނޑު ކާމިޔާބު ކުރީ ނިކޮލާ މިލޮންކޮވިޗް އެވެ. އޭގެ 30 މިނެޓް ފަހުން އެލެކްސް ސެންޑްރޯ ވަނީ ޔުވެންޓަސްއަށް ނަތިޖާ ހަމަހަމަ ކޮށްދީފަ އެވެ. ޔުވެންޓަސްގެ ދެ ވަނަ ލަނޑަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ނެގި ހުރަހެއް ފިއޮރެންޓީނާގެ ޖާމަން ޕެޒެއްޔާގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

އިއްޔަ އަކީ، ޔުވެންޓަސްއަށް ވަރަށް ހާއްސަ ދުވަހެކެވެ. އެ ކުލަބުގެ އަންހެން ޓީމުވެސް ވަނީ އިއްޔަ އިޓާލީގެ އަންހެން ލީގް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދާފަ އެވެ.

ޔުވެންޓަސްގެ ކާމިޔާބާއެކު، އެންމެ ހާއްސަ ކާމިޔާބެއް ލިބުނީ ޓީމުގެ ތަރި ރޮނާލްޑޯ އަށެވެ. އޭނާގެ މި ކާމިޔާބާއެކު އޭނާ ވެފައި ވަނީ ޕްރިމިއާ ލީގާއި ސްޕެނިޝް ލީގް އަދި އިޓާލިއަން ލީގް ހޯދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

ރޮނާލްޑޯ ބުނީ، އިޓަލީިގެ ފުރަތަމަ ސީޒަންގައި ލީގް ޗެމްޕިއަންކަން ލިބުމަކީ ވަރަށް ހާއްސަ އުފަލެއް ކަމަށާއި އަންނަ ސީޒންގައި އެއަށްވުރެ ބޮޑެތި ކާމިޔާބުތަކެއް ހޯދުމަށް އުންމިދު ކުރާ ކަމަށެވެ.