ބޭރު ކުޅިވަރު

ގްލެން ޖޯންސަން ސްޓޯކް ސިޓީ އަށް

Jul 13, 2015

ލިވަޕޫލްގެ ކަނާތު ބެކް ގްލެން ޖޯންސަން ސްޓޯކް ސިޓީ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ހަ އަހަރު ލިވަޕޫލްގައި ހޭދަކުރުމަށްފަހު އެހެން ކުލަބަކަށް މިދިޔައީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ކޯޗު ބްރެންޑަން ރޮޖާސް ބޭނުންނުވުމުންނެވެ.

ކުރިން ވެސްޓްހޭމް އާއި ޗެލްސީ އަށް ވެސް ކުޅުނު ޖޯންސަން ލިވަޕޫލާ ގުޅުނީ 17.5 މިލިއަން ޕައުންޑަށް ޕޯޓްސްމަތުންނެވެ.

ހުސްވި ސީޒަނުގައި އިނގިރޭސި ލީގުގެ ނުވަ ވަނާގައި ލީގު ނިންމާލި ސްޓޯކް ސިޓީގެ ކޯޗު މާކް ހިއުސް ބުނީ އިނގިރޭސި ގައުމީ ޓީމަށް 54 މެޗު ކުޅެދީފައިވާ ޖޯންސަން އަކީ އޭނާ ޓީމަށް ލިބުނު މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ނިންމުމެއް މި ކުލަބުން ނިންމި. އޭނާ ވަނީ ބޮޑު އަގެއްގައި ލިވަޕޫލަށް ބަދަލުވެ، އެތަނުގައި ޕްރެޝަރާކުރިމަތިލައި ކާމިޔާބު ވެސް ހޯދާފައި. އަހަރުމެންނަށް އޭނާގެ ބޭނުން ކުރެވޭނެ،" ހިއުސް ބުންޏެވެ.