ހަބަރު

36 ފުޅި ބަނގުރަލާއި 415 ކިލޯ އޫރުމަސް ނައްތާލައިފި

ގަވައިދާ ހިލާފުވެގެން ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސްގައި ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަސް މިއަދު ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ތަކެތި ނައްތާލީ ތިލަފުށީގެ ކުނި ނައްތާލާ ސަރަޙައްދުގައި މިއަދު ކަސްޓަމްސް އޮފިސަރުންނާއި ނޫސްވެރިންގެ ވެސް ހާޒިރުގަ އެވެ. މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 36 ފުޅި ބަނގުރަލާއި 415.45 ކިލޯގެ އޫރު މަހެވެ.

މި ތަކެއްޗަކީ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ހިފަހައްޓާފައިވާ ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފަހައްޓާފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާން ކުރެ އެވެ.