ދުނިޔެ

ޔުކްރޭންގެ ކޮމެޑީ ސީރީޒްގެ ރައީސް ގައުމުގެ ރައީސަކަށް

ޔުކްރޭންގެ މަޝްހޫރު ކޮމީޑިއަން ވޮލޮޑައިމިއާ ޒެލެންސްކީ އެ ގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

މިހާތަނަށް ވޯޓުގެ 90 ޕަސެންޓް ގުނާފައިވާއިރު ވޯޓުގެ 73.21 ޕަސެންޓް ކާމިޔާބު ކުރެއްވުމަށް ފަހު 41 އަހަރުގެ ޒެލެންސްކީ ވަނީ ބޮޑު ތަފާތަކުން މިހާރުގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯގެ މައްޗަށް ކާމިޔާބު ހޯއްދަވާފަ އެވެ.

ޔުކްރެއިންގެ ރައްޔިތުންނަށް މި އިންތިހާބުގައި ހޮވަން އިހުތިޔާރު ލިބިފައިވަނީ ފަސް އަހަރު ދުވަހުގެ ސިޔާސީ ތަޖުރިބާ ލިބަފައިވާ ޕޮރޮޝެންކޯ އާއި ސިޔާސީ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައި ނުވާ އެގައުމުގެ ކޮމެޑީ ސީރީޒްއެއްގައި ރައީސެއްގެ ރޯލު އަދާ ކުރި އެކްޓަރެކެވެ.

"ރަސްމީ ގޮތުން އަހަރެން އަދި ރައީސަކަށް ނުވޭ. އެކަމަކު ޔުކްރެއިންގެ ރައްޔިތެއްގެ ގޮތުގައި ހުރެ ސޮވިއެޓް ޔޫނިއަންގެ ހުރިހާ ގައުމަކަށް ވެސް ބުނެލަން ބޭނުން. އަހަރެމެންނަށް ބަލާބަލަ. އަހަރެމެންނަށް ކޮންމެ ކަމެއްވެސް ކުރެވިދާނެ"، އިއްޔެގެ ކާމިޔާބީއަށް ފަހު ސަޕޯޓަރުންނާއި މުހާތަބު ކުރައްވަމުން ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ ވިދާޅުވީ އެ މަނިކުފާނު ދުވަހަކު ވެސް ޔުކްރެއިންގެ ރައްޔިތުން ދެރަ ނުކުރާނެ ކަމަށެވެ.

އިންތިހާބުގައި ލިބިފައިވާ ނާކާމިޔާބީއަށް ފަހު ޕެޓްރޯ ޕޮރޮޝެންކޯ ބަލި ގަބޫލު ކުރައްވަމުން ވިދާޅުވަނީ ރައީސްކަމަށް މިފަހަރު އިންތިހާބު ނުވިނަމަވެސް އެ މަނިކުފާނު ސިޔާސީ ދުނިޔެއާ ދުރަށް ވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އަލަށް އުފެދޭ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިންތިހާބުގެ ފަހު ނަތީޖާ މިރޭ އެގައުމުގައި އިއުލާން ކުރާނެ އެވެ.