ހަބަރު

ދިވެހިން އުޅޭ ގެތައް ފާސްކުރުމަކީ އިއްތިފާގެއް: އެމްބަސީ

Apr 22, 2019
2

އިއްޔެ ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ދިވެހިން ދިރިއުޅޭ ގެތައް ސަލާމަތީ ބާރުތަކުން ފާސްކުރުމަކީ އިއްތިފާގެއް ކަމަށާއި، ވަކި ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފި އެވެ.

ހަތިޔާރު އެޅި ސިފައިން ކުއްތާތަކާއެކު ވަދެ ދިވެހިން އުޅޭ ގެތައް ފާސްކުރަމުންދާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް، އެމްބަސީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވި ގޮތުގައި، ދިވެހިން އުޅޭ ބައެއް ގެތައް ބަލައި ފާސްކޮށްފައިވީ ނަމަވެސް، އެއީ އިއްތިފާގެއް ކަމަށެވެ.

"އެއީ ހަމަ ރެންޑަމްކޮށް ކުރާ ކަމެއް. އެމީހުން ވަދެ އެކި ގެތައް ޗެކު ކުރަމުންދަނީ. އެގޮތުން ދިވެހިން އުޅޭ ބައެއް ގެތަކަށް ވަދެފައިވަނީ. އެއީ ހަމަ އިއްތިފާގެއް. ދިވެހިންނަށް ހާއްސަކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫން،" އޮފިޝަލު ވިދާޅުވި އެވެ.

އެގޮތަށް ބަލާ ފާސްކުރުމަށް އައުމުން އެއްބަރުލުން ދިނުމަށް ވެސް ލަންކާގައި ދިރިއުޅޭ ދިވެހިންގެ ކިބައިން އެދޭކަމަސް އޮފިޝަލު އިތުރަށް ވިދާޅުވި އެވެ.

އިއްޔެގެ ބޮމުގެ ހަމަލާތަކާއި ގުޅިގެން، މިރޭ ދަންވަރު 12.00 އިން ފެށިގެން ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެގޮތުން ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ރައީސް މައިތިރިޕާލަ ސިރިސޭނަ ވަނީ ދެއްވައިފަ އެވެ.

ކުއްލި ހާލަތު އިއުލާނުކުރަން ނިންމާފައިވަނީ އެ ހަމަލާތަކުގައި "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ސަރުކާރުން ބުނެފައިވަނި ކޮށެވެ.

އަދި ލަންކާގެ ރައީސް ވަނީ ހަމަލާތަކުގެ ތަހުގީގަށް ބޭރުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

"އަހަރެމެން ގަބޫލެއް ނުކުރަން އިއްޔެ ދިން ހަމަލާތައްދީފައިވަނީ ހަމައެކަނި މި ގައުމުގައި ހަރަކާތްތެރިވާ ބައެއް ކަމަށް. އިންޓަނޭޝަނަލް ނެޓްވޯކެއްގެ އެހީތެރިކަން ނުލިބި އެ ހަމަލާތަކެއް ނުދެވުނީސް،" ކެބިނެޓް ސެކްރެޓަރީ ރަޖިތަ ސޭނަރަތުނަ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ކްރިސްޓިއަނުން އިއްޔެ ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 290 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.