ދަތުރުފަތުރު

ލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު 18 ޕަސެންޓް ދަށަށް

Jun 21, 2019
7

ދިވެހިން ކުރިން ގިނަ އަދަދަކަށް ދަތުރުކުރި، އަވަށްޓެރި ސްރީލަންކާ އަށްދާ ދިވެހިންގެ އަދަދު 18 ޕަސެންޓް ދަށަށް ގޮސްފި އެވެ.

މިދިއަ އޭޕްރީލް މަހު ސްރީލަންކާ އަށް ސިލްސިލާކޮށް ބޮމުގެ ޓެރެރިސްޓު ހަމަލާތަކެއް ދީ ގިނަ ބަޔަކު މަރާލި ހާދިސާތަކަށްފަހު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ މަހު ސްރީލަންކާ އަށް 4,655 ދިވެހިން ދަތުރު ކުރި އެވެ. މިއީ މިދިޔަ އަހަރު އެ މުއްދަތުގައި ދިޔަ 5,696 ދިވެހިންނާ އަޅާ ބަލާއިރު، 18 ޕަސެންޓުގެ ދަށް އަދަދެކެވެ.

ސްރީލަންކާ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބިގެން ދިޔަ އެޕްރީލް މަހުގެ ހަމަލާއަށް ފަހު އެ ގައުމުން ޓޫރިޒަމްގެ ތަފާސް ހިސާބުތައް ނެރުން ވެސް ވަނީ މެދު ކަނޑާލާފަ އެވެ.

ސްރީލަންކާ ޓޫރިޒަމްގައި ދިވެހިން ބޮޑު ދައުރެއް އަދާކުރެ އެވެ. ނަމަވެސް ނިމިދިޔަ ފިތުރު އީދު ބަންދުގައި ވެސް ސްރީލަންކާ އަށް ދިވެހިން ދަތުރު ކުރީ ވަރަށް މަދުން ކަމަށް އެއާލައިންތަކުން ވަނީ ބުނެފަ އެވެ. އެ ގައުމަށް އެންމެ ގިނައިން ޓޫރިސްޓުންދާ ހަތް ގައުމުގެ ތެރޭގައި އަބަދު ވެސް ދިވެހިން ހިމެނެ އެވެ. އަދި ސްރީލަންކާ އަށް ދަތުރުކުރާ ދިވެހިން ޓިކެޓު ފިޔަވައި އެހެނިގެން ހަރަދުގެ ގޮތުގައި އެވްރެޖު ގޮތެއްގައި 600 ޑޮލަރު ވަރު ހޭދަ ކުރާ ކަމަށް ދިވެހިން ބޭރުގައި ކުރާ ހަރަދުގެ ސާވޭއިން ދައްކަ އެވެ.

ސްރީލަންކާގައި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ދިން ޓެރެރިސްޓު ހަމަލާއާ ގުޅިގެން ގިނަ ގައުމުތަކުގެ މީހުން ދިއުން ވަނީ މަދުވެފަ އެވެ. އެ ގައުމަށް ދާ މީހުންގެ އަދަދު ވަނީ 80 ޕަސެންޓް ދަށަށް ގޮސް، އެ ގައުމުގެ ޓޫރިޒަމް އޮކިއުޕެންސީ ރޭޓް ވަނީ 85 ޕަސެންޓް ދަށަށް ގޮސްފަ އެވެ.