ހަބަރު

ލަންކާއަށް ދިން ހަމަލާގައި ދިވެއްސެއްގެ ބައިވެރިވުމެއް ނެތް: ފުލުހުން

ސްރީލަންކާގައި މިދިޔަ އަހަރު އެޕްރީލް މަހުގައި ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރު ލަންކާގައި ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހަތަރު ދިވެއްސެއް ހައްޔަރުކުރި ކަމަށް މިއަދު ބައެއް ނޫސްތަކުގައި ލިޔެފައި ވީނަމަވެސް އެ ހަމަލާ އާއި ގުޅިގެން މިހާތަނަށް އެއްވެސް ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް ލަންކާގެ ކަމާބެހޭ އިދާރާއަކުން ފުލުހުންނަށް އަންގާފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ އަހަރު އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ޓެރަރިސްޓު ހަމަލާގައި މިހާތަނަށް އެއްވެސް ދިިވެއްސެއްގެ ބައިވެރިވުމެއްވާ ކަމަށް ލަންކާގެ ކަމާބެހޭ އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައިވެސް ނުވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ގުޅުންހުރި އިތުރު މުއައްސަސާތަކާއި ގުޅިގެން ގައުމީ ފެންވަރުގައްޔާއި ބައިނަލް އަގްވާމީ ފެންވަރުގައި ކުރަންޖެހޭ އެންމެހައި ކަންކަން ފުލުހުންގެ މުއައްސަސާއިން ކުރަމުންދާނެ ކަމަށެވެ.

ހަމަލާތަކާ ގުޅިގެން 216 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތަކުގައިވެ އެވެ. ލަންކާ ނޫސްތަކުން އެ ގައުމުގެ ފުލުހުންގެ ލީގަލް ޑިޕާޓްމެންޓްގެ ވެރިޔާ އަޖިތު ރޮހާނައާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން ހައްޔަރުކުރި 216 މީހުން ތެރެއިން 153 މީހަކަށް ޓެރަރިޒަމްގެ ތުހުމަތު ކުރެވެ އެވެ.

އެމީހުންގެ ބަންދު ވެސް ޓަރަރިޒަމް މަނާކޮށް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޖަހާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އެ ތުހުމަތު ކުރާ މީހުންގެ ތެރޭގައި ހަތަރު ދިވެހިން ވެސް ހިމެނެ އެވެ. ނަމަވެސް އެމީހުން ހައްޔަރުކޮށް ބަންދު ޖަހާފައިވާ މުއްދަތުގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލަކަށް ދިން ޓެރަރިޒަމްގެ ހަމަލާގައި 200 އަށްވުރެ ގިނަ މީހުން މަރުވި އެވެ. މި ހަމަލާތަކާ ގުޅިގެން ލަންކާގެ ސެކްރިޓީ ވަރުގަދަކޮށް ބޮޑު އޮޕަރޭޝަނެއް ވެސް ފެށި އެވެ.