ހަބަރު

ލަންކާ ހަމަލާތަކާ ރާއްޖެއާ ގުޅުމެއް ނެތް: ސަރުކާރު

Apr 22, 2019
2

އިއްޔެ ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ބައިވެރި މީހުން ރާއްޖެއާ ގުޅުން އޮތް ކަމަށް ދެކެވޭ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.

ކްރިސްޓިއަނުން އިއްޔެ ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 290 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.

އެ ހަމަލާތައްދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވަމުންދިޔަ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު އެ ހަމަލާތަކުގައި ބައިވެރިވިކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން، އެ ހަމަލާތަކުގައި ބައިވެރިވި ޒަފްރާން ހާޝިމް ނަމަކަށް ކިޔާ ލަންކާ މީހާ، ރާއްޖޭގައި އުޅުނު ކަމަށާއި، ދިވެހިންނާ ގުޅިގެން ޖިހާދަށް މީހުން ފޮނުވުމުގައި ހަރަކާތްތެރިވެފައިވާކަމަށް ލަންކާގެ ޓީވީ ޗެނަލަކުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް، ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ލަންކާގައި ދިން ހަމަލަތަކާ ރާއްޖެއާ ގުޅުމެއް އޮތްކަމަށް އެއްވެސް ފަރާތަކުން މައުލޫމާތު ދީފައިނުވާކަމަށް ވެސް އެ ސެންޓަރުން އިތުރަށް ބުނެފައިވެ އެވެ.

އެ ހަމަލާތަކާއި ގުޅިގެން ދިވެހިން ދިރިއުޅޭ ގެތައް ލަންކާގެ ސަލާމަތީ ބާރުތަކުން ފާސްކުރުމަކީ އިއްތިފާގެއް ކަމަށާއި، ވަކި ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފަ އެވެ.

ހަތިޔާރު އެޅި ސިފައިން ކުއްތާތަކާއެކު ވަދެ ދިވެހިން އުޅޭ ގެތައް ފާސްކުރަމުންދާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް، އެމްބަސީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވި ގޮތުގައި، ދިވެހިން އުޅޭ ބައެއް ގެތައް ބަލައި ފާސްކޮށްފައިވީ ނަމަވެސް، އެއީ އިއްތިފާގެއް ކަމަށެވެ.

"އެއީ ހަމަ ރެންޑަމްކޮށް ކުރާ ކަމެއް. އެމީހުން ވަދެ އެކި ގެތައް ޗެކު ކުރަމުންދަނީ. އެގޮތުން ދިވެހިން އުޅޭ ބައެއް ގެތަކަށް ވަދެފައިވަނީ. އެއީ ހަމަ އިއްތިފާގެއް. ދިވެހިންނަށް ހާއްސަކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫން،" އޮފިޝަލު ވިދާޅުވި އެވެ.

އިއްޔެގެ ބޮމުގެ ހަމަލާތަކާއި ގުޅިގެން، މިރޭ ދަންވަރު 12.00 އިން ފެށިގެން ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެގޮތުން ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ރައީސް މައިތިރިޕާލަ ސިރިސޭނަ ވަނީ ދެއްވައިފަ އެވެ.

އަދި ލަންކާގެ ރައީސް ވަނީ ހަމަލާތަކުގެ ތަހުގީގަށް ބޭރުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ގޮވާލައްވައިފަ އެވެ.

އެ ހަމަލާގައި ދިވެއްސަކު ބައިވެރިވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގައި މިއަދު ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްފަހު ސިފައިންނާއި ފުލުހުން ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި ކޮމިޝަނާ ވިދާޅުވީ ހަމަލާތަކާ ގުޅިގެން މިހާތަނަށް ފުލުހުން ބެލިބެލުމުން އެއްވެސް ދިވެއްސަކު އެ ހަމަލާތައް ދިނުމުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެއްފަދަ އެއްވެސް މައުލޫމާތެއް ވެސް ލިބިފައިނުވާ ކަމަށެވެ.