އަހުމަދު ނިހާން ހުސައިން މަނިކު

ގައުމަށް ނުރައްކަލެއް އޮތްނަމަ އެކަން ސާފުކޮށްދީ: ނިހާން

މާލޭ ތެރޭގައި ސިފައިން ހަތިޔާރު އަޅައިގެން އުޅެނީ ގައުމުގެ ރައްޔިތުންނަށް ނުވަތަ ގައުމަށް ނުރައްކަލެއް ކުރިމަތިވާތީ ކަމަށްވާނަމަ އެކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކުން ސާފުކޮށްދޭން ޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ރޭ ދަންވަރު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ، މާލޭ ތެރޭގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާ ސަބަބު ރައްޔިތުންނަށް އެކަށީގެންވާ ވަރަށް އެނގިފައި ނެތް ކަމަށެވެ. ސަލާމަތީ ބާރުތަކުން ދެވެން ހުރި މައުލޫމާތެއް ދެވެން ހުރި މިންވަރަކުން ރައްޔިތުންނަށް ދިނުން މިފަދަ ދަނޑިވަޅެއްގައި މުހިންމު ކަމަށް ނިހާން ވިދާޅުވި އެވެ.

"ސިފައިން ހަރަކާތެރިވަމުންދާ މަންޒަރު، މިކަންބޮނޑުވުން ބިރުވެރިކަމެއްގެ ތެރެއަށް ރައްޔިތުން ދިޔައީތޯ ނުވަތަ ގޮތެއް ކަމެއް ވަނީތޯ، އެފަދަ ކަމެއް ވާނަމަ އޮޅުވާނުލާ ރައްޔިތުންނާ ހަމައަށް އެނގެން އޮތް މިންވަރަކުން އަންގަވައި ދެއްވުމަކީ ސަލާމާތީ ބާރުތަކުން ކުރައްވަން ޖެހޭ ކަމެއް"

ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލަމާތީ ކަންކަން ވަރުގަދަކޮށް ސިފައިންނާއި ފުލުހުން ވަނީ ގުޅިގެން އެއްގަމު އަދި ކަނޑުގެ ސަރަހައްދުގެ ހަތިޔާރާއެކު ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ތަމްރީނުތަށް މިހާރު ވަނީ ނިންމާލައިފަ އެވެ. ސިފައިން ބުނެފައި ވަނީ އެ ތަމްރީނުތަކަކީ ވަކި ހާއްސަ ކަމަކާއި ނުވަތަ ރާއްޖެއަށް އެއްވެސް ކަހަލަ ނުރައްކަލެއް އޮވެގެން ކުރިއަށް ގެންދާ ތަމްރީނުތަކެއް ނޫން ކަމަށެވެ.

ސިފައިން ބުނެފަ ވަނީ، އެތަމްރީނުތަކަކީ ދިމާވެދާނެ ޓެރަރިޒަމްގެ ހަމަލާއަކުން އަރައިގަތުމުގެ ގޮތުން ހެދި ތަމްރީނު ތަކެއް ކަމަށެވެ. ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާއިން ވެސް ބުނެފަ ވަނީ ރާއްޖެއަަށް އެއްވެސް ކަހަލަ ނުރައްކަލަކާއި ދިމާވެފައި ނެތް ކަމަށެވެ. ނަމަވެސް ޝައްކު ކުރެވޭ ކަމެއް ހިނގާނަމަ އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައި އެވެ.